(25 ފެބްރުއަރީ 2020 އާ ގުޅޭ)
"ތެދެއް މިހެންނުތިބެ އަވަސްކުރަންވީ" މާމަދަރިފުޅާ ދިމާކޮށްލުމުގެ ގޮތުން ތަހުމީނާ ބުނެލީ ހެމުންހެމުންނެވެ.
* * * * *
ދާރިއަންގެ ކޯލު ނިންމާލި ގޮތަށް ރިޒްވާނު ބަލާލީ ސިޓިންރޫމު ސޯފާތަކުގައި އޭނާއާއެކު ތިބި އަނބިމީހާއާއި ދަރިފުޅަށެވެ. އޭނާގެ ފުޅާ ހިނިތުންވުމާއި ފާޅުވާ އުފާވެރިކަމުގެ އަސަރުތަކުން ސާއިރާ ހުރިހާކަމެއް ދެނެގެންފިއެވެ.
"މިރޭ އެމީހުން އަންނާނޭ" އަނބިމީހާއަށް ބަލަން އިނދެ ރިޒްވާނު ބުނެލިއެވެ.
"މިރޭތަ..." ހޭޒަލްއަށް ލިބުނީ ސިހުމެކެވެ. ދަރިފުޅަށް ވީގޮތް ރިޒްވާނާއި ސާއިރާ ދެނެގަތެވެ.
"މިރޭ ރަނގަޅުނޫނީތަ؟... ބައްޕަ ހިތަށް އެރީ ލަސްކުރާނެކަމެއްނެތޭ، ދާރިއަންގެ ޢާއިލާއިން ބައްދަލުކުރަން ބޭނުންވެފައި އެތިބީ، އެހެންވެ އާނއެކޭ ބުނީ، ގޯސްކޮށްތަ މިނިންމުނީ" ރިޒްވާނު އަހާލިއެވެ. ހޭޒަލް ދެފަރާތަށް ބޯހޫރާލިއެވެ.
ރިޒްވާނާއި ސާއިރާ ނިންމާނީ ރަނގަޅަށްކަން ހޭޒަލްގެ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އެމީހުންގެ މޫނުން ފާޅުވާ ހިތްހަމަޖެހުން ގެއްލޭކަށް ހޭޒަލް ނޭދެއެވެ. އޭނާ އެ ހުރީ ﷲއަށް ވަކީލުކޮށްގެންނެވެ. ކެތްތެރިކަމާއެކު ހުރިހާ ކަމަކަށް ކުރިމަތިލާނެއެވެ. އެހެންވިޔަސް ހިތާއި ނަފްސަށް އިޙްސާސް ކުރެވޭ ޖެހިލުންވުމުގެ އަސަރު ފިލައިގެނެއް ނުދެއެވެ.
"އާތިޝްއަށް އަވަހަށް ގުޅާބަލަ، އެމީހުން އަންނަންއިރު މި ޢާއިލާގެ ހުރިހާ ކުދީން ވެސް ތިބެންވާނެއެއްނު... ރިޒްވާނު، ކޯއްޗެއް މިރެއަށް ތައްޔާރުކުރާނީ" ސާއިރާ އިނީ ހިތްއަވަސްވެފައެވެ.
އަންހެން ދަރިފުޅުގެ ކައިވެނި ފުރަތަމަ ފަހަރަށް ކުރެވުނުއިރު އުފާވެރިކަމާއި ހިތްއަވަސްވާގޮތްތަކެއް ސާއިރާއަކަށް ނުވެއެވެ. އޭރު ކައިވެނި ފޯމު ފުރިއިރު ވެސް ލިއަމްގެ ޢާއިލާއާ އަދި ބައްދަލުވާގޮތެއް ނުވެއެވެ. ލިއަމްއަށް ދެ ޢާއިލާ ބައްދަލުވުން މުހިންމު ކަމަކަށް ނުވަނީއެވެ. ހޭޒަލްގެ އުޅުން ވެސް އޭރު ތަފާތެވެ. ރިޒްވާނު ގާތު ކައިވެނި ކުރަން ގަސްދުކުރިކަން ވެސް އޭނާ ނުބުނެއެވެ. ސާއިރާ ގާތު ބުނެލުމާއެކު ހޭޒަލް ވެސް އުޅުނީ ވަލީ ބޭނުންވާތީ އޭނާގެ ބައްޕަ ހޯދާށެވެ. ދެ ޢާއިލާ ބައްދަލުވީ ރަންކީ ރޭގައެވެ. އެކަން އޮތީ ލިއަމް ހިފާފައި ހުރި ތަނެއްގައެވެ. ހުރިހާކަމެއް ކަހަލަ ގޮތަކަށް ރޭވީ އެ ދެކުދީން އަމިއްލަ އަށެވެ. އެހެން ދޫކޮށްލަން އޭރު ވެސް ރިޒްވާނު ނޭދުނެވެ. ސާއިރާ ގާތު ބުނެގެން ހޭޒަލްއާއި ލިއަމްގެ ކައިވެނި ޕާޓީގެ ހުރިހާކަމެއް ހަމަޖެއްސީ ރިޒްވާނެވެ. ނުހަނު ކުލަގަދަކޮށް ބޮޑު ޙަފުލާއެއް ބޭއްވުނެވެ. ޙަފުލާ ނިންމާފައި އެތަނުން ނުކުތް ފަހުން ލިއަމްގެ ޢާއިލާއާ ބައްދަލެއްނުވެއެވެ. އަންހެން ދަރިފުޅު ފިރިމީހާއާއެކު ވަކިން ދިރިއުޅެން ނިންމީއެވެ. އެކަމަކު މިފަހަރު ދެވަނަ ފަހަރަށް އެ ދަރިފުޅުގެ ކައިވެނި ކުރެވެން އުޅޭއިރު ހުރިހާކަމެއް ވެސް ތަފާތުވެއްޖެކަން ސާއިރާއަށް އެނގެއެވެ. ކަންކަން ހަމަޖެހެމުން ދާގޮތާމެދު ސާއިރާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.
