ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(23 ފެބްރުއަރީ 2020 އާ ގުޅޭ)

"މަންމަގެ ރުހުން އަހަރެން ހޯދާނަން... އެ ރުހުން ލިބެންދެން ހޭޒަލް މަޑުކޮށްދޭނަންތަ؟" މައްޗަށް އަރަމުން ދިޔަ ލަފްޓުތެރޭގައި ހުރެފައި ދާރިއަން އެނބުރިލީ ހޭޒަލްއާ ދިމާއަށެވެ. ރަކި ހިނިތުންވުމަކާއެކު ހޭޒަލް އިސްޖަހާލައިގެން ހުރެ ބޯޖަހާލިއެވެ.

"ތި އުނގުގައި މިވަގުތު ބޯއަޅާލެވޭނެނަމައޭ ހިތަށް އަރާ" ދާރިއަން ބުންޏެވެ.

"ދާ..ރި..އަ..ން" އަބުއި ގޮތަށް ދާރިއަންގެ ނަމުން ހޭޒަލް ގޮވާލިއެވެ. ދާރިއަންއަށް އެފަދަކަމަކަށް އެދެން ކެރުނީތީ ހޭޒަލް ލަދުގަތެވެ.

"ތިހެން ނުބަލަބަލަ...ޕްލީޒް..." ދާރިއަންގެ ނަޒަރު ހޭޒަލްއާ ވަކިނުވުމުން އޭނާއަށް އުނދަގޫވީއެވެ. މަޑުމަޑުން ދާރިއަންއާ ދުރަށް ޖެހުނެވެ.

ހޭޒަލްގެ ހަރަކާތްތަކަށް ބަލަން ހުރި ދާރިއަން ހޭންފެށިއެވެ. އޭނާގެ ހިތަށް އުފާވެރިކަން ވެރިވިއެވެ. ކުރީން ވެސް އޭނާ ހޭޒަލްއާ ދިމާއަށް ބަލައެވެ. އޭނާ ބަލަނިކޮށް ހޭޒަލްއަށް ވެސް ކިތަންމެ ފަހަރަކު ބަލާލެވިފައި އެބަހުއްޓެވެ. އެހެންނަމަވެސް މިހާރު އޭނާގެ ގާތުގައި ހުރި ހޭޒަލް ތަފާތެވެ. އޭނާގެ ބެލުމުން ހޭޒަލްގެ ފުށުން ލަދުވެތިކަން ފާޅުވެއެވެ. އެ ދެމެދުގައި ކުރިން އޮތް އެކުވެރިކަމުގެ އިތުރުން ތަފާތު ގުޅުމެއް އުފެދިއްޖެކަން ދާރިއަންއަށް ޔަގީންކޮށްދެނީ ހޭޒަލްގެ ފުށުން ފެންނަ ހަރަކާތްތަކެވެ. އެ މޫނުން ފާޅުވާ އަސަރުތަކެވެ. ލަދުން އުޅޭ ގޮތެވެ.

ހޭޒަލްގެ ތުންފަތް ވެސް ހޭންނުހޭން އުޅޭ ފަދައިން ހަރަކާތްކޮށްލިއެވެ. ދާރިއަން ހީނލުމުން އެ މޫނު ވަކިން އަލިވެގެން ދާހެން ހީވެއެވެ. އެ މަންޒަރު ފެންނަ މީހެއްގެ ހިތަށް ފިނިކަން ލިބޭފަދަ އިޙްސާސެއް ކުރުވައެވެ. ދާރިއަން ސަމާސާ ކުރެއެވެ. ލާނެތްކަން އެކުލެވޭ ސަމާސާތަކެވެ. އެހެންނަމަވެސް އެހެންމީހުންނާ އޭނާ ތަފާތުކަން ހޭޒަލްގެ ޟަމީރު ޤަބޫލުކުރެއެވެ.

އެޕާޓްމެންޓަށް ހޭޒަލްގެ ފަހަތުން ދާރިއަން ވަނެވެ. މީހަކު ފެންނަން ނެތިގެން ދާރިއަން އެއްޗެކޭ ބުނަންވާއިރަށް ހޭޒަލް ވާހަކަދެއްކިއެވެ. މަންމައާއި ބައްޕަ ތިބީ ބަދިގޭގައިކަން ބުންޏެވެ. އޭނާ ދާރިއަން ގޮވައިގެން އައީ ބަދިގެއަށެވެ. އެތަނުގައި ހުރި ކާމޭޒު ދޮށުގައި ރިޒްވާނު އިނެވެ. އޭނާގެ ކަނާއަތްފަރާތުގައި ސާއިރާ އިނެވެ. ވާހަކައިގައި ހީނލަ ހީނލާތިބި އެ ދެމަފިރިންގެ ސަމާލުކަން ދާރިއަންއާއި ހޭޒަލްއަށް ހުއްޓުނެވެ.

"އާދޭ އަވަހަށް..." ރިޒްވާނުގެ މޫނުގައިވި ހިނިތުންވުމާއެކު އޭނާ ވާހަކަދެއްކިއެވެ.

