ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގާފައިވާ ކޮަރަޕްޝަންގެ މައްސަލަތައް ބަލައި ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަންގެ މެންބަރު ކަމުން އާސް އަބްދުﷲ އިސްތިއުފާ ދެއްވައިފި އެވެ.
ފޭސްބުކްގައި އާސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮމިޝަނުން އިސްތިއުފާ ދީފައިވާ ކަމުގެ ސިޓީ ރައީސްއަށް ފޮނުއްވާފައިވާ ކަމަށާއި އެފަދަ ކޮމިޝަނެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވީތީ ރައީސްއަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެ އެވެ.
އެ ކޮމިޝަންގެ މެންބަރު ކަމުން އާސް އަބްދުﷲ އިސްތިއުފާ ދެއްވިއިރު، ކޮމިޝަންގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް އަހްމަދު އަސްހަދު އާއި ނަދީމް އިބްރާހީމާއި އައިޝަތު ހަނާ ވަހީދު އަދި ފާތިމަތު ސަރީރާ އަލީ ޝަރީފު އެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ގޮތުން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު ވަނީ ފައިސާ ހޯދުމުގެ މެންޑޭޓް ހަވާލުކޮށް މި ރިޔާސީ ކޮމިޝަން އުފައްދައިފަ އެވެ.
އެހެން ނަމަވެސް ކޮމިޝަން އުފެއްދި ފަހުން އަހަރަކަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ކޮމިޝަނަށް މިހާތަނަށް މާ ބޮޑު މަސައްކަތްތަކެއް ކުރެވިފައެއް ނުވެ އެވެ. ކޮމިޝަންގެ މަސައްކަތްތައް ލަސްކަމަށް ބުނެ އާންމުންގެ ފާޑުކިޔުންތައް ވެސް ވަނީ އެ ކޮމިޝަނަށާއި ސަރުކާރަށް އަމާޒުވެފަ އެވެ.