އޮފްބީޓް

ލޯފަން ދަރިފުޅަށް ފުޓުބޯޅަ މެޗު ކިޔައިދިން ބައްޕައަށް ތައުރީފު

ބައްޕައަކު އޭނާގެ ލޯފަން ދަރިފުޅު ފުޓުބޯޅަ މެޗެއް ބަލަން ގޮވައިގެން ގޮސް އިނދެގެން އެ މެޗުގެ ކޮމެންޓްރީ ކިޔައިދޭ މަންޒަރު ފެންނަ ވީޑީއޯއެއް މި ހަފުތާގައި އިންޓަނެޓުގައި ވައިރަލް ވެފައި ވެއެވެ.

ދަރިފުޅަށް ނުފެނުނަސް ފުޓުބޯޅަ މެޗުގައި ހިނގާ ހުރިހާ ކަމެއް އެމީހާ ވަރަށް ފަރުވާތެރިކަމާއެކު ކިޔައިދޭ މަންޒަރު ބަލާފައި ވަރަށް ގިނަ މީހުންގެ ހިތްތަކަށް އަސަރުކުރި އެވެ. އަދި އެންމެންވެސް މި ކުއްޖާގެ ބައްޕައަށް ވަރަށް ތައުރީފު ކުރި އެވެ. އެއްބަޔަކު ބުނެފައިވަނީ އެމީހުންނަށް މި ވީޑިއޯ ބަލާފައި ރޮވުނު ކަމަށެވެ. އެހާވެސް ހިތަށް އަސަރުކުރި ވީޑިއޯ އަކަށް މި ވީޑިއޯ ވަނީ ވެފަ އެވެ.

މި ވީޑީއޯއިން ހާމަވި އަނެއް ހަގީގަތަކީ ފުޓުބޯޅަ ފޭނުން ދުނިޔޭގައި މިލިއަނުން ގުނާލެވޭ ކަމާއި ލޮލަށް ނުފެންނަ ބައެއް މީހުން ވެސް ފުޓުބޯޅަ ފޭނުންގެ ތެރޭގައި ހިމެނޭ ކަމެވެ.

އެތުލެޓިކޯ ޖޫނިއާ އެފްސީގެ އިންސްޓަގްރަމް އެކައުންޓުން ޝެއާ ކޮށްފައިވާ މި ޚަބަރު ބުނާ ގޮތުން މި ދެ ބަފައިންނަކީ ކޮލަމްބިއާގެ ބޮރަންކިއުލާގައި ދިރިއުޅޭ ދެބަފައިންނެވެ. މި ފިރިހެންކުއްޖާގެ ނަމަކީ ސެބަސްޓިއަން އެވެ. ފިރިހެންކުއްޖާ އަކީ އެތުލެޓިކޯ ޖޫނިއާ ފޭނެކެވެ.

އެހެންވެ ދަރިފުޅުގެ ލޮލަށް ނުފެނުނަސް ފުޓުބޯޅައިގެ މެޗެއް ލައިވްކޮށް ބަލާލުމުގެ އުފަ މި ކުއްޖާ އަށް ހޯދައިދޭން އޭނާގެ ބައްޕަ ބޭނުންވީ އެވެ. އަދި ދަރިފުޅު ގޮވައިގެން މެޗު ބަލަން ގޮސް ފެށުނީއްސުރެ ނިމެންދެން ކެތްތެރިކަމާއެކު މެޗުގައިވީ ހުރިހާ ކަމެއް ދަރިފުޅަށް ކިޔައިދިނީ އެވެ.