ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ބާތިލް ވޯޓު ގިނަ ވެދާނެތީ ކައުންސިލް އިންތިހާބުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބާތިލް ވޯޓުގެ އަދަދު ގިނަވެދާނެތީ ކައުންސިލް އިންތިހާބުގެ ގާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ ބިލުގައިވާ ގޮތުން، ކައުންސިލް އިންތިހާބެއްގައި މަގާމަކަށް އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނައިން ފާހަގަލާފައިވާނަމަ ބާތިލްވެގެން ދާނީ އެ ގޮތަށް ފާހަގަ ޖަހާފައިވާ މަގާމުގެ ވޯޓަށް އެކަންޏެވެ.

މިހާރު ގާނޫނު ބުނާ ގޮތުން، އެއިން އެއް މަގާމެއްގެ ވޯޓެއްގައި ވެސް ފާހަގަ ޖަހަން ޖެހޭ އަދަދަށްވުރެ ގިނައިން ފާހަގަ ޖަހާފައިވާ ނަމަ މުޅި ވޯޓު ކަރުދާސް ބާތިލްވެގެން ދާނެ އެވެ. އެއިރުން އެ ކަރުދާހެއްގަިއ ހަމައަށް ފާހަގަ ޖަހާފައިވާ މަގާމެއްގެ ވޯޓު ވެސް ނުގުނާނެ އެވެ.

ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކާއެކު ރަށު ކައުންސިލްތަކުގެ ރައީސް އާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަކީ އެ ކައުންސިލެއްގެ ހިމެނޭ އެންމެން ވޯޓު ލައިގެން ވަކިން އިންތިހާބު ކުރާ މަގާމެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ. އަދި ކައުންސިލްތަކުގެ 33 ޕަސެންޓް ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ.

އެހެންކަމުން ރަށްރަށުގައި ވޯޓުލާ މީހުން ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ މެންބަރު އަދި ކައުންސިލްގެ އަންހެން މެންބަރުގެ މަގާމަށް ވޯޓު ލާން ޖެހެ އެވެ. ސިޓީ ކައުންސިލްތަކުގައި މޭޔަރަށާއި ދާއިރާ މެންބަރާއެކު ދެ މަގާމަކަށް ވޯޓު ލާން ޖެހޭއިރު، ކުޅުދުއްފުށި ސިޓީން ހދ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް ވެސް ވޯޓު ލާން ޖެހެ އެވެ.

އެ ގޮތަށް އޮތް އިރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ އެ ހުރިހާ މަގާމަކަށް ވޯޓު ލުމަށް މަގާމުތަކުގެ ވޯޓު ކަރުދާސް ވަކިވަކިން ދޫކުރުގެ ބަދަލުގައި އެއް ކަރުދާހެއްގައި ހުރިހާ މަގާމަކަށް ވޯޓުލާ ގޮތަށެވެ. އެހެންކަމުން އެންމެ މަގާމެއްގެ ވޯޓު ބާތިލް ވެއްޖެނަމަ މުޅި ވޯޓު ކަރުދާސްގެ ވޯޓުތައް ބާތިލް ވާނެ އެވެ.

އެއް ކަރުދާހެއްގައި ހުރިހާ މަގާމަކަށް ވޯޓު ލާން އީސީން ނިންމީ، ވަކިވަކިން މަގާމުތަކަށް ވޯޓު ކަރުދާސް ޗާޕް ކުރަން ޖެހޭނަމަ ގިނަ އަދަދެއްގެ ވޯޓު ކަރުދާސް ޗާޕްކޮށް ގިނަ ހަރަދުތަކެއް ކުރަން ޖެހުމުގެ އިތުރުން ވޯޓު ގުނުމަށްޓަކައި ހޭދަވާ ވަގުތު ވެސް އިތުރުވެގެންދާނެތީ ކަމަށް ބުނެ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާއިރު، 370 ގޮނޑިއަށް އިންތިހާބު ކުރަނީ އަންހެނުންނެވެ. ހަމަ އެ ދުވަހު ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބު ވެސް ބާއްވާއިރު، އެ ކޮމިޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ އެވެ.