ހަބަރު

އަލީއާ ރައީސްގެ މި ފޮޓޯ: އާންމުން ރަތަށް

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އޭނާގެ އެކުވެރިންނާއެކު މިނިސްޓަރުގެ ކޮޓަރިކޮޅު ތެރޭގައި "ޖެއްސެވި ސަކަރާތު" ގެ އޯޑިއޯތައް ލީކްވެ، ބޭޒާރު ވެގެން ދިޔައީ މީގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. ފުލުފުލުގައި ލީކުވި އޯޑިއޯތަކުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރާ، މަޖިލީހުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅޭގޮތުން ވެސް ވާހަކަ ދައްކާ އަޑު އިވެއެވެ. އޭގައި ހުތުުރު އެތައް ބަސްތަކެއް ބޭނުން ކުރެ އެވެ. ކޮރަޕްޝަން ސައްލާއެއް ކުރާ އަޑުވެސް އިވެއެވެ. އަދި ޖިންސީ ފުރައްސާރަތަކާއި، އިސްލާމް ދީނުގައި މަނާ ކުރައްވާފައިވާ ހުތުރުހާ ކަންކަމަށް އަރައިގަތުމަށް ފޯރީގައި ހިތްވަރުދޭ އަޑުވެސް އިވެއެވެ.

އޯޑިއޯތައް ލީކުވާން ފެށުމުން މިނިސްޓަރު އަލީ ވަހީދު ވަނީ "އެއީ ހަގީގަތެއް ނެތް ފޭކް އޯޑިއޯތަކެއް" ކަމަށް ދެ ފަހަރަކު ވިދާޅުވެފަ އެވެ. އަދި އެއީ "ބައެއްގެ އެޑިޓެއް" ކަމަށް ވިދާޅުވި އެވެ. ނަމަވެސް ފުލުފުުލުގައި ލީކުވަމުންދިޔަ އޯޑިއޯތަކުން އަލީ އިތުރަށް ބޭޒާރުވެ ހޫނުފެނަށްވެއްޓުން ފިޔަވައި އިތުރު ކަމެއް ނުވި އެވެ. އެވަރުން ވެސް ވިދާޅުވީ "އެއީ ފޭކެއް" ކަމަށެވެ. އަދި ތަހުގީގުކޮށް ބެލުމަށާ ތަހުގީގުކޮށްފިނަމަ ހަގީގަތް ފެންނާނެ ކަމަށެވެ.

ދެން ނުކުތީ އެއަށްވުރެ އަޑުގަދަ އޯޑިއޯއެކެވެ. އެއީ ލީކުވި އޯޑިއޯތަކާމެދު މިނިސްޓަރު އަލީ ވަހީދާއި އޭނާގެ ޖިންސީ ފުރައްސާރަތައް އަމާޒުވެ ވަޑައިގެންނެވި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ "ޒުވާބު" ކުރައްވާ އޯޑިއޯއެކެވެ.

އޯޑިއޯތައް ލީކްވެ ދައުރުވާން ފެށި ފަހުން އަލީ ވަހީދަށް އައިޝާ ގުޅުއްވާ އެ އޯޑިއޯގައި މިނިސްޓްރު އަލީ ވަހީދު އަމަލު ކުރައްވާފައި ވަނީ ވަރަށް ހަޑިކޮށް ކަމަށް އެކަމަނާ ވިދާޅުވެ އެވެ. ދެން އިތުބާރު ކުރައްވާނީ ކިހިނެއްތޯ ވެސް އައްސަވަ އެވެ. އެއާއެކު އަލީ ވަހީދު ވިދާޅުވަމުން ގެންދެވެނީ "އެއީ އެޑިޓެއް... އެއީ އެޑިޓެއް!" ކަމަށެވެ. އެކަމަކު، އައިޝާ ވަނީ އެއީ އެޑިޓެއް ނޫން ކަމާއި އެއީ ހަގީގަތަށް ކުރެވުނު ފޯނު ކޯލެއްކަން ޔަގީންކޮށް ދެއްވާފަ އެވެ.

އައިޝާ ވިދާޅުވާ ގޮތުގައި "އަޅުގަނޑާ ވާހަކަ ދެއްކި ފޯނު ކޯލު، އޭގައި އެ ހުރި އަޑާ އެއްޗެހި" އެކަމަނާއަށް އެނގިވަޑައިގަންނަވަ އެވެ. އަދި އެއީ އަލީ ވަހީދު ކުރެއްވި ފޯނު ކޯލެކެވެ. ދެން އެއީ އެޑިޓް ކޮށްފައިވާ އޯޑިއޯއެއް ކަމަށް ވިދާޅުވާނީ ކިހިނަކުންތޯ ވެސް އެކަމަނާ ސުވާލު ކުރައްވަ އެވެ.

