ދެހާސް ފަނަރަ ވަނަ އަހަރު ފާހަގަކުރި މިނިވަން 50އާ ގުޅިގެން ހޯމް މިނިސްޓްރީން ހިންގި އެއްވެސް ކަމެއްގައި ކޮރަޕްޝަންގެ އަމަލެއް ހިމެނިފައިނުވާނެ ކަމަށާ އެ ކަންކަން ބެލުމުން ފެންނާނީ "ހުދު ވަލެއް" ކަމަށް އޭރު ހޯމް މިނިސްޓަަރަކަށް ހުންނެވި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވެފައިވަނީ މިނިވަން 50އާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިމެނި ގިނަ މައްސަލަތަކެއް ތަހުގީގުކޮށް ނިމި، މިހާރުވެސް 39 މައްސަލައެއްގެ ތަހުގީގު ކުރިއަށްދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނުމާއި ގުޅިގެންނެވެ.
އޭސީސީގެ އެ ތުހުމަތުތައް ދޮގުކޮށް އުމަރު ވިދާޅުވީ މިނިވަން 50އާ ގުޅިގެން ހޯމް މިނިސްޓްރީން ހިންގި އެއްވެސް ކަމެއްގައި ކޮރަޕްޝަންގެ އަމަލެއް ހިމެނިފައިވާނަމަ ނިމިގެންދިޔަ ފަސް އަހަރުގެ ތެރޭގައި އެކަމެއް ފެނި، ދައުވާކޮށް މިހާރު ހުކުމްވެސް ކޮށްފައިވީސް ކަމަށެވެ.
"އަޅުގަނޑުގެ ގައިގައި ހިފޭވަރުގެ ކަމެއް އޮތްތޯ ދެ ސަރުކާރުން [ރައީސް ޔާމީންގެ ސަރުކާރާ، ރައީސް ސޯލިހްގެ ސަރުކާރުން] ބަލާ ހާވައިފި، ފެނުނީ 'ހުދު ވަލެއް'. އިތުރަށް ހޭވިޔަސް ފެންނާނީ 'ހުދު ވަލެއް'".
އުމަރު ވިދާޅުވީ ކޮންމެ މަހަކު އެއް ފަހަރު ސަރުކާރަށް ތާއީދުކުރާ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އެ ވާހަކަތައް އެރުވިޔަސް އެމަނިކުފާނު ކުރެއްވި ގާނޫނީ ކުށެއް ނުދެއްކޭނެ ކަމަށެވެ.
މިނިވަން 50ގެ ހުރިހާ މަސައްކަތްތަކެއް ކުރީ އޭސީސީއާ އޮޑިޓްއަށް ލިޔެ، އެ މުއައްސަސާތަކުުގެ ބެލުމުގެ ދަށުން ފިނޭސް މިނިސްޓްރީގެ ހުއްދަވެސް ހޯދައިގެން ކަމަށް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ކުންފުންޏެއް، އަތްބެއް، ދަރިއެއް އެއްބަނޑު/އެއްބަފާ މީހެއްގެ ހޖިއްސާ އޮންނަ ކުންފުންޏަަކަށްވެސް، އެއްވެސް މަސައްކަތެއް ދީފައެއް ނޯންނާނެ. މަސައްކަތްތައް ހަވާލުކުރީ އެންމެ ގާބިލް ފަރާތްތަކަށް. ހުރިހާ ފަރާތްތަކުން ގަޑިއަށް މަސައްކަތްތައް ނިންމާ، މުޅި ރާއްޖޭ ފަހުރުވެރިވާ ވަރުގެ ވަރުގަދަ އީދަކަށް މިނިވަން 50 ހެދިން." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރާއްޖޭގައި ނަޒާހަތްތެރި ތެދުވެރި ހިންގުތެރި ސަރުކާރެއް 2023 ގައި ގާއިމުކުރައްވާނީ އޭނާ ކަމަށެވެ.
މިނިވަން 50ގެ ހަރަކާތްތަކަށް 70 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައާ ހިލާފަށް ކަމަށް އޮޑިޓް އޮފީހުން ނެރުނު ރިޕޯޓެއްގައި ކުރިން ވަނީ ބުނެފައެވެ.