ހޭޒަލް މަޑުމަޑުން ތެދުވެގެން އޭނާގެ ކޮޓަރިއަށް އައެވެ. ރިޒްވާނަށް އެކަން ފާހަގަވިއެވެ. ސާއިރާ ބޭނުންވި ލަފާ އޭނާއަށް ދީފައި ރިޒްވާނު ތެދުވިއެވެ. ހޭޒަލްއަށް ވީގޮތެއް ބަލަން އޭނާ އައެވެ.
"ޒެލް..." ދޮރުގައި ޓަކި ޖަހާލުމާއެކު ރިޒްވާނު ގޮވާލިއެވެ.
"ހުޅުވާފަ" ހޭޒަލްގެ އަޑު އިވުނެވެ. ދޮރުފަތް ހުޅުވާލައި ރިޒްވާނު އެ ކޮޓަރިއަށް ވަނެވެ. އެނދުގެ ފައިލާ ކޮޅުގައި ހުރި ދިގު ގޮނޑީގައި ހޭޒަލް އިންތަން ފެނި ދަރިފުޅުގެ ގާތުގައި ރިޒްވާނު އައިސް އިށީނެވެ.
"ނާވަސް؟" ރިޒްވާނު އަހާލިއެވެ. އެއާއެކު ހޭޒަލް ބޯޖަހާލައިފިއެވެ.
"މީ ޓޫ..." ރިޒްވާނު ބުނެލިއެވެ. ހޭޒަލްއަށް ވަގުތުން ރިޒްވާންގެ މޫނަށް ބަލާލެވުނެވެ. އެ މޫނު ފެނި ހޭޒަލްއަށް ހީނލެވުނެވެ. އަދި މަޑުމަޑުން ރިޒްވާނުގެ ކޮނޑުގައި ހޭޒަލް ބޯޖައްސާލިއެވެ.
"ބައްޕަ ނާވަސްވާންވީ ކީއްވެ؟ މެރީ ކުރަން މިއުޅެނީ އަޅުގަނޑު" ހޭޒަލް ވާހަކަދެއްކިއެވެ.
"ދަރިފުޅުގެ ޒިންމާތައް ދާރިއަންއާ ހަވާލުކުރަން ޖެހޭނެތީ، އަދި ކައިވެންޏަށްފަހު ބައްޕައަށްވުރެ ޒެލްގެ މައްޗަށް ދާރިއަންގެ ބަސް އިސްވާނެތީވެ... އަންހެން ދަރީންނަކީ ބައްޕަގެ ހިތުގެ ފިނިކަން، ނަފްސުގެ ޝަރަފާއި ފަޚުރު" ކޮނޑުގައި އޮތް ހޭޒަލްގެ ބޮލުގައި ބޯޖައްސާލަމުން ރިޒްވާނު ބުންޏެވެ.
"ވާނެގޮތެއް ނޭނގޭތީ ހިތްބިރުގަންނަނީ... އަޅުގަނޑަށް ރަނގަޅު އަނތްބަކަށް ވެވިދާނެބާއޭ ހިތަށް އަރާ، އެހާ ކެތްތެރިކަން އެބަހުރިބާއޭ ހިތަށް އަރާ... ކައިވެނި ކުރެވުނީމަ ދާރިއަން އަޅުގަނޑުދެކެ ފޫހިވެދާނެ" އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ހޭޒަލްގެ ހިތުގައިވި ވަހުމްތައް ދުލުން ހާމަކޮށްލިއެވެ.
"ގަހެއްގެ ފަތްތައް މޫސުމާއެކު ބަދަލުވާތަން އަހަރެމެންނަށް ފެނޭ... އޭގައި އަބަދު ހުންނަނީ މޭވާ އަޅާފައެއްނޫން، ފެހިކަން ގަދަ ފަތްތަކެއް އަބަދު ފެންނާކަށް ނުހުރޭ، މޭވާއެއް ފަތެއްނެތް ގޮތުގައި އެ ގަސް ފެނުނަސް އޭގެ އަޖަލު ހަމަވީއޭ ނުބުނެވޭނެ، އެހެންނު... އޭގެ ދުވަސްކޮޅެއް ފަހުން އެ ގަހުން ފައިބައިގަން ދާ ފަތްތަކުގެ ބަދަލުގައި އަލުން އާ ފަތް ގަހުގައި ފަޅާ އާރޯކަން ގަހަށް ވެރިވެ އެ ގަހުގައި މޭވާ އަޅާ، އަހަރެމެންގެ ދިރިއުޅުމާ އެ ގަހާ ހުރީ ކޮންތަފާތެއް، އަހަރެމެންގެ ދިރިއުޅުމުގައި ވެސް އެކި މަރުހަލާތައް ކުރިމަތިވޭ، އެހެނެއްކަމަކު ދިރިއުޅުމުގައި ދިމާވާ ކަންކަމުން މާޔޫސްވުމަށްވުރެ ކެތްތެރިކަމާއެކު އެކަމުން އަރައިގަންނަން މަސައްކަތްކުރުމުގެ އިޚްތިޔާރު ﷲ ވަނީ ދެއްވާފައި، އިހުގެ ދިރިއުޅުން އަނބުރާ ނުލިބުނަސް ﷲގެ ވާގިފުޅާއެކު ނަފްސަށް ހަމަޖެހުން ލިބި، ދިރިއުޅުމައިގެން ކުރިއަށްދާނޭ ހިތްވަރާއި އުންމީދު އަލުން ލިބޭނެ... ކޮންމެ ކަމެއްގައި ވެސް ވާގިއެދެންވީ އެ ފަރާތުން، އުނދަގޫ ކަމާއެކު ފަސޭހަކަންވާކަން ހަނދާން ކުރަންވީ، ބައްޕަގެ ޒެލްއަކީ ރަނގަޅު ކުއްޖެއް، ރަނގަޅު އަނތްބަކަށްވާނޭކަން ޔަގީން... އެކަމަކު ދާރިއަންއަކީ ފިރިއެއްގެ ގޮތުގައި ކޮންކަހަލަ މީހެއްކަމެއް ބުނާކަށް ބައްޕައަކަށް ވެސް ނޭނގޭ، އެހެންވިޔަސް ދަރިފުޅަށް އޭނާ ޤަދަރުކުރާ މިންވަރު ބައްޕައަށް ފެނޭ... އޭނާގެ މަޑުމައިތިރިކަމާ އޭނާއަށް ލިބިފައި ހުރި އަޚުލާޤު ވެސް ދުށީން، ދަރިފުޅުގެ އުފަލާއި ރައްކާތެރިކަމަށް އޭނާ ވިސްނާ ފިކުރުކުރޭ" ހޭޒަލްގެ ބޮލުގައި ރިޒްވާނު ބޮސްދިނެވެ.