"ގުޑްމޯނިންގް..." ސަލާމްގޮވާލުމާއެކު ހެނދުނުގެ ސަލާމް ދާރިއަން ކޮށްލީ ސާއިރާއާއި ރިޒްވާނަށް ބަލާލަމުންނެވެ. ރިޒްވާނުގެ ކަނާއަތް ފަރާތުގައި އިން ސާއިރާ ތެދުވެ އެތަނުގައި ހޭޒަލް ބޭންދިއެވެ. އަދި ދަރިފުޅާ ޖެހިގެން އޭނާ އިށީނެވެ. ރިޒްވާނުގެ ވައަތްފަރާތުގައި ހުރި ގޮނޑި ދައްކާލަމުން ދާރިއަންއަށް ރިޒްވާނު ގޮވާލިއެވެ.

މޭޒުމަތީގައި ހުރިހާ ތަށިތައް ހުރީ ތައްޔާރުކުރެވިފައެވެ. ކޮފީ ޖަގާއި ކުޑަކުޑަ މުށީގެ ސައިކުރާ ދާރިއަންގެ ގާތަށް ޖައްސާލިއެވެ. އަމިއްލައަށް ބޭނުން އެއްޗެއް އިޚްތިޔާރުކުރުމަށެވެ. ދާރިއަން އަމިއްލައަށް އޭނާގެ ކުރިމަތީ ހުރި ޖޯޑަށް ކޮފީ އެޅިއެވެ. ރިޒްވާނު ވާހަކައެއް ފެށިއެވެ. މިހާރު ވެސް ދާރިއަންއަކީ އެ ޢާއިލާގެ މެންބަރެއް ކަހަލައެވެ. ދާރިއަންއަށް އިޙްސާސް ކުރެވުނީ އެގޮތަށެވެ. ރިޒްވާނާއި ސާއިރާ އޭނާއާ މެދު ބަހައްޓާ ގާތް ގޮތުންނެވެ.

"ކާރުގެ ތަޅުދަނޑި އަޅުގަނޑު ގެނައިން... މިގޭ ކައިރީ ޒޯންގަ ކާރު ބޭއްވީ" ވާހަކައިގެ ތެރެއިން ދާރިއަން ބުނެލިއެވެ.

"ދާރިއަންގެ ކާރު އަހަރެމެންގެ ގަރާޖުގައި އޮންނާނީ... ވާހަކައެއް ވެސް ދައްކާލަން އެބައޮތް، ސައިބޯލައިގެން ވަގުތު އޮންނާނެތަ؟..." ރިޒްވާނު ބުންޏެވެ.

"މަޑުކޮށްލެވިދާނެ..." ދާރިއަން ބުންޏެވެ. ރިޒްވާނު ބޯޖަހާލީއެވެ. އަދި އަނެއްކާ ވެސް އެހެންކަމަކާ ގުޅުވައިގެން ވާހަކައެއް ފަށައިފިއެވެ.

ސައިބޮއެ ނިންމާލައި ދާރިއަން ގޮވައިގެން ރިޒްވާނު އެރީ ހާމަފެންޑާއަށެވެ. އެތަނުގައި ހުރި ގޮނޑިތަކުގައި އެ ދެމީހުން އައިސް ހަމަޖެހިލިއެވެ. އެއާއެކު ދާރިންގެ ކާރުގެ ތަޅުދަނޑި ރިޒްވާނު ދިއްކޮށްލިއެވެ. އަދި ކާރާ ގުޅިގެން އޭނާ ސުވާލުކުރިއެވެ.

"ކާރުގައި ލިޔެފައި ހުރި އެއްޗަކާ ދާރިއަންއާ ގުޅުމެއްވޭތަ؟" ރިޒްވާނު އަހާލިއެވެ. ދެކަކުލުގައި އަތްއަޅުވާލައިގެން ކުޑަކޮށް ގުދުވެލައިގެން އިން ދާރިއަން އިސްޖެހިގޮތަށް އަނގައިން ނުބުންޏެވެ.

"ކާކުކަން އެކަން ކުރަނީއާ ކީއްވެކަން އެނގޭތަ؟" ރިޒްވާނު ސުވާލު ކުރުމުން ދެން ވެސް ދާރިއަން އެއްޗެކޭ ނުބުންޏެވެ.

"އަހަންނަށް ހީވަނީ ދާރިއަންއަށް އެނގޭހެން، ހޭޒަލްއާ ބައްދަލުކުރަން ފެށިފަހުންތަ ތިކަމެއް ދިމާވީ" ރިޒްވާނު އަހާލިއެވެ.

"ޒެލް ކައިރީ ނުބުނައްޗޭ... ޒެލްއަށް އެނގިއްޖެއްޔާ ބޭކާރުގޮތުގައި ފިކުރުބޮޑުވެދާނެ..." ދާރިއަން އިނީ ހާސްވެފައެވެ. އެހެންނަމަވެސް ރިޒްވާނުގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

"ލިއަމްގެ އަތެއްވޭ ދޯ" ރިޒްވާނު އަހާލިއެވެ.

"ޔަގީންކޮށް ބުނާކަށް ނޭނގެ، އެކަމަކު އޭނާގެ ރައްޓެހިންނަށް އަޅުގަނޑާއި ޒެލް އެކުގައި ފެނިއްޖެ، އޭގެ ފަހުން މިކަމެއް ދިމާވީ... ލަފާކުރެވެނީ ލިއަމްއަށް އެނގުނީހެން... އެ ދުވަހު އޭނާގެ ރައްޓެހިން އަޅުގަނޑުމެން ދެ މީހުންގެ ފޮޓޯ ވެސް ނެގި... ޒެލް އެދުނީ އެމީހުންނާ ކުރިމަތިނުލުމަށް... އެހެންވެ އަޅާނުލީ... އެދުވަހުވެސް ޒެލް ވަރަށް ދެރަވި، މިހާރު މިކަން އެނގިގެން އަނެއްކާ ވެސް ޒެލްއަށް އިތުރު ތަކުލީފެއް ދޭކަށް ބޭނުމެއްނޫން، އެބަޔަކު ވެސް އެކަންކޮށްކޮށްފަ ހުއްޓާލަފާނެ" ދާރިއަން ބުންޏެވެ.

