ބޭރު ކުޅިވަރު

އޭއެފްސީގެ އެވޯޑެއް ޝުކޫރަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ޗެއާމަން ކާމިނީޕޫލް އަބްދުއްޝުކޫރު ރާއްޖޭގެ ފުޓްބޯޅަ އާއި އެފްއޭއެމް އަށް ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކޮށް، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ޝުކޫރަށް ހާއްސަ އެވޯޑެއް ދީފި އެވެ.

އެފްއޭއެމް ހައުސްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭއެފްސީގެ "ސިލްވާ ސްޓާ" އެވޯޑް ޝުކޫރަށް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވާ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން މުހައްމަދު ޝަވީދެވެ.

އޭއެފްސީގެ "ސިލްވާ އެވޯޑް" އަކީ ފުޓްބޯޅަ އަށް ދިގު މުއްދަތަށް ހިދުމަތްކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އޭއެފްސީން ދޭ އެވޯޑެކެވެ.

ޝުކޫރަކީ 1982 ވަނަ އަހަރު އެފްއޭއެމް އުފެދުނީންސުރެ، 25 އަހަރުގެ ދިގު މުއްދަތަކަށް އެފްއޭއެމް އަށް ހިދުމަތްކުރެއްވި ބޭފުޅެކެވެ. އެފްއޭއެމްގެ ޗެއާމަންގެ މަގާމުން ޝުކޫރު އިސްތިއުފާ ދެއްވީ 2007 ވަނަ އަހަރެވެ. އެފްއޭއެމްގެ ވައިސް ޗެއާމަންގެ މަގާމު ކުރިން އަދާކުރެއްވި ޝުކޫރު އެފްއޭއެމްގެ ޗެއާމަންގެ މަގާމު ގާތްގަނޑަކަށް ތިން އަހަރަށް އަދާކުރެއްވި އެވެ.

"އަޅުގަނޑަށް މި އެވޯޑް ހޯދައިދިނުމުގައި އެފްއޭއެމް އިން ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރަން،" ކުރިން މާލޭ ޓެނިސް ކްލަބާއި ރޭޑިއަންޓަށް ކުޅުއްވި ޝުކުރޫ ވިދާޅުވި އެވެ. "އޭއެފްސީން އަޅުގަނޑު ކުރެއްވި މަސައްކަތުގެ އަގު ވަޒަންކޮށް، މި ކަހަލަ އެވޯޑެއް އަޅުގަނޑަށް ދިނީތީ އެ ފަރާތަށް ވެސް ޝުކުރު އަދާކުރަން."

ޝުކޫރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ފުޓްބޯޅަ އަށް "ވީ ވަރަކުން" ހިދުމަތްކުރާނެ ކަމަށެވެ.

"ފުޓްބޯޅަ އަކީ އަޅުގަނޑު ވަރަށް ޝައުގުވެރިކަމާއެކު، އެންމެ ފުރަތަަމަ ކުުޅުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެންމެ ލޯބިކުރާ ކުޅިވަރު. ވޭތުވެދިޔަ ތަނުގައި ވެސް އެފްއޭއެމް އިން ބޭނުންވި ކޮންމެ ހިނދެއްގައި އަޅުގަނޑުގެ ފޯރުންތެރިކަން ހުރި ވަރަކުން ހިދުމަތް ފޯރުކޮށްދެމުން ދިޔައީ. މުސްތަގްބަލުގައި ވެސް އަޅުގަނޑު އެގޮތަށް ދެމިހުންނާނަން."