"މަންމަ އެކްސައިޓްވީއިރު ހީވަނީ އަޅުގަނޑު އަލަށް މެރީ ކުރަން އުޅޭހެން" ހޭޒަލް ބުނެލިއެވެ. ރިޒްވާނަށް ހީނލެވުނެވެ.
"އަންހެން ދަރިފުޅު ކައިވެންޏަށް ޒީނަތްތެރިކުރުމަކީ މަންމައަކަށް ލިބޭނެ އެންމެ ބޮޑު އުފާ... ޒެލް ގާތު ނުބުންޏަސް ކައިވެނި ހެދުން ވެސް މަންމަ ބަލަން ފަށައިފި، މަންމަގެ އެ އުފާވެރިކަމަށް ބައްޕައަށް ހުރަހެއްނޭޅޭނެ، ކޮންމެ ކައިވެންޏަކަށް ވެސް ތައްޔާރުވާންވާނީ ޢަލަތު ކައިވެންޏަށް ތައްޔާރުވާ ފަދައިން" ހިނިއައިސްފައި އިނދެ ރިޒްވާނު ބުންޏެވެ.
"މިތިބީނު... އާދެބަލަ... އާތިޝްމެން އިރުކޮޅަކުން އެބައާދޭ... އަދި ހާދަކަމެއް އެބަހުއްޓޭ" ހޭޒަލްގެ ކޮޓަރި ދޮރުހުޅުވާލި ގޮތަށް ސާއިރާގެ އަޑުއިވުނެވެ. ރިޒްވާނާއި ހޭޒަލްއަށް ބަލާލެވުނީ ހިނިއައިސްފައި ތިބެއެވެ. މަންމަގެ އެ އުފާވެރިކަމަށް އުނިކަމެއް ލިބޭން ޚުދު ހޭޒަލް ވެސް ނޭދެއެވެ. އެމީހުން ނިންމާ އެއްވެސް ނިންމުމަކާ ހޭޒަލް މިފަހަރު ދެކޮޅެއް ނުހަދާނެއެވެ. ހިތުން ރުހުމުން ޤަބޫލުވާނެއެވެ.
"އަވަހަށް ހިނގާ..." ހިނިއައިސްފައި ހުރެ ރިޒްވާނު ތެދުވީ ހޭޒަލްގެ އަތުގައި ހިފައިގެންނެވެ.
* * * * *
ޒުކަން ދުއްވަމުން އައި ކާރުގައި ތިބީ ތަހުމީނާއާއި އައިކުއެވެ. ދާރިއަންގެ ކާރުގައި އިނީ އިބާއެވެ. އޭނާ މަންމައަށް ވިސްނައިދިނީ ހޭޒަލްގެ ޢާއިލާއާ ބައްދަލުމިކުރަނީ އޭނާއާއި ހޭޒަލްގެ ކައިވެނީގެ ވާހަކަދެއްކުމަށް ކަމެވެ. ހޭޒަލްގެ މާޒީއާ ބެހޭ ގޮތުން އެއްވެސް ސުވާލެއް ނުކުރުމަށެވެ. ހޭޒަލްގެ މައިންބަފައިންނަށް އަދަބު އިޚްތިރާމް ކުރުމަށް ވެސް ދާރިއަން މަންމައަށް ހަނދާންކޮށްދިނެވެ.
"ދާރިއަން... ހާސްނުވެބަލަ!، ދަރިފުޅު ލަދުގަންނަންޖެހޭވަރު ކަމެއް މަންމަ ނުކުރާނަމޭ" ހިނިތުންވެލުމާއެކު ދާރިއަންގެ ކޮނޑުގައި އިބާ ފިރުމާލިއެވެ.
ކާރު ޕާކުކުރުމަށްފަހު ދާރިއަން އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. އަށެއް ޖަހާއިރު އައުމަށް އެއްބަސްވެފައި އޮތީމައެވެ. ގިނައިރެއް ނެތުމުން އޭނާ މަންމައާއި ޢާއިލާގެ ދެންތިބި މެންބަރުންނަށް އިޝާރާތްކޮށްލީ އަވަސްކުރުމަށެވެ.
"މީތަ އެގެ..." ދޮރޯށި ދޮށުގައި ދާރިއަން މަޑުކޮށްލުމުން އިބާ އަހާލިއެވެ. އަދި އޭނާ އިސްއުފުލައި އިމާރާތަށް ބަލާލިއެވެ.
"ބޮޑުގެއެއް ދޯ..." ޒުކަންއާ ނަޒަރު ސީދާކޮށްލަމުން އިބާ ބުންޏެވެ.
"ޒެލްގެ ބައްޕަމެންގެ މީ... އެ ހުޅުވަނީ ދޮރޯށި..." ދާރިއަން ބުނެލިއެވެ. އެހިނދު ދޮރޯށިން އަޑެއް ކީ އަޑުއިވުނެވެ. ދާރިއަން އަވަހަށް ދޮރު ހުޅުވާލިއެވެ.
"ޒެލްމެންގެ އެޕާޓްމެންޓް ހުންނާނީ އެންމެ މަތީގަ" ލިފްޓަށް ވަދެވުމާއެކު ދާރިއަން ބުންޏެވެ.
"ދަރިފުޅު ވަރަށް ގިނައިން މިގެއަށް އަންނަން ދޯ" ޒުކަން ބުނެލިއެވެ. އެއާއެކު ދާރިއަން ދެ ފަރާތަށް ބޯހޫރާލިއެވެ.
ލިފްޓް ހުއްޓެންވާއިރަށް ދާރިއަން ލައިގެން ހުރި ގަމީސް ރީތިކޮށްލިއެވެ. އިސްތަށިގަނޑު ހުރީ ރީތިކޮށްތޯ ބަލާލުމަށް އަތްތިލަ ހިންގާލިއެވެ. އޭނާގެ އަތުގައި އެވަގުތު އައިކު ހިފިއެވެ.