"ހަޤީޤަތުގައި އަހަރެމެންގެ ސަބަބުން ދާރިއަންއަށް ތިލިބެނީ ވަރަށް ބޮޑު ގެއްލުމެއް، ޒެލްއަށް އެރޭ ކާރު ފެނި ކޮންމެވެސް ކަމަކާ އޭނާއަށް ޝައްކުވެއްޖެހެން ހީވަނީ، މިގޭ ބޭރުގައި ހުރި ކެމެރާތައް ބަލާދިނުމަށް ބުނެފަ އޮތީ.... ބަޔަކު އެކަން ކުރަނިކޮށް ފެންނަން އެބަހުރި... ލިއަމް ވެސް އަރާފަ އެބުހުރި، އަހަރެން ވެސް އެ ފުޓޭޖުތަކުގެ ވާހަކައެއް ހޭޒަލް ގާތު އަދި ނުބުނަން" ރިޒްވާނު އިނީ ފަރުވާތެރިކަމާއެކު ދާރިއަންއަށް ބަލާށެވެ.

"ދާރިއަން!... އަހަންނަށް އެނގޭ އަހަރެންގެ ދަރިފުޅަށް ލިއަމްގެ މަތިން ހަނދާންނައްތާލަން އުނދަގޫވާނެކަން، އޭނާގެ ހިތުގައި ލިއަމްއަށް ދެވުނު ޚާއްޞަކަން އަދިވެސް ފިލައިގެން ނުދޭ... އޭނާ އެ ޝުޢޫރުތައް ފާޅުކުރުން ހަމައެކަނި ހުއްޓާލީ... އެހެންވިޔަސް އޭނާ މިހާރު ދިރިއުޅުމައިގެން ކުރިއަށްދާން ބޭނުންވޭ... ދާރިއަން... އަހަރެންގެ ހޭޒަލްއާމެދު ވަރަށް ކެތްތެރިވައްޗޭ، އޭނާ ދާރިއަންއާ ކައިވެނިކުރަން އެއްބަސްވެއްޖެ، ދާރިއަންއާއެކު އޭނާ ދިރިއުޅެން މަސައްކަތްކުރާނޭކަން ވެސް އަހަންނަށް އެނގޭ... އެކަމަކު... ތީ އޯގާތެރި ކެތްތެރި ފިރިއަކަށް ވައްޗޭ، ހޭޒަލްގެ މާޒީއިން ނުކުމެ މުސްތަޤުބަލާ އޭނާ ކުރިމަތިލާން ދާރިއަންގެ އެހީތެރިކަން އޭނާއަށް ބޭނުންވާނެ" ރިޒްވާނުގެ ނަޒަރު ހުރީ ދާރިއަންއާ އަމާޒުކޮށްލެވިފައެވެ. ދާރިއަން ވެސް އިނީ އެގޮތުގައެވެ. އޭނާގެ ނަޒަރު އެހެން ދިމާއަކަށް އަނބުރާނުލައެވެ.

"އަޅުގަނޑު އެއްވެސް ކަމެއްގައި މަޖުބޫރުކުރާކަށް ބޭނުމެއްނޫން... ހޭޒަލްއަށް ދޮގުހަދާ އޮޅުވައެއްނުލާނަން، ހޭޒަލް!... ހޭޒަލް ކިޔާނުދޭތަ އަޅުގަނޑުގެ މަންމަ ކަންތައްކުރިގޮތް، އެކަމާ ވަރަށް ދެރަވެ ލަދުގަތް... ހޭޒަލްއާމެދު ބޭއިންސާފުން އެއްވެސް ކަމެއްވާކަށް އަޅުގަނޑު ނޭދެން" ދާރިއަން އިސްޖަހާލީ ދެނެވެ.

"އެނގޭ... އެކަމަކު އަހަރެންގެ އިތުބާރު ދާރިއަން ހޯދައިފި، އެހެންވެ އަހަންނަށް އެނގޭ ދާރިއަންގެ މަންމަގެ ރުހުން ހޯދާނެކަން، އެކަން ހަމަޖެހުނީމާ އަވަހަށް ކައިވެނީގެ ކަންކަން ހަމަޖައްސަންވީ" ރިޒްވާނުގެ ވާހަކަ އިވުމާއެކު ދާރިއަން އިސްއުފުލާ ބަލައިލިއެވެ. އޭނާގެ އުންމީދު އާވިއެވެ. ހިތްވަރު ލިބި ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ރިޒްވާނަށް އަޑުވީއްލާ ހީނލެވުނެވެ. ދާރިއަންގެ މޫނުން ފާޅުވި އަސަރުތަކުން ކައިރީގައި އިނީ ކުޑަކުއްޖެކޭ ރިޒްވާނަށް ހީވީއެވެ. އެފަދަ މަޢުސޫމްކަމެއް އޭނާއަށް ދާރިއަންގެ ފުށުން ފެނުނީއެވެ.

