ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ވޯޓްފޮށި ބެހެއްޓޭ ވަރަށް އަދި ރަޖިސްޓްރީކުރީ އެންމެ ރިސޯޓަކުން

ވޯޓްފޮށި ބެހެއްޓޭ ވަރަށް މިހާތަނަށް ރީ-ރަޖިސްޓްރީކުރީ އެންމެ ރިސޯޓަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަދި އިސް ތަރުޖަމާން އަހުމަދު އަކްރަމް ވިދާޅުވީ ރިސޯޓްތަކުގައި ވޯޓް ފޮށި ބެހެއްޓުމަށް ފުރުސަތު ހުޅުވާލި 53 ރިސޯޓްގެ ތެރެއިން ވޯޓް ފޮށި ބަހައްޓަން ކަނޑައެޅި އަދަދަކަށް މީހުން ރަޖިސްޓްރީވެފައިވަނީ އެންމެ ރިސޯޓަކުން ކަމަށެވެ.

އެއީ ކުލަބް މެޑް ކަނިފިނޮޅު ރިސޯޓެވެ.

އަކްރަމް ވިދާޅުވީ ވޯޓް ފޮށި ބެހެއްޓުމަށް ފުރުސަތު ހުޅުވާލި 53 ރިސޯޓްވެސް ވޯޓް ފޮށި ބެހެއްޓީ އެ ރިސޯޓަކަށް ވޯޓްލުމަށް 50 މީހުން ރަޖިސްޓްރީކޮށްފިނަމަ ކަމަށެވެ.

"ރިސޯޓެއްގައި ވޯޓް ފޮއްޓެއް ބެހެއްޓޭނެ ގާނޫނީ އަދަދެއްވާނީ ކަނޑައަޅާފައި. އެއީ 50 މީހުން ރަޖިސްޓްރީ ކުރުން. އިއްޔެ ނިޔަލަށް ރަޖިސްޓްރީކުރި މީހުންނަށް ބަލާނަމަ އަދި ވޯޓް ފޮށި ބެހެެއްޓޭނީ ކުލަބް މެޑް ކަނިފިނޮޅު އެކަނި." އަކްރަމް ވިދާޅުވިއެވެ.

ރީ ރަޖިސްޓްރީވުމުގެ ފުުރުސަތު މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެހެން ކަމުން ރިސޯޓްތަކުގައި ވޯޓްލާން ބޭނުންވާ މީހުން ރަޖިސްޓްރީ ވުމަށް އަކްރަމް އިލްތިމާސް ކުރެއްވިއެވެ.

ރިޔާސީ އިންތިހާބުގައި ވެސް ފުރަތަމަ ހުޅުވާލި ފުރުސަތުގައި ވޯޓް ފޮށި ބެހެއްޓޭ މިންވަރަށް ރަޖިސްޓްރީވީ ވަރަށް މަދު ރިސޯޓަކުންނެވެ. އެއީ އެތަކަށް ބަޔަކަށް ވޯޓްލުމުގެ ހައްގު ގެއްލިގެންދާނެ ކަމެއް ކަމަށް ބުނެ އޭރު ވަރަށް ބޮޑަށް އަޑުއުފުލިއެވެ. އެހެން ކަމުން އިތުރު ފުރުސަތެއް ދީ، ފަހުން ވަނީ ގިނަ ރިސޯޓްތަކެއްގައި ވޯޓް ފޮށި ބަހައްޓާފައެވެ.