"ކާމްޑައުން ބްރޯ..." އައިކު ބުނެލިއެވެ. ދާރިއަން އަވަސްއަވަހަށް ބޯޖަހާލިއެވެ.
އެޕާޓްމެންޓުގެ ދޮރުހުޅުވީ ރިޒްވާނެއެވެ. ދާރިއަން ކުރިއަށް ހުރިއިރު އޭނާގެ ފަހަތުގައި ޢާއިލާގެ މެންބަރުން ތިއްބެވެ. ފުޅާ ހިނިތުންވުމަކާއެކު އެންމެންނަށް އެތެރެއަށް ވަނުމަށް ރިޒްވާނު ބުނެލިއެވެ. ސޯފާގައި އިން ސާއިރާ ތެދުވެ އެންމެންނާ ސަލާމްކުރިއެވެ. އޭނާގެ ގާތުގައި ހޭޒަލް މަޑުކޮށްލައިގެން ހުއްޓެވެ. ދާރިއަންގެ ނަޒަރު އެންމެ ފުރަތަމަ ވެސް ހުއްޓުނީ ހޭޒަލްއަށެވެ.
"ސޫން މައި ލަވް... ވިތް ގޯޑްސް ވިލް... ޔޫ ވިލް ބީ މައި ވައިފް... މައިން" ދާރިއަންގެ ހިނިތުންވުން ފުންވިއެވެ.
އިބާގެ ނަޒަރު ގޭތެރެއަށް ހިންގާލެވުނެވެ. ފެންނަމުން ދިޔަ ކަންކަން އޭނާއަށް ޤަބޫލެއްނުކުރެވުނެވެ. ހޭޒަލްއާ މެދު އޭނާއަށް ހީކުރެވުނީ ގިހާ ގޯސްކޮށްކަން ވިސްނާލެވުނެވެ. ރިޒްވާނާއި ސާއިރާ އެމީހުންގެ އަންހެން ދަރިފުޅު ގެންގުޅެނީ ރަސްދަރިކަނބަލެއްހެންކަން އިބާއަށް ޔަގީންކުރެވުނެވެ. ހޭޒަލްއަށް އުނިވާނޭކަމެއް އެ ހަތަރުފާރުތެރޭ ނެތްކަން އެނގުނެވެ. ހަޤީޤަތުގައި ނަސީބު ގަދައީ ދާރިއަންއޭ އިބާގެ ހިތަށް އެރިއެވެ. ހޭޒަލްއާ އިންނާނޭ ފިރިހެނުން ނުވެއެއް ނުހުންނާނޭކަން އިބާއަށް ވިސްނުނީއެވެ.
"މީ އަޅުގަނޑުގެ މާމަ... މަންމަ..." ދާރިއަންގެ ޢާއިލާ މެންބަރުން ތަޢާރަފްކޮށްދިނެވެ.
"ޓެރެސްގައި ކާންތައްޔާރުކުރެވިފައި ހުންނާނީ... ކައިގެންނު ވާހަކަދައްކާނީ" ހިނިތުންވެލައިގެން ހުރެ ސާއިރާ ބުންޏެވެ.
އާތިޝްއާއި ކީރާއަށް ދާރިއަން ފެނުނު މީ ފުރަތަމަ ފަހަރެވެ. ރިޒްވާނު އޮތީ އާތިޝް ގާތު ދާރިއަންގެ ވާހަކަ ދައްކާފައެވެ. ހޭޒަލްގެ ކައިވެނި ހަމަޖެހެން އުޅޭކަމުގެ ޚަބަރު އޭނައަށް އެނގިފަ އޮތީ އެހެންވެއެވެ. ކޮއްކޮގެ ކައިވެނި ލިއަމްއާ ކުރެވުނުއިރު އާތިޝްއަށް ލިއަމްއާ މެދު މާބޮޑު ވިސްނުމެއް ވިސްނިފައެއްނެތެވެ. އެހެންނަމަވެސް ދެވަނަ ކައިވެންޏެއް ކޮއްކޮ ކުރަން އުޅޭއިރު ކައިވެނި ހަމަޖެހިފައިވާ ފިރިހެން ކުއްޖާގެ ކަންކަން އެނގުން މުހިންމުކަމުގައި އާތިޝްއަށް ވެސް ޤަބޫލުކުރެވެއެވެ. އޭނާގެ ކޮއްކޮއަށް ދެވަނަ ފަހަރަށް އެހާ ފުން ހިތާމައެއް ލިބޭތަން ދުށުމަކީ އޭނާއާއި އެ ޢާއިލާއަށް ކެތްކުރަން ފަސޭހަކަމަކަށްނުވާނެއެވެ.
ދެ ޢާއިލާގެ މެދުގައި ކަންކަން މަޝްވަރާކުރެވުނެވެ. ކައިވެނި ކުރާނޭ ތަރީޚަކާއި ކައިވެނީގެ ފޯމު ފުރުމާއި ރަންކިއުމުގެ ހަފުލާ ބާއްވާނޭ ދުވަހެއް ވެސް ކަނޑައެޅިއްޖެއެވެ. ރަންކިއުމުގެ ޙަފުލާ އޮންނާނީ ހޭޒަލްމެން ގޭގައި ކަމާއި ހަވީރުގެ ވަގުތުގައިކަން ވެސް ހަމަޖެހުނެވެ. އަދި ކައިވެނީގެ ޙަފުލާ ބާއްވާނޭ ގޮތަކާމެދު ވެސް ވާހަކަދެއްކުނެވެ. އެކަމުގައި އިބާގެ ޚިޔާލު ކުރިއަށް ނެރުނެވެ. ދަރިފުޅުގެ އަލަތު ކައިވެނި ފާހަގަކޮށްލެވޭ ޙަފުލާއަކަށްވާން އޭނާ ބޭނުންވިއެވެ. އެ ޚިޔާލަށް ހޭޒަލްގެ މައިންބަފައިން އެއްބަސްވިއެވެ. ހޭޒަލްގެ ހުރިހާކަމެއް ކުރާނީ އޭނާގެ ޢާއިލާއިންކަން ރިޒްވާނު ހުށަހެޅިއެވެ. އެކަމުގައި ދާރިއަންއާއި ޢާއިލާގެ ޚިޔާލު ވެސް ހޯދާނެކަން ބުންޏެވެ. މަޝްވަރާތައް ކުރިއަށް ދިޔައިރު ތަހުމީނާ އިނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އޭނާއަށް ހޭޒަލްގެ ޢާއިލާ ވަރަށް ކަމުދިޔައެވެ.
