ވިޔަފާރި

މަޓީގެ ބޯޑު ރިސޯޓުތަކަށް ހާއްސަވާތީ ފާޑުކިޔުން

Feb 25, 2020

މިދިޔަ އާދީއްތަ ދުވަހުގެ ރޭ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަަމް އިންޑަސްޓްރީ (މަޓީ) ގެ ހިންގާ ބޯޑަށް މެމްބަރުން އައްޔަން ކުރެވުނު އިރު، މުޅި ބޯޑުގައި ހަމައެކަނި ރިސޯޓްތަކުގެ ބޭފުޅުން ތިއްބެވުމުން ގިނަ ފާޑިކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ބައިވެރިވެވަޑައިގެންނެވި މަޓީގެ އަހަރީ އާންމު ޖަލްސާގައި ބޯޑަށް 15 މެންބަރަކު އައްޔަނުކުރެވުނެވެ.

މަޓީގެ ހިންގާ ބޯޑަށް އައްޔަން ކުރެއްވި މެމްބަރުން

  • ޗެއާމަން އަކަށް، މުހައްމަދު އުމަރު މަނިކު
  • ވައިސް ޗެއާމަން އަކަށް، ހުސަން އަފީފް
  • ވައިސް ޗެއާމަން އަކަށް، ސަލާހް ޝިހާބް
  • ސެކްރެޓަރީ ޖެނެރަލް، އަހްމަދު ނަޒީރު
  • ފައިނޭންސަލް ކޮންޓްރޯލާ، އަހްމަދު ހަފީޒް
  • ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް، އައްސަދު އަލީ
  • އެގްޒެކްޓިވް ބޯޑް މެމްބަރު، އަހްމަދު ސިޔާމް މުހައްމަދު
  • އެގްޒެކްޓިވް ބޯޑް މެމްބަރު، އިޔާޒް ވަހީދު
  • އެގްޒެކްޓިވް ބޯޑް މެމްބަރު، އިބްރާހިމް ނޫރުއްދީން
  • އެގްޒެކްޓިވް ބޯޑް މެމްބަރު، ވިޝާ މާހިރު
  • އެގްޒެކްޓިވް ބޯޑް މެމްބަރު، އިސްމާއިލް ޝިޔާން ގާސިމް
  • އެގްޒެކްޓިވް ބޯޑް މެމްބަރު، އިބްރާހިމް ސިޔާދު ގާސިމް
  • އެގްޒެކްޓިވް ބޯޑް މެމްބަރު، ޒުލައިހާ މަނިކު
  • އެގްޒެކްޓިވް ބޯޑް މެމްބަރު، މޫސާ ސާލިހް
  • އެގްޒެކްޓިވް ބޯޑް މެމްބަރު، އައިޝަތު ނީނާ އަހްމަދު

ނަމަވެސް، މީގެ ކުރިއެކޭ އެއް ފަދައިން، މިފަހަރުގެ ބޯޑު ވެސް ތަމްސީލުވާ ގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނެނީ ހަމައެކަނި ރިސޯޓުތައްތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ގެސްޓް ހައުސް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހުމަދު ކަރަމް ވިދާޅުވި ގޮތުގައި، މުޅި ޓޫރިޒަމް ސިނާއަތުގެ ނަމުގައި ހަދާފައިވާ އެސޯސިއޭޝަނެއްގައި ހަމައެކަނި ރިސޯޓުތައް ތަމްސީލުވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

"އެސޯސިއޭޝަން ފޮ ޓޫރިޒަމް އިންޑަސްޓްރީސް އޭ މި ކިޔަނީ. އެހެންވާނަމަ، އެ އެސޯސިއޭޝަންގައި މި ސިނާއަތުގެ ހުރިހާ ފަރާތްތައް ތަމްސީލުވާންޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެން ނޫނީ ނަން ވެސް ހަމައެކަނި ރިސޯޓުތަކަށް ހާއްސަވާ ގޮތަށް އޮންނަންވާނީ،" ކަރަމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ޓޫރިޒަމް ދާއިރާއިން ސަރުކާރުގެ ބޯޑަކަށް މެންބަރު އައްޔަނުކުރުމުގައިވެސް ހަމައެކަނި ރިސޯޓުތަކަށް ހާއްސަކޮށްފައި އެބަ ހުރި ކަމަށެވެ.

ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި، ހާއްސަކޮށް ގެސްޓް ހައުސް ވިޔަފާރި ރާއްޖޭގައި ވަނީ ވަރަށް ބޮޑުތަން ފުޅާވެފަ އެވެ. އެގޮތުން، 2010 ވަނަ އަހަރު ހަމައެކަނި މާލޭގައި 25 ގެސްޓްހައުސްއާއެކު ފެށިގެން އައި ވިޔަފާރި މިހާރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ގޮސްފަ އެވެ. މިހާރު 87 ރަށެއްގައި 450 އަށް ވުރެ ގިނަ ގެސްޓްހައުސް އޮޕަރޭޓް ކުރަމުންދާއިރު، ރާއްޖޭގެ ޓޫރިސްޓު އެނދުގެ އަދަދުން ގެސްޓްހައުސްތަކުގެ ހިއްސާ 2017 ވަނަ އަހަރުގެ ނިޔަލަށް ވަނީ 18 ޕަސަންޓަށް އިތުރުވެފަ އެވެ.

ގެސްޓްހައުސްތަކުގެ އިތުރުން، ސަފާރީގެ އަދަދުވެސް އަހަރުން އަހަރަށް އިތުރުވެ ޓޫރިސްޓު އެނދުގެ އަދަދަށް ސަފާރީތަކުން ހަ ޕަސަންޓް ހިއްސާކުރެ އެވެ.

މަޓީގެ ބޯޑާމެދު ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓުގެ ކުރީގެ ވެރިޔާ އަދި އިގުތިސޯދީ ތަޖުރިބާކާރެއްކަމަށްވާ އާތިފު ޝަކޫރު ވިދާޅުވީ ގެސްޓްހައުސްތަކަކީ މިއަދު ފަތުރުވެރިކަމުގެ ސިނާއަތުގެ ބައެއް ކަމަށެވެ.

"މުޅި ސިނާއަތަށާއި ޖުމްލަ އިގުތިސޯދަށް ފައިދާ ވާނީ ގުޅިގެން އެކުގާ މަސައްކަތް ކުރަން ފެށުނު ދުވަހަކުން،" އޭނާ ވިދާޅުވި އެވެ.