* * * * *

އިރުކޮޅަކު މަޑުކޮށްލުމަށްފަހު ތަހުމީނާ ދޮރުހުޅުވާލިއެވެ. އިބާގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުނެވެ. އެތެރެއަށް ވަދެގެން އައުމާއެކު ފެނުނީ އަނބިމީހާގެ ގައިގާ ބައްދާލައިގެން އިން ޒުކަންއެވެ. ތަހުމީނާ އައިސް އިބާގެ ގާތުގައި އިށީނެވެ. އޭނަގެ ބުރަކަށީގައި އޯގާތެރިކަމާއެކު ފިރުމަން ފެށިއެވެ.

"އިބާ..." ތަހުމީނާ ގޮވާލިއެވެ. އެހެންވިޔަސް އިބާއަށް ވާހަކައެއް ނުދެއްކުނެވެ.

"ދެންހުއްޓާލާ... ދާރިއަން ދެއްކި ވާހަކައެއްވިއްޔާ ދެއްކީ އިބާގެ ހިތުގައި ޖައްސާކަށްނޫން، އެކަން އެނގެއެއްނު" އަނބިމީހާގެ ނިތްކުރީގައި ބޮސްދެމުން ޒުކަން ބުންޏެވެ. ރޮވެމުންދިޔަ އިބާ ބޯޖަހާލިއެވެ. ޒުކަން އެބުނި އެއްޗަކާ އޭނާ އެއްބަސްވެއެވެ. އެހެންވިޔަސް އިބާގެ ހިތުގައި ރިހެނީއެވެ. ދެއަތް ތުރުތުރު އަޅަނީއެވެ. ދާރިއަންއަށް އޭނާގެ ބޭނުންކެނޑުނީބާއޭ ހިތަށް އަރަނީއެވެ. ހުރިހާ ހަރުކަށިކަމެއް ފިލައި ކަންފަތުގައި ހަރުލާފައި ހުރީ ދަރިފުޅު ދެއްކި ވާހަކަތަކެވެ. އެއިން ކޮންމެ ލަފުޒަކީ އިބާގެ ހަރުހިތް ފުނޑުފުނޑުކޮށްލުމަށް ޓަކައި ރުވާފައި ދޫކޮށްލި ނޫރުގެ ތީރެއް ފަދައެވެ. ނަފްސުގެ އަގީދާ ބަލިކަށިވެފައިވާވަރު އެހިތަށް އިޙްސާސް ކުރެވުނީ ދެނެވެ. ފިރިމީހާ ބުނިހެން ދަރިފުޅުގެ ވާހަކަ ދޮގުކޮށް ޖަދަލުކުރެވޭނޭ ޖާގައެއް ނެތެވެ. ހެޔޮވިސްނުން ގެއްލިފައި ހުރީ އެ ދަރިފުޅަކަށްނޫނެވެ. އިހުނަށްވުރެ ބޮޑަށް ދެއަތްތިލަ އެއްއަތް އަނެއްއަތުގެ ތެރޭ ހިފަހައްޓާލައި އިބާ ބާރުކޮށްލިއެވެ. އެ ދެއަތުގައިވީ މައިވަންތަކަމުގެ ޖާދޫ ނެތިގެން ދިއުމަކީ އޭނާއަށް ކެތްކުރެވޭނޭ ކަމެއްނޫނެވެ.

"ދަރިފުޅު ދެން ހުއްޓާލަބަލަ... އެއްވެސް ކަމެއް ގޯހުންގޯހަކަށް އަދިނުދޭ، ވަގުތު އެބައޮތް..." ތަހުމީނާގެ މަޑުމައިތިރި އަޑު އިވިގެންދިޔައެވެ. ޒުކަންގެ މޭގައި ޖައްސާލެވިފައިވި އިބާ ދެފަރާތަށް ބޯހޫރާލިއެވެ. ނޫނެކޭ ބުންޏެވެ. އެހިނދު ޒުކަންގެ ދެއަތުން އަނބިމީހާ ދުރަށް ޖައްސާލިއެވެ. ލޯތްބާއެކު އެ ދެ ލޮލާއި ކޯތާފަތް ފުހެލަދިނެވެ. ލުއި ހިނިތުންވުމެއް އަނބިމީހާއަށް ހަދިޔާކުރިއެވެ.

"އެ ދަރިފުޅު ބޭނުންވާ ގޮތާ ރުހެމާ... ދާރިއަންގެ ހޮވުން ގޯހެއްނުވާނެ" ހިނިތުންވެ އިނދެ ޒުކަން ބުންޏެވެ.

"އަހަރެން.... އަހަރެންދެކެ... އެ ދެކުދީން ވެސް... ފޫހިވާނެ" ކިޔިފައި ހުރި އެއްޗެހި ހިތަށް އެރުމާއެކު ގިސްލެވިފައި އިން އިބާ ބުންޏެވެ.

"އަހަންނަށް ޔަގީން ދާރިއަންގެ ހިތް ސާފުކަން... އިބާ އާނއެކޭ ބުނެފިނަމަ މުޅި ދުނިޔެ ދެކޮޅު ހެދިޔަސް އެ ދަރިފުޅަށް ފަރުވާލެއްނެތް، އަހަރެމެން އެންމެން ތިބީ އެ ދަރިފުޅާއެކު އެކަމަކު އޭނާއަށް މުހިންމުވީ އޭނާގެ މަންމަ... އިބާއަށް އަދިވެސް ނުވިސްނޭތަ އެ ދަރިފުޅަށް ތީ ކިހާ މުހިންމު މީހެއްކަން..." ޒުކަން އަނެއްކާ ވެސް އިބާގެ ކޯތާފަތް ފުހެލަދިނެވެ.