ދާރިއަންގެ މައިންބަފައިންނާ ވާހަކަދައްކާލަން ބޭނުންވާތީ ރިޒްވާނު ގޮވާލީ އާތިޝްއާއި ހޭޒަލްއަށެވެ. އައިކު އިނީ ތައްޔާރަށެވެ. ހޭޒަލް އަންނާށޭ ބުނުމާއެކު ދާރިއަންއަށްވުރެ ކުރީން އޭނާ ތެދުވެއްޖެއެވެ. "ސިސްއިންލޯ"ގެ ނަމުން ހޭޒަލްއާ ވާހަކަދެއްކިއެވެ. އާތިޝްއާއި ކީރާއާ ވެސް އޭނާ ގުޅާލައިފިއެވެ. އަލަށް ފެނުނު ބައެއްހެން ހިޔެއްނުވެއެވެ. އައިކުއަކީ ފޮޓޯނަގާ މީހެއްކަން އެނގުމުން އާތިޝްގެ ޝައުގުވެރިކަން އޭނާއަށް ދެވުނެވެ. ޓެރެސްގެ ކަނެއްގައި އެންމެން އައިސް މަޑުކޮށްލިއެވެ. ހޭޒަލްގެ ހެދުމުގެ ފުޅާ އަތްކުރިއަށް ދާރިއަން ދަމާލިއެވެ. އޭނާގެ ސަމާލުކަން ހޯދުމަށެވެ. ހޭޒަލް ބަލާލުމުން ދާރިއަން ބޮލުން އިޝާރާތްކޮށްލީ އޭނާއާއެކު އައުމަށެވެ. އައިކުގެ ވާހަކައިގައި ޖެހިފައި ތިބި އާތިޝްއާއި ކީރާއަށް ބަލާލާފައި ހޭޒަލް ހިނގައިގަތެވެ. އެމީހުންނާ ތަންކޮޅެއް ދުރުގައި ދާރިއަން މަޑުކޮށްލިއެވެ. ހޭޒަލް އައިސް އޭނާގެ ގާތުގައި ހުއްޓުނެވެ.
"ދެން ދިމާވާނީ ޒެލް އަހަންނާ އިންނަން ރަންކިޔާ ރޭ... ޒެލް އަހަރެން ގާތުގައި ބުނަން ބޭނުންވާ އެއްވެސް ވާހަކައެއް އެބައޮތްތަ؟... އަހަރެން ބޭނުން އަހަރެމެންގެ ކައިވެނި ޙަފުލާގައި ޒެލްގެ ރައްޓެހިން ވެސް ބައިވެރިވާން، އެއީ ރަނގަޅު ފެށުމެއް، ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ކައިވެނީގެ ޚަބަރު ދޭންވާނެއެއްނު" ދާރިއަން ޚިޔާލު ފާޅުކުރިއެވެ.
"އަހަރެންގެ މާގިނަ ރައްޓެހިންތަކެއްނެތް... މަންމައާއި ބައްޕަ ކައިވެނީގެ ކަންކަން ހަމަޖައްސާނީ ރަނގަޅަށް" ހޭޒަލް އެދެން ބޭނުންވާ ކަމެއް އޮތްއިރު ވެސް އޭނާ ނުބުންޏެވެ.
"އަހަރެން ގަސްދުކުރަނީ މެރީކޮށްގެން ޒެލްއާއެކު މިގޭގައި އުޅޭން... އެގޮތް އެންމެ ރަނގަޅުތަ؟" ދާރިއަން ބުންޏެވެ. ހޭޒަލްއަށް އިސްއުފުލާ ބަލާލެވުނެވެ. އޭނާގެ ހިތުގަ އޮންނަ އެއްޗެއް ދާރިއަންނަށް އެނގުނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ.
"އަހަހަންނާ މެރީކޮށްގެން އަހަރެމެންގޭގައި ވެސް އުޅެވޭނެ، އެކަމަކު އޭރުން ޒެލްގެ މަންމައާއި ބައްޕަ ވަރަށް އެކަނިވާނެ ދޯ... ދުނިޔޭގައި ތިބިއްޔާ އެމީހުން ވެސް މުސްކުޅިވާނެ، ދަރިއަކު ކައިރީގައި ހުންނަން ބޭނުންވާނެ، ޒެލްއަކީ ޒެލްގެ ބައްޕަގެ ޕްރިންސެސްކަން އެނގޭ" ދާރިއަން ހީނލިއެވެ. ހޭޒަލް ހިނިތުންވެލިއެވެ. ދާރިއަންއަށް ދެއްކުނީ ރަނގަޅުވާހަކައެއްކަން ބުނެދިނީ އެ ހިނިތުންވުމެވެ.
"ދާރިއަންގެ ޢާއިލާ ތިގޮތް ޤަބޫލުކުރާނެތަ؟" ހޭޒަލް އަހާލިއެވެ.
"އަހަންނަކީ ގޭގައި ހުރި ހަމައެކަނި ކުއްޖާއެއްނޫން، ބޭބެ ވެސް އެހުރީނު... އަހަރެން ނެތީމަ އޭނާއަށް ވެސް ޒިންމާދާރުވާން ދަސްވެދާނެ... އެހެންނޫނަސް އަހަރެން މަންމައާއި ބައްޕަގެ ހާލު ބަލާނަން، އެމީހުންނަށް އެހީތެރިވާން އަހަންނާއެކު ހޭޒަލް ވެސް ހުންނާނެއެއްނު..." ދާރިއަންގެ ޚިޔާލު ހޭޒަލް ހިތުން ރުހުމުން ޤަބޫލުކުރިއެވެ.
