ހަބަރު

ފަތުރުވެހި ހިންގަން ކްރޮސްރޯޑާއި ޖަލްބޫޓު ޝައުގުވެރިވެއްޖެ

މަސްވެރިންގެ ޕާކްގައި ފަތުރުވެރިންނަށް ހިދުމަތްދޭން ހަދާފައިވާ މަރުކަޒު ނުވަތަ "ފަތުރުވެހި" ހިންގައިދޭން ކްރޮސް ރޯޑް މޯލްޑިވްސް އާއި ޖަލްބޫޓް މޯލްޑިވްސް އިން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ފަތުރުވެހި ހިންގަން މި ދެ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ މާލެސިޓީ ކައުންސިލުން އެތަން ހިންގާނެ ބަޔަކު ހޯދަން ކުރި އިއުލާނަކާ ގުޅިގެނެވެ. އެ ދެފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގެ ސިޓީތައް އިއްޔެ ސިޓީ ކައުންސިލުން ބާއްވަން އުޅުނު ބައްދަލުވުމުގައި ހުރިހާ މެމްބަރުންނާއި ހިއްސާ ކުރުމަށް ނިންމާފައި އޮތެވެ. ނަމަވެސް ކައުންސިލަރުން މެދުގައި އަރާރުން ބޮޑުވެ ޖަލްސާ ކުރިޔަށް ނުދިއުމުން އެކަން ކޮށްފައެއް ނުވެ އެވެ.

ސިޓީ ކައުންސިލުން ކުރި އިުލާނުގައި ބުނެފައިވަނީ ޓުއާ އޮޕަރޭޓަރުންނާއި، ރިސޯޓްތައް އަދި ޕެސެންޖާ ކުރޫޒް ލައިނާތައް މެނޭޖްކުރާ ފަރާތްތަކުން އެ ސެންޓަރުގެ ހިދުމަތްތައް ބޭނުން ކުރުމަށް ޝައުގުވެރިވާނަމަ އެކަން ލިޔުމުން އެ ކައުންސިލަށް އަންގާށެވެ.

ފަތުރުވެހީގެ ހިދުމަތްތައް

  • ރެސްޓް ރޫމް
  • ގެސްޓް ލައުންޖު
  • މައުލޫމާތު ސާފުކުރާ ކިއޮސްކް
  • ވެއިޓިންގ އޭރިއާ ފަސްޓްފުލޯ
  • ވެއިޓިންގ އޭރިއާ (ގާޑަން)
  • ފްރީ ވައިފައި
  • އޭރިއާ ސެކިއުރިޓީ

ފަތުރުވެރިން ފެންވަރާ ފާހަނަކުރެވޭ ގޮތަށް ފެން ކުންފުނިން ހަދާފައިވާ ސެންޓަރުގައި ޓުއަރިސްޓުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭނެ އިންތިޒާމްތައް ހަމަޖައްސާފައި ވެ އެވެ. އެ ތަން ނިންމާ ސިޓީ ކައުންސިލާއި ހަވާލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.