ބޮލީވުޑް

ކްރިކެޓް ކުޅުންތެރިޔާ ސޯރަވް ގަންގޫލީގެ ބައޮޕިކްގައި ރިތިކް؟

އިންޑިއާގެ ގައުމީ ޓީމަށް ކުޅޭ ކްރިކެޓް ކުޅުންތެރިންނަކީ އެ ގައުމުގައި ފިލްމީ ތަރިންނަށް ވުރެ ވެސް މާ މަޝްހޫރު ބައެކެވެ. އެހެންކަމުން ކްރިކެޓް ކުޅުންތެރިންގެ ހަޔާތުގެ ވާހަކަތައް ފިލްމުތަކުން ބަލަން އެ ގައުމުގެ މީހުން ވަރަށް ޝައުގުވެރިވެ އެވެ.

އެ ގައުމުގެ ކުރީގެ ކްރިކެޓް ކެޕްޓަން އެމް.އެސް.ދޯނީގެ ބައޮޕިކް އަށް ލިބުނު ބޮޑު ތަރުހީބުން ވެސް މިކަން ވަރަށް ރަނގަޅަށް ސާބިތުވެ އެވެ. އަދި މިހާރު ކަޕިލް ދޭވްގެ ބައޮޕިކް އެއް ވެސް ތައްޔާރުކޮށް ރިލީޒްކުރަން ވަނީ ތައްޔާރުވެފަ އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ސޯރަވް ގަންގޫލީގެ ބައޮޕިކް އެއް އުފެއްދުމަށް ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރް އާއި ސޯރަވް މިހަރު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ.

އޭނާގެ ބައޮޕިކް އެއް ތައްޔާރުކުރާނަމަ އެ ފިލްމެއްގައި އޭނާގެ ރޯލު އަދާކުރަން ބޭނުންވަނީ ކޮން އެކްޓަރެއްތޯ މީގެ އެތައް އަހަރެއް ކުރިން އިންޑިއާގެ ނޫސްވެރިއަކު ސޯރަވް އާ ސުވާލު ކުރި އެވެ. ޖަވާބުގައި އޭނާ ބުނެފައިވަނީ ރިތިކް ރޯޝަން ކަމަށެވެ.

މިހާރު ޚަބަރު ލިބޭ ގޮތުން ކަރަން ޖޯހަރް އުފައްދާ ސޯރަވް ބައޮޕިކްގައި ލީޑް ރޯލަށް ރިތިކް އާ ދަނީ ވާހަކަ ދައްކަމުންނެވެ.

ރިތިކް އެންމެ ފަހުން ކުޅެފައިވާ "ވޯ" ބްލޮކްބަސްޓާއަކަށް ވެފައިވާއިރު އޭގެ ފަހުން އޭނާ އެއްވެސް ފިލްމެއް ކުޅެން އަދި ސޮޔެއް ނުކުރެ އެވެ. ނަމަވެސް އަމީތާބު ބައްޗަން ކުޅެފައިވާ "ސައްތޭ ޕޭ ސައްތާ"ގެ ރިމޭކް ކުޅެން ރިތިކް އުޅޭ ކަމުގެ ޚަބަރުތަކެއް ވެސް މިހާރު އިންޑިއާގެ ބައެއް ނޫސްތަކުން ފެނެ އެވެ. ފަރާ ޚާން ޑައިރެކްޓްކުރާ މި ފިލްމުގައި ބަތަލާގެ ރޯލު އަދާކުރާނީ އަނުޝްކާ ޝަރުމާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ސޯރަވް ގަންގޫލީގެ ބައޮޕިކެއް ކަރަން ޖޯހަރް އުފައްދާނަމަވެސް އެހާ އަވަހަކަށް މި ފިލްމުގެ މަސައްކަތް ފެށޭނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ ކަރަންގެ ޑްރީމް ޕްރޮޖެކްޓް "ތަޚުތު"ގެ ޝޫޓިން ފަށަން އޭނާ ތައްޔާރުވަމުން ދާތީ އެވެ. މިއީ ތާރީޚީ ހާދިސަތަކަކަށް ކުޅޭ ފިލްމަކަށް ވާތީ މި ފިލްމު އުފެއްދުމަށް ގިނަ ދުވަސްތަކެއް ނަގާނެކަމަށް ވަނީ ބެލެވިފަ އެވެ.
"ތަޚުތު"ގެ ތަރިންގެ ތެރޭގައި އާލިއާ ބަޓް، ކަރީނާ ކަޕޫރު، ރަންވީރު ސިންގް، ވިކީ ކޯޝަލް، ބޫމީ ޕެޑްނޭކަރް، ޖާންވީ ކަޕޫރު އަދި އަނިލް ކަޕޫރު ހިމެނެ އެވެ.