"މާދަމާ އަހަންނާއެކު ބޭރަށް ދެވިދާނެތަ؟ ރިންގު ބަލާލަން... ރަންކިޔުމަކީ އެންގޭޖުވުމޭ މަންމަބުނި... އެހެންވެ ބުނި ޒެލްއަށް ދޭނެ ރީތި ރިންގެއް ހޯދަން... އަހަރެން ބޭނުމީ ޒެލްއަށް ރީތިވާ އެއްޗެއް ޗޫސްކުރަން... ޕްލީޒް" ދާރިއަން ބުންޏެވެ. ހޭޒަލް އަނގަޔަކުން ނުބުނެއެވެ. ދާރިއަންއަށް ބަލަން ހުރެފައި ބޯޖަހާލީއެވެ.
"އަހަރެން ގުޅާނަން... އަންނާނަން ބަލާ ވެސް" ދާރިއަން ނިކަން އަވަހަށް ބުންޏެވެ.
* * * * *
ދާރިއަން ބޭނުންވި ގޮތަށް ކައިވެނީގެ ކަންކަން ހަމަޖެހުމުން އައެވެ. ހޭޒަލްގެ ޢައިލާއާ ބައްދަލުކުރި ފަހުން ދެވަނަ ދުވަހެވެ. އަނގޮއްޓި ތައްޔާރުވެފައި އޮތުމުން ހޭޒަލް ގޮވައިގެން ދާރިއަން އައީ ގަހަނާ ވިއްކާ ފިހާރައަށެވެ. ހަވީރު އޮތް ޙަފުލާއަށް ދާންވާއިރަށް އަނގޮއްޓީގެ ހުރިހާކަމެއް ނިމިފައި އޮންނަން ދާރިއަން ބޭނުންވިއެވެ.
"ވަރަށް ހޫނު ދޯ... ކޯލްޑް ޑްރިންކެއް ބޯލަން ދަމާ" އަނގޮއްޓި ހިފައިގެން ފިހާރައިން ނުކުމެ ދާރިއަން ބުންޏެވެ. މެންދުރުގެ ވަގުތަށްވާތީ މަގުތައްވަނީ އިރުގެ ހޫނުން ދޮންވެފައެވެ.
"ޒެއްލޫ..." ކުއްލިއަކަށް މަޑުކޮށްލި ސައިކަލުން ފޭބިތަން ފެނުނީ ލިއަމްއެވެ.
ސިހުމާއިއެކު ހާސްކަން ހޭޒަލްއަށް ވެރިވިއެވެ. ދާރިއަންގެ އަތުގައި އޭނާއަށް ހިފާލެވުނީ ބޭއިޚްތިޔާރުގައެވެ. ދާރިއަން ހިނގައިގަންނަން އުޅުނެވެ. އެވަގުތު ހޭޒަލްގެ އަނެއްއަތުގައި ލިއަމް ހިފައިފިއެވެ. ގައިގާ ހުރި ބާރަކާއެކު ލިއަމްގެ އަތުން ހޭޒަލް އަތްދަމައިގަތެވެ.
"ލިއަމް..." ހޭޒަލްގެ އަތުގައި ދެވަނަ ފަހަރަށް ހިފަން އުޅުމުން ދާރިއަން ގޮވާލިއެވެ.
"ކަލޭ މިދޭތެރެއަށް ވަންނާކަށް ނުޖެހޭ... ޒެއްލު... އޭނާ ކައިރީ ބުނޭ މިތަނުން ދާށޭ" ލިއަމް ނުރުހިފައި ބުންޏެވެ. ދާރިއަންގެ އަތުގައި ހިފިގޮތަށް ހޭޒަލް ހުރީއެވެ. ހޭޒަލްއާއެކު ދާރިއަން ހިނގައިގަތެވެ.
"އަހަންނަށް މިހީވަނީ ރަނގަޅަށް ދޯ... ކަލޭމެން ދެމީހުން ހިތާވެގެން ދޯ ތިއުޅެނީ... ޒެއްލު... ޔޫ އާ ޑުއިން ހިމް" ލިއަމްގެ އަޑަށް ހޭޒަލް ހުއްޓުނެވެ. ފަސްއެނބުރި ލިއަމްއަށް ބަލާލިއެވެ. ހޭޒަލްގެ ރުޅިއާއި ކަރުނައިގެ އަސަރުވީ ދެ ލޯ ލިއަމްއަށް ފެނުނެވެ. އެހެންވިޔަސް ލިއަމްގެ ގަސްދަކަށްވީ ހޭޒަލް އޭނާއާ ވާހަކަދައްކާނޭ ގޮތެއް ހެދުމެވެ.
"މާދަމާ ހަވީރު ހަތަރެއް ޖަހާއިރު..." ހޭޒަލް ވަގުތާއި ތަން ބުނެލިއެވެ. ލިއަމްއާ ބައްދަލުކޮށް ވާހަކަދައްކާނޭ ކަމަށް އޭނާ ބުންޏެވެ. އޭނާގެ ފަހަތުން އައިސްގެން ނުވާނޭކަން ހޭޒަލް އެންގިއެވެ. ލިއަމް ހުރި ފިޔަވަޅުމަތީ ހުރެ ބޯޖަހާލިއެވެ. ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ.
ދާރިއަންއާއެކު އައިސް ހޭޒަލް ކާރަށް އެރިއެވެ. ކާރު އިސްޓާޓުކޮށްލުމާއެކު ދާރިއަންއަށް ހޭޒަލް ގޮވާލިއެވެ. ކާރު ދުއްވާނުލައި ދާރިއަން މަޑުކުރީ އެހެންވެއެވެ.
"އަހަރެން ލިއަމްއާ ބައްދަލުކުރަން އެބަޖެހޭ" ހޭޒަލް އިނީ އިސްޖަހާލައިގެންނެވެ. ދާރިއަން އެއްވެސް އެއްޗެއް ނުބުންޏެވެ. ދެން ވެސް ވާހަކަދެއްކީ ހޭޒަލްއެވެ.
"ދާރިއަން ހިތްހަމަނުޖެހޭނެތަ؟" ހޭޒަލް އަހާލިއެވެ.
"އަހަރެން ހޭޒަލް ގޮވައިގެން އެހިސާބަށް ދާން އެއްބަސްވެދާނަންތަ؟" ދާރިއަން ކުރީ ސުވާލެކެވެ. ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވިއެވެ.
