ހަބަރު

މެންބަރުންގެ ނުރުހުން: ހުޅުމާލެއަކީ އެޗްޑީސީގެ މިލްކެއްްތަ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމާ ގުޅޭ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑުން ގޮތްތައް ނިންމާތީ އެއީ އެ ކުންފުނީގެ މިލްކުވެރިކަމުގެ ދަށުގައިވާ ތަނެއްތޯ ސުވާލު އުފައްދަވައި އެޗްޑީސީން އެ ކަމެއްގެ މައުލޫމާތު ސާފު ކުރަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން މިއަދު ނިންމައިފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މީގެ ކުރިން އަވަސް ނޫހަށް ވިދާޅުވެފައިވާ ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ކުއްޔަށް ދޫކުރަން ވަރަށް އަވަހަށް ހުޅުވާލާނެ އެވެ. އެކަމަކު އޭގެ ފަހުން ދެވަނަ ފިޔަވަހިން ބިން ވިއްކުމާ ގުޅޭ ގޮތުން އެ ކުންފުނީގެ ބޯޑުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ބުނެ ނޫސްބަޔާނެއް ވަނީ ނެރެފަ އެވެ.

މި މައްސަލައާ ގުޅިގެން މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވަނީ އެ މައްސަލަ ދިރާސާ ކޮށްދިނުމަށް އެދިވަޑައިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންކަން ބެލުމަށް މަޖިލީހުގައި އެކުލަވާލާފައިވާ އެސްއޯއީ ކޮމިޓީއަށް ފޮނުވައިފަ އެވެ. މެންބަރު ރަޝީދަކީ އަކީ އެ ކޮމިޓީގައި އިންނަވާ މެންބަރެއް ނޫނެވެ.

އޭނާގެ ސިޓީއާ ގުޅިގެން މިއަދު ބޭއްވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހިން މީގެ ކުރިން ވެސް ބިން ވިއްކަން މަސައްކަތް ކޮށްފައިވާއިރު، 2017 ގައި ބައެއް މީހުނަށް ބިން ވިއްކާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ގޮތަށް ބިންތަކެއް ވިއްކެމުންދާއިރު މި މަޖިލީހުން ބަލަން ޖެހޭ، އަޅުގަނޑު ހުށަހަޅާލަން މިހާރު ވިއްކާފައި ހުރި ކޮން ބިންތަކެއްތޯ އަދި ވިއްކާފައި އޮތީ އާންމު އުސޫލުންތޯ، ކޮންމެ ވެސް ވަރަކަށް ބެލުން އެއީ އަޅުގަނޑު ދެކޭ ގޮތުގައި ކުރަން ޖެހޭ ކަމެއް،" ބޮންޑެ ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު އެ ބިމުން 1،000 އަކަފޫޓުގެ ބިމެއް 400،000 ރުފިޔާގެ މަގުން ވިއްކަން މަސައްކަތް ކުރި އެވެ. އެކަމަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިގެން އެ މަސައްކަތް އޮތީ އޭރު ހުއްޓާލާފަ އެވެ.

ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ދެން ފާހަގަ ކުރެއްވީ އެޗްޑީސީގެ ބަޔާނުގައި ވެސް އޮތީ އެ ކޯޕަރޭޝަންގެ ބޯޑުން ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން އަދި ނިންމާފައި ނުވާ ކަމަށެވެ. އެއިން އެ ކަމާ ގުޅޭ ގޮތުން ބޯޑުން މަޝްވަރާ ކުރި ކަމެއް ނޫނީ އެ ގޮތަށް ފާސްކުރަން ބޯޑަށް ފޮނުވި ކަމެއް ސާފު ނުވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް އެހެން ވިދާޅުވުމުން ބޮންޑެ ވިދާޅުވީ އެހެންކަމުން އެ ކަން ވެސް ސާފު ކުރަން ޖެހޭ ކަމަށެވެ. އެޗްޑީސީގެ ބޯޑުން ބިން ވިއްކުމާ ގުޅޭ ގޮތުން މިހާތަނަށް ވިސްނާފައި އޮތީ ކިހިނެއްތޯ އެ ކުންފުނީގެ ޕްލޭން އަކީ ކޮބައިތޯ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ ހުޅުމާލޭގެ ބިން ވިއްކުމާ ގުޅޭ ގޮތުން އެޗްޑީސީއަށް ގޮތް ނިންމޭއިރު އެއީ އެ ކުންފުނީގެ މިލްކިއްޔާތެއްތޯ ނުވަތަ ނޫންތޯ ވެސް އެބަ ބަލަން ޖެހޭ ކަމަށެވެ. މާލޭގެ އަވަށެއްގެ ގޮތުގައި އޮތް ހުޅުމާލޭގެ މިލްކުވެރިކަން އެ ކުންފުންޏަށް އޮތީތޯ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭގެ އަވަށެއް ކަމުގައިވާ ހުޅުމާލެ އަކީ އެޗްޑީސީގެ މިލްކިއްޔާތެއްތޯ ނުވަތަ ނޫންތޯ އެބަ ބަލަން ޖެހޭ. އަޅުގަނޑު ހުށަހަޅާލަން އެ ކަން ވެސް ކޮމިޓީން ސާފުކުރަން." ނިހާދު ވިދާޅުވި އެވެ.

ނިހާދުގެ ވާހަކައަށް ފަހުގައި ވެސް ބޮންޑެ ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތުން ހުޅުމާލެއަކީ މާލޭގެ އަވަށެވެ. މާލޭގެ ކޮންމެ އަވަށެއްގެ ބެލެނިވެރި ފަރާތަކީ މާލެ ސިޓީ ކައުންސިލް ކަމުގައިވާ ކަމަށެވެ. އަދި އޭނާ ވެސް އެޗްޑީސީގެ މިލްކުވެރިކަމުގެ ދަށުގައި ހުޅުމާލެ އޮތްތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވެ ފާޑުވިދާޅުވި އެވެ.

ކޮމިޓީގެ ދެން ތިއްބެވި މެންބަރުން ވެސް އެ ހުށަހެޅުންތަކާ ދެކޮޅު ނުހެއްދުވުމުން އޭރު ކޮމިޓީގެ ރިޔާސަތުގައި އިންނެވި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ވިދާޅުވީ އެ ހުރިހާ ކަމެއް ސާފު ކުރުމަށް އެޗްޑީސީއަށް ސިޓީއެއް ފޮނުވުމަށް މަޖިލީހުގެ އިދާރާއަށް އަންގަން ފޮނުވާނެ ކަމަށެވެ. -- އޭރު ކޮމިޓީގެ މުގައްރިރު އިލްޔާސް ވަނީ ބައްދަލުވުން ދޫކުރައްވައި ވަޑައިގެންފަ އެވެ.

ހުޅުމާލެ އިތުރަށް ތަރައްގީ ކުރުމަށްޓަކައި އެ އަވަށުގެ މަސައްކަތްތައް ހިންގަން އެޗްޑީސީއާ ހަވާލު ކުރަން ނިންމާފައި ވަނީ ވެސް ރައީސް ޔާމީންގެ ސަރުކާރުގަ އެވެ.