ބޮލީވުޑް

"އާޝިގީ 3" އަށް ތަރިން އަދި ނުނަގަން: ޑައިރެކްޓަރު

މޯހިތު ސޫރީ ޑައިރެކްޓްކުރި އަދިތުޔާ ރޯއި ކަޕޫރާއި ޝްރައްދާ ކަޕޫރުގެ "އާޝިގީ 2" އަކީ ވަރަށް ބޮޑު ކާމިޔާބެއް ހޯދި އަދި ފޭނުންނަށް ވަރަށް ރީތިވި ފިލްމެކެވެ. އެހެންވެ "އާޝިގީ 3" ބަލާލަން ބޭނުންވެފައި ތިބި ފޭނުން ވަރަށް ގިނަ އެވެ. އެހެންކަމުން "އާޝިގީ 3" އުފައްދަން އުޅޭކަން މޯހިތު އިއުލާން ކުރުމާއެކު ވަރަށް ގިނަ ބަޔަކަށް އުފާވެރިކަން ލިބުނެވެ. އަދި މިފަހަރުގެ ފިލްމުގައި ބައިވެރިވާ ތަރިންނާ ބެހޭ ގޮތުން ތަފާތު ވާހަކަތައް މީޑިއާގައި ފެތުރެން ފެށި އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "އާޝިގީ 3"ގެ ތަރިންނަކީ "ސްޓޫޑަންޓް އޮފް ދަ އިޔާ"ގެ ތަރިން ކަމަށްވާ އާލިއާ ބަޓް އާއި ސިދާރްތު މަލްހޯތުރާ އެވެ. އާލިއާ އާއި ސިދާރްތުގެ ކެމިސްޓްރީ ވަރަށް ގިނަ ބަޔަކަށް ކަމުގޮސްފައިވާތީ މި ދެ ތަރިން އެ ފިލްމުގައި ބައިވެރިވުމަކީ ވަރަށް ގިނަ މީހުން އުންމީދު ކުރާ ކަމަކަށް ވިޔަސް ޑައިރެކްޓަރު ބުނި ގޮތުގައި އެ ފިލްމުގެ ތަރިން އަދި އޭނާ ހަމައެއް ނުޖައްސަ އެވެ.

މޯހިތު ބުނި ގޮތުގައި އަދި އޭނާ ކުރަމުންދަނީ އެ ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތެވެ. އަދި އާޝިގީ 2 ގެ މިއުޒިކް ކަހަލަ ރީތި ލަވަތަކެއް މިފަހަރުގެ ފިލްމުގައި ވެސް ހިމަނަން ބޭނުންވާތީ ރީތި ލަވަތަކެއް ހޯދުމުގެ މަސައްކަތް ވެސް އޭނާ މިހާރު ކުރަމުންދާ ކަމަށް މޯހިތު ބުންޏެވެ. ފިލްމުގެ ތަރިން ހޯދަން މަސައްކަތް ފަށާނީ ސްކްރިޕްޓާއި މިއުޒިކް މުޅިން ފައިނަލް ވުމުންނެވެ.

މޯހިތުގެ ވަރަށް ރީތި ފިލްމެއް ކަމަށްވާ "އޭކް ވިލަން"ގެ ދެ ވަނަ ބައި އުފެއްދުމުގެ މަސައްކަތް ފަށަން އުޅޭ ކަމަށް ވެސް މޯހިތު މީގެ ކުރިން ވަނީ ބުނެފަ އެވެ. މޯހިތު ބުނީ އޭކް ވިލަން 2 ކުޅެން އަދިތުޔާ ރޯއި ކަޕޫރާއި ޖޯން އެބްރަހަމް ފައިނަލް ވެފައިވާ ނަމަވެސް ފިލްމުގެ ބަތަލާއަކު އަދި ހަމައެއް ނުޖެހެ އެވެ. މި ފިލްމުގެ ބަތަލާއަކަށް ދިޝާ ޕަޓްނީ ސޮއިކުރި ކަމަށް ދެކެވޭ ވާހަކަތައް މޯހިތު ދޮގުކުރި އެވެ.

ޑައިރެކްޓަރު ބުނީ އޭނާގެ ފިލްމުތަކުގައި ބަތަލާއިންނަކީ ވަރަށް މުހިއްމު ރޯލެއް އަދާކުރާ ބައެއް ކަމަށާއި އެމީހުންނަށް އޮންނާނީ ހަމައެކަނި ގަސްތަކުގެ ވަށައިގެން އެނބުރި ލަވަކިޔާ ނެށުން ނޫން ކަމަށެވެ. އޭނާ އިތުރަށް ބުނީ އޭކް ވިލަން 2 ގައި ދެ ބަތަލާއިން ބޭނުންވާ ކަމަށާއި އެ ބައިތަކަށް އެންމެ ފިޓްވާ ބަތަލާއިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މޯހިތު ސޫރީގެ އެންމެ ފަހުން ރިލީޒްވި "މަލަންގް" އަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބިފައިވެ އެވެ. މި ފިލްމުގެ ވެސް ސީކުއަލް އެއް އުފައްދާނެކަމުގެ އިޝާރާތެއް މޯހިތު ވަނީ ދީފަ އެވެ.

"މަލަންގް ނިމޭ ތަނުގައި ހިމެނޭނެ ވަރަށް ޝައުގުވެރިވާ ކަހަލަ މަންޒަރެއް. އެ މަންޒަރުގައި އިވެނީ ކާކުގެ އަޑެއްކަން ފާހަގަ ކުރެވުނުތަ؟ އެ ޓުވިސްޓާއެކު އަހަރެމެން އަދި ފަހުން އާ ފލްމަކާ އެކު އަންނާނަން. ނަމަވެސް އަދި އެ ފިލްމާ ބެހޭ ގޮތުން ވާޙަކަ ދައްކަން މާ އަވަސް،" މޯހިތު ބުންޏެވެ.

މި އަހަރު ފެބްރުއަރީ ހަތެއްގައި ރިލީޒްކުރި އަދިތުޔާ ރޯއި ކަޕޫރާއި ދިޝާ ޕަޓްނީ ލީޑް ރޯލު ކުޅެފައިވާ "މަލަންގް" ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ދަނީ ހޯދަމުންނެވެ.