މި ސަރުކާރާއެކު އުފެއްދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއަކީ ނަތީޖާއެއް ނުނެރެވޭ ކަމުގެ ޝަކުވާ އެންމެ ގިނައިން މީހުން އަމާޒުކުރާ މިނިސްޓްރީ އެވެ. އެ ޝަކުވާ ބޮޑަށް އަމާޒުވެފައި ވަނީ އިންޓަނެޓް އަގު ހެޔޮ ކުރުމުގެ ވައުދެއްވެ އެ ވައުދު ނުފުއްދޭތީ އެވެ.
ބައެއް މީހުނަށް ހީވެފައި އޮންނަނީ އެ މިނިސްޓްރީއަކީ ސީދާ އެ ވައުދަށް އޮތް މިނިސްޓްރީއެއް ކަމަށެވެ. އެހެންވެ އެކަން ހާސިލްވުމަކީ ވަރަށް އުއްމީދު ކުރާ ކަމަކަށް ވިޔަސް މިފަހަރު މިއޮތީ އިންޓަނެޓްގެ ވާހަކައެއް ނޫނެވެ.
ސައިންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކީ މުހައްމަދު ޝާތިރެވެ. އޭނާއަކީ މީގެ ކުރިން ގައުމީ އަރުޝީފްގެ ޑިރެކްޓަރު ޖެނެެރަލްގެ މަގާމުގަ ހުންނެވި ބޭފުޅެކެވެ. ލިޔުންތެރިއެއް އަދި ތާރީހީ އިލްމުވެރިއެކެވެ. އެހެން ނަމަވެސް ސަރުކާރުން ކުއްލި ގޮތަކަށް އަރުޝީފަށް އެހެން ބޭފުޅަކު ލެއްވުމަށްފަހު ޝާތިރު ބަދަލު ކުރެއްވީ ސައިންސް މިނިސްޓްރީއަށެވެ.
ޝާތިރަކީ ދިވެހި ތާރީހު ދިރާސާ ކުރައްވާ ބޭފުޅެއްގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާގައި ވެސް ގިނަ ހިދުމަތްތައް ކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހިރާއްޖޭގެ އަޑާއި ހަވީރު ނޫހުގައި ވެސް ގިނަ ދުވަހު މަސައްކަތް ކުރެއްވި އެވެ. އޭނާގެ މި ހުރިހާ ހުނަރެއް އެއްކައިރިކޮށް މިފަހަރު މުޅިން އާ ހުނަރެއްގެ ވާހަކަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން ޝާތިރު ގެންދަވަނީ ހިންދީ ފޯރިގަދަ ލަވައަކަށް އޮފީހުގައި ނައްޓަވަމުންނެވެ. ނެށުމާއި ލަވައިގެ ފޯރީގައި މަޝްހޫރު "ހިރިލަންދޫ މަލަ" ނިސްބަތްވާ ތ. ހިރިލަންދޫއަށް އުފަން ޝާތިރު އޮފީސް ތެރޭގައި ފޯރި ގަދަ ކޮށްލައި ނައްޓަވާއިރު އޮފީހުގެ އެހެން މުވައްޒަފުން ވެސް ކުޅި ބަލާން ތިބޭތަން ފެނެ އެވެ.
އެއީ އޮފީހުގެ ރަސްމީ ވަގުތު ނަގާފައިވާ ވީޑިއޯއެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. ނަމަވެސް މުވައްޒަފުން ފެންނަނީ ރަސްމީ ހެދުމުގަ އެވެ.
ޝާތިރުގެ ނެށުން ފުރިހަމައަސް އެކަމަށް ކުރާ ތައުރީފަށްވުރެ ބޮޑަށް އޮތީ އޭނާއަށާއި މިނިސްޓްރީއަށް މީހުން ކުރާ މަލާމަތެވެ. ބައެއް މީހުން ނެށުން ފިޔަވައި އެ މިނިސްޓްރީގައި ކުރާނެ މަސައްކަތެއް ހަމަ ނެތީތޯ މިހާރު ވެސް ދަނީ ސުވާލު ކުރަމުންނެވެ. އަދި މިނިސްޓްރީތަކުގެ ވެރިންގެ އަހުލާގަކީ އެއީތޯ ވެސް މީހުން ސުވާލު ކުރެ އެވެ.
ޝާތިރުގެ މި ވީޑިއޯ އާންމުވެފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ މިނިސްޓަރުގެ ކޮޓަރިކޮޅު ތެރޭގައި މިނިސްޓްރު އަލީ ވަހީދާއި އިސްވެރިންތަކެއް ސަކަރާތް ޖަހައި އެހެން ވަޒީރަކަށް ޖިންސީ ފުރައްސާރަ ކުރި އޯޑިއޯއެއް ލީކުވެ ފަލީހަތްވެފައި ވަނިކޮށެވެ. އަދި އެކަމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.