ބޮލީވުޑް

"ކަސޯޓީ"ގައި އަނުރާގު ޕްރޭރްނާ މަރާލަނީ!

އެކްތާ ކަޕޫރުގެ މަޝްހޫރު ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ނިމެން ކައިރިވެފައިވާއިރު މިފަހަރުގެ ސިލްސިލާ ނިމޭއިރު އަނުރާގު ޕްރޭރްނާ މަރާލާތަން ބެލުންތެރިންނަށް ފެނިގެން ދާނެކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ. އަދި އެކްތާ ވެސް ވަނީ މިއީ ތެދެއްކަން ޔަގީންކޮށްދީފަ އެވެ.

"އާނ. ތިކަން ތިހެން ވާނީ. އަނުރާގް އާއި ޕްރޭރްނާ އަކީ ޓީވީ ސްކްރީންތަކުން ފެންނަ އެންމެ ގިނަ ބަޔަކު ލޯބިވާ ޖޯޑު. ނަމަވެސް މިހާރު ބެލުންތެރިންނަށް ދެން ފެނިގެންދާނީ ބޭވަފާތެރިކަމުގެ ވެސް އިންތިހާ،" އެކްތާ ބުންޏެވެ.

ސިލްސިލާގައި ކުރިޔަށް އޮތީ ހީވެސް ނުކުރާ ކަހަލަ ޓުވިސްޓެކެވެ. ޝޯ އުފައްދާ ފަރާތުން މިހާރު ރާވާފައިވަނީ އަނެއްކާވެސް ސިލްސިލާ އެތައް އަހަރެއް ކުރިޔަށް ޖައްސާލާށެވެ.

ހީވެސް ނުކުރާ ގޮތަކަށް އަނުރާގު ޕްރޭރްނާ މަރާލުމާ ބެހޭ ތަފްސީލު ދެމުން މި ރިޕޯޓުގައި ބުނެފައިވަނީ ޕްރޭރްނާ (އެރިކާ ފެނާންޑިސް) ބަލިވެ އިނދެ ވިހަން ބަނޑުގައި ރިއްސާތީ އަނުރާގް (ޕާތު ސަމްތާން) އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް މަރާލަނީ ކަމަށެވެ. މިހާރު ޝޯގައި ދައްކަނީ ވިރާޖް (ނަމިލް ޕޯލް) ގަދަކަމުން ޕްރޭރްނާ އާ ކައިވެނި ކުރަން އުޅޭ ތަނެވެ.

"ކަސޯޓީ"ގައި މިހެން ކަން ވާނީ މާ ކުރިއްސުރެ ފިލްމީ ބަތަލާ ފާތިމާ ސަނާ ޝޭކް އަށް އެނގިފައި އޮތް ކަހަލަ އެވެ. އޭނާ ތަންކޮޅެއް ކުރިން ކޮށްފައިވާ ޓުވީޓެއްގައި އޭނާގެ ފޭވަރިޓް ޝޯ "ކަސޯޓީ"ގައި އަނުރާގް ޕްރޭރްނާ މަރާލާތަން ހުވަފެނަކުން ފެނިއްޖެ ކަމަށް ބުނެފައި ވެއެވެ.

މިހާރު ދައްކާ "ކަސޯޓީ" އަކީ ހަމަ މި ނަމުގައި އެކްތާ ކުރިން އުފެއްދި ސިލްސިލާއެއްގެ ރިބޫޓް އެކެވެ. މީގެ އޮރިޖިނަލް ޝޯގައި އަނުރާގް އާއި ޕްރޭރްނާގެ ރޯލު ކުޅެފައިވަނީ ޝިޒޭން ޚާން އާއި ޝްވޭތާ ތިވާރީ އެވެ. އަދި މިސްޓަ ބަޖާޖްގެ ރޯލު ރޯނިތު ރޯއި އަދާކުރިއިރު ކޯމަލިކާގެ ރޯލު ކުޅެފައިވަނީ އުރްވަޝީ ޑޯލަކިޔާ އެވެ.