ވިޔަފާރި

އެސްޓީއޯ އާއްމު ހިއްސާދާރުގެ ޑިރެކްޓަރު ކަމަށް ފުރުސަތު ހުޅުވާލައިފި

Feb 27, 2020

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ބޯޑުގެ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުންގެ މަގާމަަށް ފުރުސަތު ހުޅުވާލާފައިވެ އެވެ.

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެސްޓީއޯ އިން ބުނީ 2020 އަދި 2021 ވަނަ އަހަރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރު ކަމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެސްޓީއޯގެ ހިންގާ ގަވާއިދުގައިވާ ގޮތުން އެ ކުންފުނީގެ ހިއްސާ ބެހިފައިވާ ގޮތުން ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރެވޭނީ އެންމެ ޑިރެކްޓަރެކެވެ. ނަމަވެސް ސަރުކާރު ނުވަތަ މައި ހިއްސާދާރު ތަމްސީލް ކުރަން ހަ ޑިރެކްޓަރުން ތިބޭނެ އެވެ.

އެ ކުންފުނީގެ ބޯޑުގައި މިހާރު އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ އައިމިނަތު ރުޝްހާ އެވެ.

އެސްޓީއޯގެ ޑިރެކްޓަރު ކަމަށް ކުރިމަތިލާ ފަރާތެއްގައި އެންމެ މަދުވެގެން ހުންނަން ޖެހޭ ޝަތުރުތައް:

  • ކުންފުނީގެ ހިއްސާދާރަކަށްވުން
  • ދިވެހި ރައްޔިތަކު ކަމުގައިވުން
  • ޢުމުރުން 30 އަހަރު ވެފައިވުން

މީގެ އިތުރުން ވެސް ގިނަ ޝަތުރު ތަކެއް މި މަގާމަށް ކުރިމަތިލާ ފަރާތެއްގައި ހުންނަން ޖެހެ އެވެ. މީގެތެރޭގައި ވިޔަފާރިއާ ގުޅުންހުރި ދާއިރާ އަކުން މަދުވެގެން ޑިގްރީ ފެންވަރުގެ ސަނަދަކާއެކު ހިންގުމުގެ ދާއިރާ އިން މަދު ވެގެން ފަސް އަހަރުގެ އަމަލީ
ތަޖުރިބާ ލިބިފައިވުން ނުވަތަ ޑިޕްލޮމާ ފެންވަރުގެ ސަނަދަކާއެކު 10 އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން ވެސް ހިމެނެ އެވެ.

މި މަގާމަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ އަންނަ 19 ގެ ކުރިންނެވެ.

އެސްޓީއޯ އިން ހަރަދު ކުޑަ ކުރަން އެޅި ފިޔަޅުތަކާއެކު މިދިޔަ އަހަރު ބޮޑު ފައިދާއެއް ވެފައިވެ އެވެ. މިދިޔަ އަހަރު ޓެކްހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 422 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ 2018 ވަނަ އަހަރާއި އަޅާ ބަލާއިރު 63 ޕަސެންޓް އިތުރު ވުމެކެވެ.