"އެންމެ ރަނގަޅު... އެކަމަކު ލިއަމްއާ ބައްދަލުކުރާނީ އަހަރެން އެކަނި" ހޭޒަލް ބުންޏެވެ. އެކަމާ ދާރިއަން އެއްބަސްވިއެވެ.
"މިއަދަކީ އަހަރެމެންނަށް ވަރަށް މުހިންމު ދުވަހެއް، ޒެލްގެ މޫނުން ހިނިތުންވާތަން ދުށުމަށް އަހަރެން ބޭނުމީ... އެކަމަކު މުޅި ދުވަސް ހަރާބުވެއްޖެހެން ހީވަނީ... ޒެލްގެ އަތުގައި އޭނާ ހިފަންޖެހޭތަ" ދާރިއަން ދެއަތުން ހުންގާނުގައި ހިފާލިއެވެ. ހީވީ ހިތްހަމަނުޖެހިފައި އިންހެނެވެ.
"އައި އޭމް އޯކޭ... ހިނގާ ގެއަށް ދާން، އަހަރެން ރެޑީވާން ޖެހޭނެއެއްނު... ޚާއްޞަ ދުވަހެއްނު" ދާރިއަންގެ ޠަބީޢަތް ގޯސްވާން ހޭޒަލް ނޭދޭ ކަހަލައެވެ. އޭނާގެ ހިތަށް ލިބުނު ނުތަނަވަސްކަން އޭނާ ފަރުދާކުރީ އެހެންވެއެވެ.
* * * * *
ހާމަފެންޑާގައި ހުރި ގަސްމުށިތަކުގެ އެތުރުން ބަދަލުކޮށްފައި ހުއްޓެވެ. ތަން ތައްޔާރުކުރުމަށް ހަވާލުކުރީ ބަޔަކާއެވެ. އެމީހުންގެ މަސައްކަތް ހަތަރުގަޑި ބައިވަންވީއިރު ނިންމާފައި ހިނގައްޖެއެވެ. ދާރިއަންގެ ޢާއިލާއިން އަންނަން ވެގެން ސާއިރާއަށް ގުޅައިފިއެވެ. ފަސްގަޑި ފަނަރައިގަ ފޯމުފުރާ މީހުން އަންނާނެއެވެ. އެހާއިރަށް އެގެއަށް ދެ ޢާއިލާގެ ހުރިހާ މެންބަރުން އައިސް ހަމަވާނެއެވެ. މާޙައުލުގައި އެކަނި ވެސް ޚާއްޞަ ޙަފުލާއެއްގެ ސިފަތައް އެކުލެވިފައި ހުއްޓެވެ.
"ޒެއްލު... އެންމެން އަތުވެއްޖެ... ޒެއްލު ގޮވައިގެން ކީރާ އަންނަންވީނު" ހޭޒަލްގެ ކޮޓަރިއަށް ވަން އާތިޝް ބުންޏެވެ. އަދި އެމީހުން ކައިރީ ހުރި ދަރިފުޅު ގޮވައިގެން އެނބުރި ހިނގައްޖެއެވެ.
"މާޝާ ﷲ... ޒެއްލު ލޯބިކަން" ކީރާގެ ކައިރީ ހުރި ނަޝާ ބުނެލިއެވެ. އޭނާއަށް ހޭޒަލްގެ ފޯނުކޯލު ލިބުމާއެކު ދުވަހުގެ ހުރިހާކަމެއް އޭނާ ކެންސަލް ކޮށްލިއެވެ. މީހަކާ އިންނަން އެކުވެރިޔާ ރަންކިޔަނީކަން އެނގުމުން ހުރީ ޤަބޫލު ވެސް ނުކެރިފައެވެ. އެހެންވިޔަސް އޭނާގެ ގާތުގައި އެ އުފާވެރިކަމުގައި ބައިވެރިވާން ލިބުނު ދަޢުވަތު ޤަބޫލުކުރީ އުފަލުންނެވެ.
ހާމަފެންޑާގައި ރިޒްވާނުގެ ގާތް ދެ އެކުވެރީންނާއި ސާއިރާގެ އެކުވެރީން ވެސް އައިސް ތިއްބެވެ. ސޯފާ ގޮނޑިތަކުގައި ދާރިއަންއާއި އޭނާގެ ޢާއިލާ ތިއްބެވެ. އެމީހުންނަށް ކީރާއާއި ނަޝާއާއެކު އެތަނަށް އައި ހޭޒަލް ފެނުނެވެ. އެންމެންގެ މޫނުތަކުން ފެންނަނީ އުފާވެރިކަމުގެ ހިނިތުންވުމެވެ. ދާރިއަން އިން ގޮނޑީގައި އިށީނުމަށް ސާއިރާ ދަރިފުޅު ގާތު ބުންޏެވެ.
ހުދު ގަމީހާއި ގޮޅިޖެހި އަޅިކުލައިގެ ފަޓުލޫނުގައި ދާރިއަން ފެންނަނީ ސްމާޓްކޮށެވެ. ހޭޒަލް ވެސް ހުރީ ހަވީރީ ހެދުމެއްގައެވެ. އަޅިކުލައިގެ އެ ގައުންގައި ފިޔާތޮށި ކުލައިގެ ފިނިފެންމަލުގެ ބޯޑަރެއް ވިއެވެ. މުޅި ފޮތީގައި ރޮދީގެ ސާދާ ޑިޒައިނެއް ފެންނަން ހުއްޓެވެ. ހިމައުނަގަނޑުގައި ޓައިއެއްހެން ހުރި އަޅިކުލައިގެ ހިމަބެލްޓެއް އަޅާފައި ހުއްޓެވެ. އަޅިކުލައިގެ ޝިފޯން ޝޯލުގެ ތެރެއިން ހޭޒަލްގެ ދޮން މޫނުގެ ފާޅުކަން ބޮޑެވެ. ކޮށްފައި ހުރީ އާދައިގެ މޭކަޕެކެވެ. ހޭޒަލްގެ ރީތިކަމަށް ތާރީފުކޮށްލާ ހިތުން ދާރިއަން އިނީ ކެތްމަދުވެފައެވެ. ޚާއްޞަކޮށް އޭނާއާ ގާތުގައި ހޭޒަލް އިށީނީސުރެންނެވެ.
