ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކުގެ މައްސަލާގައި ސަރުކާރުން ބަދަލު ހިފުމުގެ ރޫހެއް ގެންގުޅޭތީ އެކަމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށާއި އެ މައްސަލަ ހައްލު ކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލު ކުރަން ޖެހޭ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން ސަލީމް ވިދާޅުވީ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ފިކުރާއި ލާދީނީ ފިކުރާއި އަދި ދީން ގަބޫލު ނުކުރާ ފިކުރަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވާނެ މައްސަލަތަކެއް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކަންކަމަށް އަމާޒުކޮށް ރާއްޖެ އާއި ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް ވެރިކަން ބަދަލުވުމާއެކު ހައްދުފަހަނައަޅާފައިވާ ފިކުރާއި ލާދީނީ ފިކުރުތަކާ ދެކޮޅަށް ގެންގުޅުނު ސިޔާސަތުތަކާ ދެކޮޅުވެ، ބަދަލު ހިފުމުގެ ރޫހެއް މި ސަރުކާރުން އިސް ކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް ޓެރަރިޒަމްގެ ބިރު ކުރިޔަށް ވުރެ އިތުރުވެފައިވާ ކަމަށެވެ.
"ހުޅުމާލޭގައި ތިން ފަތުރުވެރިންނަށް ދިން ހަމަލާއަކީ އެކަމުގެ ހެއްކެއް،" ސަލީމް ވިދާޅުވި އެވެ.
ރާއްޖެއަށް ޓެރަރިޒަމްގެ ހަމަލާއެއް ދީފައިވާނެ ކަމަށް ބެލެވޭ އެތައް ބަޔަކު ރާއްޖެއިން ފާހަގަވެފައިވާ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް އެއިން އެއްވެސް މީހަކު ހައްޔަރު ނުކޮށް ތިބުމަކީ ޓެރަރިޒމްއާ ދެކޮޅަށް ސަރުކާރުން ސީރިޔަސް ގޮތެއްގައި މަސައްކަތް ނުކުރުން ކަމަށް ސަލީމް ވިދާޅުވި އެވެ. އެހެންކަމުން މި ދަނޑިވަޅުގައި ހައްދުފަހަނައަޅައި ދިޔުމާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލުކޮށް ހިކުމަތްތެރިކަމުގެ އުކުޅުތައް އިސް ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.
ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަން ހުއްޓިފައިވާ ކަމަށް ސަލީމް ފާހަގަ ކުރެއްވި އެވެ. އަދި އެ ކޮމިޝަންގެ މަސައްކަތް ސިޔާސީވެފައިވާ ކަމަށާއި ރައްޔިތުންނަށް އިންސާފެއް ވެސް ނުލިބުނު ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި އެއީ ވޯޓު ހޯދަން ޖެހި މަޅި އެއް ކަމަށާއި މިހާރު ހަރަދު ކުޑަ ކުރަން ޖެހިފައި ވަނިކޮށް އިތުރު ކޮމިޝަންތަކެއް ވެސް ހަދަމުންދާ ކަމަށް ސަލީމް ވިދާޅުވި އެވެ.
އޭގެ އިތުރުުން 2020 ވަނަ އަހަރު ގްރޭޑު 10 އެއްގައި ގުރުއާންގެ ޓެސްޓު ނުހެދޭ ގޮތައް ނިންމުމަކީ ދެރަވަރު ކަމެއް ކަމަށާއި ރާއްޖޭގައި ގުރުއާނާއި އޭގެ އިލްމަށް ދެމުން ގެންދާ ސަމާލުކަން ކުޑަކޮށް ދިވެހިންގެ ހިތްތަކުގައި ގުރުއާނާ މެދު ދެކޭ ގޮތް ބަދަލު ކުރުމަށް ހިންގަމުންދާ ކަމެއް ކަމުގައި ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.