އާ ލޯކަލް ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރެވޭ ގޮތަށް ހުށަހަޅާފައިވާ ވަގުތީ ގާނޫނުގެ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ އިންތިހާބީ މަގާމެއްގެ ދައުރު ގާނޫނު އަސާސީ އިސްލާހުނުކޮށް ގާނޫނަކުން އެ ކަން ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމަށް މަޖިލީހުގެ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތު ކަމަށް ވުމުން މަޖިލީހުގެ އާންމު އަޣުލަބިއްޔަތަކުން އާންމު ގާނޫނެއް ފާސްކުރެވޭ ކަމަށެވެ. އެހެންކަމުން ސިމްޕަލް މެޖޯރިޓީއަކުން ފާސްކުރާ ގާނޫނަކުން ގާނޫނު އަސާސީގައި ދައުރެއްގެ މުއްދަތު ބަދަލު ކުރުމަކީ ވެސް ނަތީޖާ ގޯސް ވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް ގަބޫލު ކުރަން، މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ދެކޮޅުކަން، މިއަދުގެ ހާލަތު އޮތް ގޮތުން އެ ކަން އިހުސާސް ވެސް ކުރެވޭ، އެކަމަކު ގާނޫނު އަސާސީ އިސްލާހު ނުކުރަން ވެގެން، އޭގެ މަނާއެއް ނޫން، މި މަޖިލީހުން ކަނޑައެޅިގެން ގާނޫނު އަސާސީއާ ދެކޮޅު ހެދުމަކީ،" ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ދިގުދެމިގެންދާނެ މުއްދަތެއް އަދިވެސް ޔަގީން ނުވާ ކަމަށެވެ. އެތައް އަހަރަކަށް މި މުއްދަތު ދެމިގެން ގޮސްފިނަމަ ދެން ވެސް މަޖިލީހުން ގާނޫނު އަސާސީން އިސްލާހު ކުރަން ޖެހޭ ހާލަތްތަކުގައި އެ ކަން ނުކޮށް ތިބޭނީތޯ އޭނާ ސުވާލު ކުރެއްވި އެވެ.
ބިލު ހުށަހެޅުއްވި މެންބަރު ހަސަން ލަތީފު ވިދާޅުވާ ގޮތުގައި ގާނޫނު އަސާސީގައި އުފެދިފައި ނެތް ހާލަތެއްގައި އަމަލު ކުރާނެ އުސޫލުތަކެއް ހިމަނައިގެން ވަގުތީ ގާނޫނުތައް ފާސް ކުރުމަކީ މަޖިލީސްތަކުން ކުރާ ކަމެކެވެ. އަދި އެއީ ރާއްޖޭގެ ގާނޫނު އަސާސީން ދީފައިވާ ޖާގައެއް ވެސް ކަމަށް ހަސަން ލަތީފު ވިދާޅުވެ އެވެ.
މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވަނީ އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށެވެ. އެ ތާރީހަށް ވެސް ކައުންސިލް އިންތިހާބު ބޭއްވޭނެ ކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް އިސްލާހެއް ވެސް ހުށަހެޅި އެވެ.
މި މައްސަލާގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑެވެ. މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ދެކޮޅެވެ. ކައުންސިލަރުންގެ ދައުރު ދިގު ކުރަން ވެސް ބައެއް މެންބަރުން ދެކޮޅެވެ. ގާނޫނު އަސާސީ އިސްލާހުނުކޮށް ކައުންސިލަރުންގެ ދައުރު ދިގު ކުރެވޭނަމަ އެ ގޮތަށް ބައެއް މެންބަރުން ތާއީދު ކުރައްވަ އެވެ.