"އެ އަންހެންކުއްޖާ އަހަރެމެންގެ ދާރިއަންގެ ހިތުގައި ޖައްސަފާނެ... އޭނާ ދާރިއަންދެކެ ލޯތްބެއްނުވޭ ކަންނޭނގެ" އިބާއަށް ފާހަގަވީ ކަމެއް ބުނެލިއެވެ.

"ތިކަންކަމާ އަހަރެމެން ނުވިސްނަމާ... ދާރިއަންއަށް އިތުބާރުކުރޭ... އޭނާއަށް ހޭޒަލް ވަރަށް ޚާއްޞަ، އެ ދެމެދުގައި އެއްވެސް ކަހަލަ ގުޅުމެއްނުވާނަމަ އެ ދެކުދީން ކައިވެންޏަކާ ހަމައަށް ނާންނާނެ... އަހަރެމެންގެ ޒިންމާ އަދާކުރަންވީ، ދަރިފުޅު ރުހޭ ކުއްޖަކާ ކައިވެނިކުރަން އަހަރެމެން ވެސް ރުހިގެން ތިބީމަ އެ ނިމުނީ" އަނބިމީހާއަށް ވިސްނައިދޭން ޒުކަން މަސައްކަތްކުރިއެވެ.

"މަންމަގެ ހިތެއްނުބުނޭ އެމަންޖެ ގޯސްވާނެއެކޭ... ހީވަނީ އެ ދެކުދީން ވަރަށް ގުޅޭނެހެން، ޚާއްޞަކަމެއް އެ ދެކުދީންގެ ދެމެދުގައި ވާކަހަލަ، ދާރިއަން ކަހަލަ މަޑުމައިތިރި އަޚުލާޤު ރަނގަޅުކުއްޖެއް، ރީތި ކުއްޖެއް" ތަހުމީނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"އަހަރެން ލަދުގަންނަވާލާފާނެ..." އިބާއަށް ބުނެވުނެވެ.

"ދާރިއަން އެހެންވިޔަ ދޭނެތަ؟" ޒުކަން ބުންޏެވެ. އޭނާ ބުނަން އުޅުނު އެއްޗެއް އިބާއަށް ވިސްނުނެވެ. އެހެންވެ އެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބޯހޫރާލިއެވެ.

"ދާރިއަން ކޮބާ؟" އިރުކޮޅަކު ހިމޭނުން އިނުމަށްފަހު އިސްއުފުލައި ޒުކަންއަށް އިބާ ބަލާލިއެވެ.

"އޮފީސް ހެދުމުގައި ނުކުމެގެން ހިނގައްޖެ" ތަހުމީނާ ބުންޏެވެ.

"އަންނާށޭ ބުނަންވީތަ؟" ޒުކަން އަހާލިއެވެ.

"ނިންމާފަ ގެއަށް އަންނާނެއެއްނު" އިބާ ބުންޏެވެ. އެއީ އޭނާ ބޭނުންވިގޮތްކަން ޒުކަން ދެނެގަތެވެ.

* * * * *

ވިސްނަން އިނދެފައި ބައްޕައަށް ހޭޒަލް ބަލާލިއެވެ. އެއާއެކު ރިޒްވާނު ނިތްއަރުވާލިއެވެ. ހޭޒަލް ބުނަން އުޅޭއެއްޗެއް އޭނާ އަޑުއަހަންކަން އިނީ އަންގާލި ކަހަލައެވެ.

"ކާކުން އެނގެންނެތަސް އަޅުގަނޑަށް ހީވީ ލިއަމް ކުރާކަމެއްހެން... އެގޮތަށް ދާރިއަންއާ މެދު ކަންތައްކުރުމުގެ އެއްވެސް ހައްޤެއް އޭނާއަކަށް ނޯންނާނެ، ބައްޕާ... ކީއްވެތަ އަދިވެސް ލިއަމް އެހެން އުޅެނީ... މިހާރު އަޅުގަނޑު މިއުޅެނީ ދާރިއަންއާ ކައިވެނި ވެސް ކުރަން" ހޭޒަލްއަށް ބުނެވުނެވެ.

"ލިއަމް އަދިވެސް ބުނަނީ ދަރިފުޅާ ގުޅޭން ބޭނުންވާ ވާހަކަ" ރިޒްވާނު އިނީ ހޭޒަލްގެ މޫނުން ފާޅުވާ ކުލަވަރަށް ފަރުވާތެރިވެއެވެ.

"އޭނާ ބަދަލުވެދާނެތަ؟... އޭނާއަކު ދެން ނޫޅެވޭނެ، އެކަން ވިސްނޭނެނަމަ" ހޭޒަލްގެ އަޑު މަޑުވިއެވެ.

