ހަބަރު

ސީއެމްޑީއޭ ސީޖީ އެފޯޓްސް އެވޯޑް ސްޓެލްކޯ އަށް

ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ކޯޕަރޭޓް ގަވާނެންސްގެ ދާއިރާ އިން ފާހަގަކޮށްލެވޭ ކުންފުނި ތަކަށް ދޭ "ސީޖީ އެފޯޓްސް އެވޯޑް" ސްޓެލްކޯ އަށް ލިބިއްޖެ އެވެ.

ސީއެމްޑީއޭ އިން މި އެވޯޑު ދެނީ ވިޔަފާރީގެ ދާއިރާ އިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކުންފުނިތަކަށް ދޭ ކޯޕަރޭޓް މޯލްޑިވްސް "ގޯލްޑް 100" ގާލާ ނައިޓްގަ އެވެ.

މި އަހަރުގެ އެވޯޑާ ސްޓެލްކޯގެ ފަރާތުން ހަވާލުވެވަޑައިގަތީ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ އެވެ.

ސްޓެލްކޯ އަށް މި ފަހަރު އެވޯޑް ލިބިފައިވަނީ މުޅިން އަލަށް ތާރަފުކުރި ސްޓޭޓް އޯންޑް އެެންޓަޕްރައިސަސް (އެސްއޯއީ) ނުވަތަ ސަރުކާރު ކުންފުނިތަކުގެ ބައިންނެވެ.

އެވޯޑާ ހަވާލުވެވަޑައިގަތުމަށްފަހު އެމްޑީ މުގުނީ ވިދާޅުވީ، މި އެވޯޑް ސްޓެލްކޯ އަށް ލިބިފައިވަނީ ނަމޫނާ ކުންފުންޏެއްގެ ގޮތުގައި ސްޓެލްކޯ ބާއްވަން މުވައްޒަފުން ކުރާ ބުރަ އަދި މިންނެތް މަސައްކަތުގެ ސަބަބުން ކަމަށާ އެކަމަށްޓަކައި މުވައްޒަފުން ނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ސީޖީ އެފޯޓްސް އެވޯޑް ސްޓެލްކޯ އަށް މި އަހަރު ލިބިފައިވާއިރު، މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސްޓެލްކޯ އަށް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުންޏަކަށްދޭ "ޕަބްލިކް އެންޓަޕްރައިސް އޮފް ދި އިޔާގެ އެވޯޑް" ވެސް ލިބިފަ އެވެ.