ބޮލީވުޑް

އަކްޝޭގެ "ސޫރިޔަވަންޝީ" ރިލީޒްކުރުން އަވަސްކޮށްފި

އަކްޝޭ ކުމާރާއި ކެޓުރީނާ ކައިފް ލީޑް ރޯލު ކުޅޭ "ސޫރިޔަވަންޝީ" ރިލީޒްކުރުން އަވަސްކޮށްފި އެވެ. މި ފިލްމަކީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮޕް ފްރެންޗައިސްގެ ތިންވަނަ ފިލްމެވެ. މީގެ ކުރިން ރޯހިތު އުފެއްދި ކޮޕް ފްރެންޗައިސްގެ ދެ ފިލްމަކީ ރަންވީރު ސިންގް ލީޑް ރޯލު ކުޅޭ "ސިމްބާ" އާއި އަޖޭ ދޭވްގަން ލީޑް ރޯލު ކުޅުނު "ސިންހަމް" އެވެ. ރޯޙިތުގެ މިފަހަރުގެ ފިލްމުގައި އަޖޭ އާއި ރަންވީރުގެ ޚާއްސަ ފެނިލުމެއް ހިމަނާފައި ވެއެވެ.

އައިއެމްބީޑީގެ މައުލޫމާތަށް ބަލާއިރު "ސޫރިޔަވަންޝީ" އަކީ މިއަހަރު އެންމެ ގިނަ ބަޔަކު ބަލާހިތުން އިންތިޒާރުކުރަމުންދާ ފިލްމެވެ. ބެލުންތެރިން އުފާކޮށްލުމަށް ފިލްމު ރިލީޒްކުރާ ދުވަސް މިހާރު ވަނީ އަވަސްކޮށްފަ އެވެ.

ހޯމަ ދުވަހު އަކްޝޭ ކުރި ޓުވީޓަކާ އެކު ޝެއާ ކުރި 58 ސިކުންތުގެ ވީޑިއޯގައި ފިލްމު ރިލީޒްކުރުން އަވަސްކޮށްފައިވާކަން ވަނީ ހާމަކޮށްފަ އެވެ. ކުރިން މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިއޮތީ މާޗް 27 ވަނަ ދުވަހު ނަމަވެސް މިހާރު ހަމަޖެހިފައިވާ ގޮތުން މާޗް 24 ވަނަ ދުވަހު ފިލްމު ރިލީޒްކުރާނެ އެވެ.

އާއްމުކޮށް ބޮލީވުޑް ފިލްމުތައް ރިލީޒްކުރަނީ ހުކުރު ދުވަހު ނަމަވެސް "ސޫރިޔަވަންޝީ" ރިލީޒްކުރަނީ އަންގާރަ ދުވަހު އެވެ. އެއީ އިންޑިއާގައި ޚާއްސަ މުނާސަބަތެއް ފާޙަގަކުރާ ދުވަހަކަށްވެފައި ރަސްމި ބަންދު ދުވަހެއް ކަމުން ފިލްމު ބަލަން ގިނަ ބަޔަކު ތިއޭޓަރުތަކަށް ވަންނާނެ ކަމަށް ބަލާފަ އެވެ.

ފިލްމުގެ ޑައިރެކްޓަރު ރޯހިތު ބުނީ ގިނަ ބަޔަކު މި ފިލްމަށް އިންތިޒާރު ކުރަނީ ފިލްމާ ދޭތެރޭ އުންމީދުތަކެއް ކުރެވޭތީ ކަމަށެވެ. އަދި ފިލްމު ކާމިޔާބު ކުރަން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި ބެލުންތެރިންނަށް ފިލްމު ވަރަށް ކަމުދާނެކަމަށް އުންމީދުކުރާ ކަމަށް ވެސް ރޯހިތު ބުންޏެވެ.