"ޒެލްއަށް އެނގޭތަ އޭނާއާ ކުރިމަތިނުލާ ނޫޅެވޭނެކަން، ގަސްދަކާ ނުލާ ވިޔަސް ދެ މީހުންނަށް ކުރިމައްޗަށް އެރިދާނެ... އޭރުން ކިހިނެއް ހަދާނީ؟... ބައްޕައަށް ހީވަނީ ލިއަމްއަށް ދަރިފުޅު ބޭނުންވާގޮތް އަދިވެސް ސާފުނުވަނީހެން" ރިޒްވާނު ފާޅުކުރީ ޚިޔާލެކެވެ. އެހެންނަމަވެސް ހޭޒަލްއަށް އޭނާ ބުނި އެއްޗެއް ފަހުމްވީހެން ހިޔެއްނުވެއެވެ.

އިތުރު ވާހަކައެއް ނުދައްކާ ހޭޒަލް އިނީ ހިމޭންވެފައެވެ. ރިޒްވާނު ވެސް ލިއަމްގެ ވާހަކަ ދެއްކުން ހުއްޓާލީއެވެ. އޭނާ ދެން ފެށީ ކުރެވެން އުޅޭ ކައިވެނީގެ ވާހަކައެވެ. ދާރިއަންގެ މަންމަ ރުހިއްޖެނަމަ ކައިވެނި ކުރިއަށް ގެންދާނޭ ޚިޔާލެއް ހޭޒަލްގެ އެބައޮތްތޯ އެއްސެވެ.

"މަންމައާއި ބައްޕަ ބޭނުންވާގޮތެއް އަޅުގަނޑަށް އޯކޭ، ދާރިއަން ޚިޔާލުދޭނެ... ދެ ފެމެލީ ބޭނުންވާގޮތަށް ކުރިއަށް ދިޔައީމަ ރަނގަޅުވާނެ" ހޭޒަލް ބުންޏެވެ. އޭނާ ކައިވެންޏަށް އާނއެކޭ ބުންޏަސް ހަޤީޤަތުގައި ނަފްސު ކައިވެންޏަށް ތައްޔާރެއްނޫނެވެ. ކައިވެންޏާ ގުޅިފައިވާ ދިރިއުޅުމަށް އޭނާ ތައްޔާރުނޫނީއެވެ. ފިރިއަކާ ކުރިމަތިލާން ހިތްބިރުގަންނަނީއެވެ.

* * * * *

ކާމޭޒު ދޮށުގައި އިބާއާއި ސާރާ ތިއްބެވެ. ޒުކަންއާއި ދާރިއަންވީ އޮފީހުގައެވެ. ތަހުމީނާވީ ކޮޓަރީގައެވެ. އައިކުވީ ތަނެއް ނޭނގެއެވެ. ސާރާއަށް ގުޅައި އެޑީގައި ގެނައީ ވެސް އޭނާއާ އެކަނި ބައްދަލުކޮށްލަން އިބާ ބޭނުންވެގެންނެވެ.

"ވަގުތުތަކަކާ ދުވަސްތަކެއް ދުއްވާލަން އަހަރެން ދެން ބޭނުމެއްނޫން، އަހަންނަށް ސާރާއަކީ ދަރިއެއް ފަދަ ކުއްޖެއް، އެކަމަކު އަހަރެން ވެސް އަހަރެންގެ ދާރިއަންގެ ކުރިމަތީ ބަލިވެއްޖެ... އަހަރެން ބޭނުންވިޔަސް އެ ދަރިފުޅުގެ ނުޤަބޫލުގައި އެއްވެސް ކަމެއްކުރާކަށް ބޭނުމެއްނޫން، އަހަރެންގެ އަމިއްލަ އެދުމެއް ހާސިލުކުރުމުގައި ސާރާއަށް ވެސް ލިބޭނީ ދެރައެއް، ކައިވެނި ކުރެވުނަސް އަހަންނަކަށް މަޖުބޫރެއް ނުކުރެވޭނެ ދާރިއަންއަކަށް އަނތްބެއްގެ ލޯބި ސާރާއަށް ދިނުމަށް... ސާރާ!... ދާރިއަން ބޭނުން ކުއްޖަކާ އިންނަން އަހަރެން ރުހިއްޖައީން... ސާރާ ވެސް ރަނގަޅު ކުއްޖަކާ ގުޅެން މި މަންމަ އެދެނީ"

އިބާގެ ވާހަކަ އަޑުއަހަން ސާރާ އިނީ ހިމޭނުންނެވެ. ރައްދުގައި އެއްވެސް އެއްޗެއް އޭނާ ނުބުންޏެވެ. އިބާ އެ ބުނަނީ ދާރިއަންގެ ދިރިއުޅުމުން އޭނާއަށް ފުރުޞަތެއްނެތީކަން ސާރާއަށް އެނގެއެވެ. ކުރި ހުރިހާ އުންމީދެއް ފެނަށްވީއެވެ. އެންމެފަހަށް އޮތް ކޮޅު ވެސް ބަންދުވީއެވެ. އިބާގެ ނިންމުން އެކަކަށް ވެސް ބަދަލުކުރެވިދާނޭ ސާރާ ހިޔެއްނުކުރެއެވެ. އޭނާގެ ހަނދާނަށް އައީ އެންމެފަހުން ބައްދަލުވި ފަހަރު ދާރިއަން ދެއްކި ވާހަކަތަކެވެ. އޭނާ ބައިވެރިއަކު ހޯދައިފިކަމާއި ކައިވެނި ހަމަޖެހިފައި އޮތްކަން ޢިއުލާންކުރީ ޔަގީންވެ ހުރެއެވެ.

"ސާރާ..." އަނގައިން ނުބުނެ ސާރާ އިންނަތާ ގިނައިރުވެގެން އިބާ ގޮވާލިއެވެ.