އޭގެ ފަހުން އެކަމަނާ ވިދާޅުވަނީ "އަޅުގަނޑުގެ މައްސަލައަކީ ލީކް ކުރުމެއް ނޫން ކަމަށެވެ. އެކަމަކު އެކަމަނާއަށް ކުރެއްވި ކޯލެއް އެހެން ބަޔަކު ތިއްބައި ސްޕީކަރަށް ލުމަށްފަހު ރެކޯޑްކޮށްފައި އޮތީ ކީއްވެގެންތޯ އުފެދޭ ސުވާލެވެ. އެ ސުވާލު އެމަނާ އަލީ ވަހީދާ ކުރައްވަ އެވެ. އައިޝާ އެ ވާހަކަތައް ދައްކަވަމުން ގެންދެވި ވަގުތު އަލީ ވަހީދު ތަކުރާރުކޮށް އޭނާ އެފަދަ ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވަމުން ގެންދެވި އެވެ. ނަމަވެސް ވަށައި ޖެހޭ ހުއްޖަތެއް މިހާތަނަށް މޮޅަށް ވާހަކަ ދައްކަވާ އަދި ދޫފަސޭހަ އަލީ ވަހީދަށް ވިދާޅެއް ނުވެވުނެވެ.

ކަންތައް މިހާހިސާބަށް ދިޔައިރުވެސް މިފަދަ ކަންކަމަށް "ޒީރޯ ޓޮލަރެންސް" ބޯޑް އަޅުވައިގެން އޮތް ސަރުކާރަކަށް، ރައްޔިތުންގެ މަޖިލީހަކަށް ވެސް އެއިން އެއްވެސް އަޑެއް ނީވުނެވެ. ސޯޝަލް މީޑިއާގައި ރައްޔިތުން ކުރަމުންދިޔަ ޝަކުވާއާއި، ލަވަމުންދިޔަ ހަޅޭކުގެ އަޑެއް ނީވުނެވެ. މި ރުޅިވެރިކަމުގައި އެތައް ބަޔަކު ތިއްބާ އާންމުން ކައްކުވައިލީ މި ފޮޓޯއެވެ. މިއީ ކޮރަލް ފެސްޓިވަލް 2020 ބައިވެރިވެވަޑައިގަތުމަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ.

ފޮޓޯގައި ފެންނަނީ ރައީސް ސޯލިހާއި، މިނިސްޓަރު އަލީ ވަހީދު ވާހަކަފުޅެއް ދައްކަވާ ވަރަށް ބޮޑަށް ސަމާސާގެ ހިނިތުންވުމަކާއެކު ތިއްބަވާ މަންޒަރެވެ. މިހާރު ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ވައިރަލްވެފައިވާ ފޮޓޯއަކީ މިއީ އެވެ. އެ ފޮޓޯއާއެކު އެތައް ބަޔަކު ދަނީ އެމީހުންގެ ޝުއޫރުތައް ފާޅު ކުރަމުންނެވެ.

ބައެއް މީހުންގެ ނަޒަރުގައި މިއީ ސަރުކާރުގެ އަދުގެ ހާލަތު އަންގައިދޭ ފޮޓޯއެކެވެ. ޖިންސީ ފުރައްސާރައާއި ހުތުރު ކަންތައްތަކަށް ޒީރޯ ޓޮލަރެންސް އޮތީ ނަމެއްގަ އެވެ. އެއީ އަމަލުން މި ސަރުކާރުން ދައްކާނެ ކަމެއް ނޫނެވެ. އެހެން ނޫންނަމަ ބޮޑު މައްސަލައެއް ބަލަން ފަސްޖެހި، އަލީ ވަހީދާއެކު ރައީސ ނުއިންނަވާނެ ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.

އަނެއް ބަަޔަކު ވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށްވެސް މިހާރު ޖިންސީފުރައްސާރަ ރަނގަޅުވެ ކަމުދިޔައީތޯ ސުވާލުކޮށްފަ އެވެ. ގިނަ ބަޔަކު އެންމެ ބޮޑަށް ފާޑުކިޔާފައި ވަނީ ރައީސް ސޯލިހަށެވެ. އެގޮތުން ވެރިކަން ކުރައްވަން ގާބިލުތޯ ސުވާލު ކުރުމާއެކު މިހާރު ލީކްވެފައިވާ އޯޑިއޯތަކުގެ އަޑު އިވިވަޑައިނުގަންނަވަނީތޯ ވެސް ސުވާލު ކޮށްފައި ވެއެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ފައިސާތަކެއް ލިބިފައިވާ ކަމުގެ ތުހުމަތާއެކު، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވަގުތުން ގެއަށް ފޮނުއްވާލެއްވި އެވެ. އޭރު ވަރަށް ގަދައަށް "ޒީރޯ ޓޮލަރެންސް" ގެ އުސޫލެއް ގެންގުޅުއްވި އެވެ. ނަމަވެސް މިހާރު ފެންމަތީގައ މިއޮތް ޖިންސީފުރައްސާރަ އާއި ހިޔާނާތާއި ދީނާ ހިލާފު ކަންކަން ހިމެނޭ "ކަންތައްގަނޑެއް" ވަޒީރެއްގެ ކިބައިން ހިނގާދިއުމުން ވެސް ސަރުކާރަށް އެކަން ބަލާލަން ނުކެރިފައި ވަނީ ކީއްވެތޯ ދަނީ ސުވާލު ކުރަމުންނެވެ. މައްސަލަ ބަލައިދިނުމަށް މިނިސްޓަރު ނަހުލާ އެދިވަޑައިގެފައިވާއިރު ސަރުކާރު އޮތީ ބަހެއް ނުބުނެ އެވެ. މި ފޮޓޯއަކީ ޖަވާާބެއް ކަމަށް ފުދެ އެވެ.