ދެ ވަނަ ލެގް މެޗު ޕެނަލްޓީ ޖަހައިގެން ބެންގަލޫރު އެފްސީ ބަލިކޮށް 4-3 ން ބަލިކޮށް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖަށް މާޒިޔާ ކޮލިފައި ވެއްޖެ އެވެ.
މާޒިޔާ މެޗަށް ނުކުތީ ފުރަތަމަ ލެގްގައި، މާލޭގައި ކުޅުނު މެޗު 2-1 ން ކާމިޔާބު ކޮށް އެ އިތުބާރާއެކު އެވެ. ބެންގަލޫރަށް ދެ ވަނަ ލެގްގައި އޮތް އެޑްވާންޓޭޖަކީ އެ ޓީމު މާލޭގައި މާޒިޔާ ކޮޅަށް ލަނޑެއް ޖެހިފައި ވުމާއި އަމިއްލަ ދަނޑުގައި ކުޅުމުގެ ހިތްހަމަޖެހުމެވެ.
އެހެންނަމަވެސް މެޗަށް ނުކުތުމުގެ ކުރިންވެސް މާޒިޔާގެ ކޯޗް މަރުޔާން ސްކެލޮވްސްކީ ބުނީ، މާޒިޔާގެ ކުޅުންތެރިންނަށް އިތުބާރު ލިބިފައިވާ ކަމަށެވެ. ފުރަތަމަ ހާފުގައި މާޒިޔާއިން ވަނީ ވަރަށް ރަނގަޅަށް ޑިފެންސް ކޮށްގެން ކުޅެފަ އެވެ. އަދި ކައުންޓަ އެޓޭކު ފުރުސަތުގައި ކުރިއަށް ޖެހި ފުރުސަތެއްވެސް ތަނަވަސް ކުރި އެވެ.
ދެ ވަނަ ހާފަށް ބެންގަލޫރު ނުކުތީ ބަދަލުތަކާއެކު އެވެ. އުދަންތާ ސިންހްގެ ބަދަލުގައި އެ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ކުޅެން ނުކުތެވެ. ބެންގަލޫރުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޖެމެއިކާގެ ފޯވަޑް ޑިޝޯން ބްރައުންނެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 58 ވަނަ މިނެޓްގަ އެވެ.
އެ ނަތީޖާއިން ފަރުޖައްސާލާއިގެންވެސް ބެންގަލޫރަށް ކޮލިފައި ވެވެން އޮތެވެ. އެހެންނަމަވެސް މާޒިޔާ ކުޅުންތެރިން ހިތްވަރު ދޫކޮށްނުލައި ކުޅުމުގެ ނަތީޖާ އަކީ ލަނޑު ޖަހާނެ ފުރުސަތު ތަނަވަސް ވުމެވެ. އެ ޓީމުގެ ލަނޑު 73 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަނިޔާގައި ދުވަސްތަކެއްވަންދެން ހޭދަ ކުރުމަށް ފަހު އެނބުރި އައި މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ.
ނަތީޖާ ހަމަހަމަ ކޮށް މާޒިޔާއިން އެޑްވާންޓޭޖު ނެގިނަމަވެސް، ފަސް މިނެޓް ފަހުން ޗެތުރީ ވަނީ ބެންގަލޫރަށް ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދީ އެގްރިގޭޓް ނަތީޖާ 3-3ށް ބަދަލު ކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު 2-1 ނިމުމުން، ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓްގެ ދެހާފުގެ ތެރެއިން އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް މާޒިޔާގެ ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) ވަނީ މާޒިޔާއަށް ލަނޑު ޖަހައިދީ ދެ ވަނަ ލެގް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑާއެކު އެގްރިގޭޓް ނަތީޖާގެ ކުރި މާޒިޔާއަށް ލިބުނެވެ. ޕެނަލްޓީ އަށް ދިޔައީ އެކްސްޓްރާ ޓައިމްގެ ފަހު ވަގަުތުގައި ޗެތުރީ ކާމިޔާބު ކުރި ލަނޑުން މެޗުގެ އެގްރިގޭޓް ނަތީޖާ 4-4 ން އެއްވަރުވުމުންނެވެ.
އޭއެފްސީ ކަޕްގެ ފޯމެޓަށް 2017 ވަނަ އަހަރު ގެނައި ބަދަލާއެކު މި ސަރަހައްދުގެ ޓީމުތައް ހިމެނެނީ އެއް ގުރޫޕެއްގަ އެވެ. ސަރައްދުގެ އެންމެ ރަނގަޅު ލީގް ހިމެނޭ ތިން ގައުމުގެ ލީގް ޗެމްޕިއަންކަމަށް ގޫރޫޕް ސްޓޭޖުން ސީދާ ޖާގަ ލިބެ އެވެ. އެއީ ރާއްޖެ އާއި ބަންގުލަދޭޝް އަދި އިންޑިއާއެވެ. ގުރޫޕް ސްޓޭޖުގެ ފަހު ޖާގައަށް ވާދަ ކުރަނީ ލީގްގެ ރަނަރަފް ނުވަތަ ކަޕްގެ ޗެމްޕިއަން ޓީމެވެ.
އެ ބަދަލު ތަންފީޒު ކުރަން ފެށިފަހުން މިދިޔަ އަހަރުގެ ނިޔަލަށް އިންޑިއާ ފިޔަވައި އެހެން ގައުމަކުން ދެ ޓީމަށް ގުރޫޕް ސްޓޭޖުން ޖާގަ ލިބިފައެއް ނުވެ އެވެ. މިއީ މިހާރު އަމަލު ކުރާ ފޯމެޓްގެ ދަށުން މިސަރަހައްދުން އިންޑިއާ ފިޔަވައި އެހެން ގައުމަކުން ދެ ޓީމު ކޮލިފައިވި ފުރަތަމަ ފަހަރެވެ.