"ތި ދެކުދީން ގުޅުވުމަށް ވަރަށް ބޮޑަށް ބާރުއެޅުނު، ސާރާއަށް ދާރިއަން ކަމުދާކަން އެނގިހުރެ އެހެންކަންތައް ކުރެވުނީތީ މިއަދު ދެރަވޭ، ބޭކާރު ގޮތެއްގައި ސާރާއަށް ބާރުދެވުނީ... ދާރިއަންއާ ގާތްވާން ފުރުޞަތު ފަހިކޮށްދެވުނީ، އެއީ އަހަންނަށް ހެދުނު ގޯހެއް" އިބާގެ އަޑުގައިވީ މަޑުމައިތިރިކަމެވެ.

"އަޅުގަނޑު ދެން ގޮސްލަންތަ؟" ސާރާ ބުނެލިއެވެ. މޭޒުމަތީ އޭނާއަށް ތައްޔާރުކޮށްފައި ހުރި އެއްވެސް އެއްޗެއް އަތެއްނުލައެވެ. މޭޒުދޮށުގައި އިށީން ގޮތަށް ސާރާ ހަމައިނީއެވެ. އެހެންވިޔަސް އިބާ ޝަކުވާއެއް ނުކުރިއެވެ. ސާރާގެ ހާލު އޭނާ ދެނެގަތެވެ. އެ އަންހެންކުއްޖާ ހިފެހެއްޓުމުގެ ބޭނުމެއް މިހާރުނެތެވެ. އޭނާ އިންތިޒާރު އެކުރަނީ ދާރިއަން ގެއަށް އަންނާނެ އިރަކަށެވެ. އަދިވެސް އޭނާއަކީ ދާރިއަން ދެކެ ލޯބިވާ އެ ދަރިފުޅަށް ހެޔޮގޮތް މެދުވެރިވުމަށް އެދޭ މަންމަކަން ސާބިތުކޮށްދޭނެއެވެ. ހިނިތުންވުމަކާއެކު އިބާ ބޯޖަހާލުމާއެކު ސާރާ ތެދުވެ އެގެއިން ނުކުންނަން ހިނގައިގަތެވެ.

"މެންދުރު ވެސް ނުކައި ތިހުރީ... އޮފީހުގައި މަޑުކުރާނެކަމެއްނެތް، އާދޭ ބައްޕައާއެކު" ދާރިއަން އޮފީހުގައި މަޑުކުރަން އުޅުމުން އެގޮތް ޒުކަންއަށް ކަމަކުނުދިޔައެވެ. މަންމައާ ކުރިމަތިލާން ދާރިއަންގެ ނަފްސު ތައްޔާރެއްނޫނެވެ. މަންމަގެ އެ ހަރުކަށި ގޮތްދޫނުކުރުން ދޫކޮށްލަން އޭނާ އެދޭވަރު އެ މަންމައަށް ނުވިސްނެއޭ ދާރިއަންއަށް ހީވަނީއެވެ.

އިބާ ދަރިފުޅުގެ އިންތިޒާރުގައި އިންކަމެއް ޒުކަން ނުބުނެއެވެ. އިބާއާ ހަމައަށް ދަރިފުޅު ގެންދަން އޭނާ ބޭނުމެވެ. ޒުކަން ބާރުއަޅައިފިނަމަ ދާރިއަންއަށް އެކަމެއްނުކޮށް ނުހުރެވޭނެކަން އެނގެއެވެ. އޭނާ ދާރިއަންގެ މޭޒުދޮށުގައި ހުއްޓިލައިގެން ހުރީއެވެ. އިތުރުގޮތެއްނެތް މީހަކު ފަދައިން ދާރިއަން ތެދުވިއެވެ. މޭޒުމަތީ އޮތް ފޯނު ފަޓުލޫނު ޖީބަށް ލައި އޭނާގެ ލެޕްޓޮޕް ދަބަސް ނަގައިގެން މޭޒާ ދުރަށް ހިނގައިގަތެވެ. ހިނިތުންވެލި ޒުކަން ވެސް ހިނގައިގަތީ ދެނެވެ.

ގެއަށް ވަދެގެން އައި ދާރިއަންގެ މިސްރާބު ހުރީ ކޮޓަރިއަށެވެ. އެހެންނަމަވެސް އޭނާގެ ފިޔަވަޅު މަޑުޖެހުނީ މަންމަގެ ގޮވާލުމުގެ އަޑެވެ. އިބާ ހުރީ ހިނިތުންވެލައިގެންނެވެ. ކާމޭޒުކައިރިއަށް އަންނާށޭ އިބާ ބުނެލިއެވެ. އެވަގުތު ޒުކަން އައިސް ދާރިއަންގެ އަތުން ދަބަސް އަތުލިއެވެ. ބުރަކަށީގައި އަތްޖައްސާލާ ކުރިއަށް ދަރިފުޅު ކޮށްޕާލިއެވެ. އިބާގެ ގާތަށް ދާން ޒުކަން ބާރު އަޅާލީކަން ދާރިއަން ދެނަހުއްޓެވެ.

މޭޒުދޮށުގައި ދާރިއަން އިށީނުމާއެކު ދަރިފުޅަށް އިބާ ސައިހަދާދިނެވެ. މަންމަގެ ހަރަކާތްތައް ދެނަގަންނަން ނޭނގިފައި ދާރިއަން އިނެވެ. އެ މޭޒުދޮށުގައި ޒުކަންއާއި ތަހުމީނާ އައިސް އިށީންތަން ފެނުނެވެ. ދާރިއަން ހައިރާންވެ ސުވާލު އުފެދުނެވެ. އެންމެންގެ މޫނުން ފާޅުވޭވޭ ހުރީ ލުއި ހިނިތުންވުމެކެވެ.

"ދުވަހެއް ކަނޑައަޅައިފިންތަ؟" ދާރިއަންގެ ކައިރީ އިށީންނަމުން މޭޒުމަތީ އޮތް ދާރިއަންގެ އަތްތިލައިގަ އިބާގެ އަތް ބާއްވާލިއެވެ. ބުނާނޭ އެއްޗެއް ނޭނގި މަންމައަށް ބަލަން ދާރިއަންއަށް އިނދެވުނީއެވެ.

"މިބުނީ ކައިވެނިކުރާނޭ ދުވަހެއް..." ދަރިފުޅުގެ އަތުގައި އިބާ ފިރުމާލިއެވެ.

"މަންމައަށް އޯކޭތަ؟" ހައިރާންކަމާއެކު ދާރިއަންއަށް އަހާލެވުނެވެ. އެހިނދު ހިނިތުންވުމަކާއެކު އިބާ ބޯޖަހާލިއެވެ. އަޖައިބުވެފައިވެފައި އިން ދާރިއަންގެ ތުންފަތް މައްޗަށް ދެމިލިއެވެ. ދެންއިވުނީ ހޭންފެށިއަޑެވެ. މަންމަގެ ގައިގާ އޭނާ ބައްދާލީ ނުހަނު އަވަށެވެ.

"ސޮރީ އިނގޭ..." ދަރިފުޅާ ނަޒަރު ސީދާކޮށްލުމާއެކު އިބާ ބުނެލިއެވެ.

"ތެންކިއު... ބޮޑުބޮޑުކޮށް ތެންކިއު މަންމާ" ދާރިއަންއަށް އަދިވެސް ހެވެނީއެވެ.

"ކައިވެނީގެ ކަންކަމާ އުޅެމާ" ޒުކަން ބުނެލިއެވެ. ދާރިއަން ނިކަން އަވަހަށް ބޯޖަހާލިއެވެ.

"ހޭޒަލްގެ ޢާއިލާއާ ބައްދަލުކުރަންވާނެއެއްނު" ތަހުމީނާގެ ޚިޔާލު ފާޅުކުރިއެވެ.

"ދަރިފުޅު ހޭޒަލްއަށް ގުޅާފައި ބުނޭ... މަންމަމެން ތިބީ ބައްދަލުކޮށްލަން ބޭނުންވެފައޭ" ކަންތައްކުރަންވީގޮތް އިބާ ބުންޏެވެ.

"މިވަގުތު ގުޅާފައި ބުނެލަންތަ؟" އެންމެންނަށް ދާރިއަން ނަޒަރު ހިންގާލިއެވެ. ހީނލާފައި އިބާ ބޯޖަހާލިއެވެ. އެއާއެކު ވަގުތުން ދާރިއަން ތެދުވެއްޖެއެވެ. ޖީބުގައި އޮތް ފޯނު ނަގަމުން ހަލުވިކޮށް އޭނާގެ ކޮޓަރިއާ ދިމާއަށް ދިޔައެވެ.

"ތެންކިއު..." ލޯބިވެތި ބަލާލުމާއެކު ޒުކަން ބުންޏެވެ. އެއާއެކު އިބާ ބޯޖަހާލައިފިއެވެ.

"އަހަރެން ހީކުރީ އަހަރެމެންގެ އައިކުކަމަށް ފުރަތަމަ ދިރިއުޅުމެއް ފަށާނީ" ހިނިއައިސްފައި އިން ތަހުމީނާ ބުނެލިއެވެ.

ދާރިއަން ދިޔަތާ ގިނައިރެއްނުވެ އެނބުރި އައީ ދުވެފައެވެ. އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. އަދިވެސް އެ މޫނުން ފެންނަނީ އުފާވެރިކަމެވެ. ކީކޭތޯ ހޭޒަލް ބުނީ ޒުކަން އަހާލިއެވެ. އެއާއެކު ދާރިއަންއަށް ނުބުނެއެއް ނުހުރެވުނެވެ. އަވަސްއަވަހަށް ވާހަކަދައްކަން ފެށިއެވެ.

"މިރޭ އަޔަސް އޯކޭއޭ ބުނީ... ޒެލްގެ ބައްޕަ ވާހަކަދެއްކީ... މިރޭ ދަމާ... އޭރުން އަވަސްވާނީ" ދާރިއަންގެ ކެތްތެރިކަން ކުޑަވެފައި ހުރިވަރު ފެނި އެންމެންނަށް ހީނގަނެވުނެވެ. ދަރިފުޅުގެ ފުށުން މީގެކުރީން ނުފެންނަ ސިފައެއް އެމީހުންނަށް ފެންނަމުންދިޔައެވެ.

"ތެދެއް މިހެންނުތިބެ އަވަސްކުރަންވީ" މާމަދަރިފުޅާ ދިމާކޮށްލުމުގެ ގޮތުން ތަހުމީނާ ބުނެލީ ހެމުންހެމުންނެވެ.

(ނުނިމޭ)