ގިނައިރުތަކެއްނުވެ ހަފުލާ ފެށިއްޖެއެވެ. ކައިވެނި ފޯމު ފުރާ ނިމިއްޖެއެވެ. އައިކުއާއި އޭނާއާއެކު ހުރި ރަޙުމަތްތެރިޔާ ފޮޓޯނެގުމުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ހޭޒަލް ހާސްވެފައި އިންވަރު އެންމެންނަށް ވެސް އިޙްސާސް ކުރެވުނީ ފޯމުގައި ސޮއިކުރަން ގަލަމުގައި ހިފާލި ވަގުތެވެ. އަތުގައި ހުރި މަޑުތުރުތުރުލުން އެންމެންނަށް ވެސް ފާހަގަވިއެވެ. ސޮއިކޮށްލުމުގެ ކުރީން ހޭޒަލްގެ ނަޒަރު ރިޒްވާނަށް ދަތުރުކޮށްލިއެވެ. އެ ބައްޕަގެ މޫނުގައިވި ހިނިތުންވުމާއި ބޯޖަހާލި ގޮތުން ހޭޒަލްއަށް ހިތްވަރަކަށް ވިއެވެ.
އެންމެ ފަހުގެ ކަމަކަށް އޮތީ ރަންކިއުމެވެ. ރަނަށް އެހުމަށް ބުނީ ދާރިއަންގެ ގާތުގައެވެ. އެންމެންގެ ކުރިމަތީ ދާރިއަން ވެސް ޖެހިލުންވާގޮތްވިއެވެ. ފުންނޭވާއެއް ދޫކޮށްލައި އޭނާ ހޭޒަލްއާ ދިމާއަށް އެނބުރިލިއެވެ. ކައިވެނީގެ ރަނަކީ ކޮބާތޯ އެއްސެވެ. ދާރިއަންއަށް ބަލާލުމާއެކު ދެހާސްވިހި ރުފިޔާއަށް ހޭޒަލް ރަންކިޔައިފިއެވެ. އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ތަހުނިޔާގެ އަޑުފަށްގަނޑު ގަދަވެއްޖެއެވެ. ހުނުމާއި އަތްތިލަބަޑި ޖެހުމުގެ އަޑެވެ.
"މަންމާ..." ދާރިއަން ގޮވާލީ ކަމެއް ހަނދާންކޮށްދިނުމަށެވެ. އެއާއެކު އިބާ ވާހަކަދައްކަން ފަށައިފިއެވެ. އެންމެންގެ ސަމާލުކަން ހޯދިއެވެ.
"މިހާރުއްސުރެ ތީ އަހަރެމެންގެ ވެސް ކުއްޖެއް..." އިބާ ބުންޏެވެ. އަދި އަނގޮއްޓި ފޮށި ހުޅުވާލުމާއެކު ދާރިއަންއަށް ދިއްކޮށްލިއެވެ. އޭނާ އަނގޮއްޓި ނަގައި ހޭޒަލްއަށް ދިއްކޮށްލިއެވެ. މަޑުކުރުމެއްނެތި ހޭޒަލްގެ ކަނާއަތް ދިއްކޮށްލިއެވެ.
"ޔޫ ލުކް ބިއުޓިފުލް" އަނގޮއްޓި އަޅުވާލަމުން ދާރިއަން ބުނެލީ ސިއްރުންނެވެ. ހިނިތުންވުމަކަށް ހޭޒަލްގެ ތުންފަތް ދެމިލިއެވެ. އޭނާ މިވަގުތު ކޮށްލި ކޮންމެ ހަރަކާތަކީ ދާރިއަންއަށް ޓަކައި ގެނައި ހަރަކާތެކެވެ. އޭނާގެ އުފަލަށްޓަކައެވެ.
ކައިވެނި ހަމަޖެހިފައި އޮތީ ދެ ހަފްތާ ފަހުންނެވެ. ކައިވެންޏަށް ތައްޔާރުވާން ދެ ޢާއިލާއިން ވެސް ވަގުތު ބޭނުންވާތީއެވެ. ދާރިއަންއަށް ދެ ހަފްތާ ދިގުވީ ނަމަވެސް ހޭޒަލް ހުރީ ހުރިހާކަމެއް ނިމެމުންދާލެއް އަވަސްވެފައެވެ. ހަވީރުގެ ސައިގައި އެންމެން ބައިވެރިވުމަށް ދިއުމާއެކު ދާރިއަންއާއި ހޭޒަލް އެކަނިވިއެވެ.
"ސެލްފީއެއް ނަގަންތަ؟" ހޭޒަލްގެ ކަންފަތް ދޮށުގައި ދާރިއަން އަހާލިއެވެ. ހޭޒަލް ބޯޖަހާލުމާއެކު އޭނާގެ ފުރަގަހުން ދާރިއަންގެ އަތް ގެނެސް ކޮނޑުގައި ހިފަހައްޓާލިއެވެ. މަޑުމަޑުން ދާރިއަންއާ ގާތަށް ދަމާލައި އޭނާގެ ފޯނު ސެޓުކޮށްލިއެވެ. ދާރިއަންގެ ތުބުޅިންކަމެއް އޭނާގެ ކަރުދޮށުންކަމެއް ޔަގީންނުވިޔަސް ހޭޒަލްގެ ނޭފަތުގައި ޖެހުނީ ފިރިހެން ވަހެކެވެ. ހިތްހަމަޖެހޭފަދަ މީރު ވަހެކެވެ.
"އައި ނޯ ތީ ޒެލްގެ ބައްޕަގެ ޕްރިންސަސްކަން... އެކަމަކު ކައިވެންޏަށްފަހު... ޔޫ ވިލް ބީ މައި ކުއީން... މައި ބިއުޓިލުން ކުއީން" ދާރިއަންގެ ހިނިތުންވުމުގެ ތެރެއިން ސާފު ހުދު ދަތްތައް ފެންނަން ހުއްޓެވެ. މިފަހަރު ހިނިތުންވާން ހޭޒަލްއަށް ވަގުތު ނެގިއެވެ. އެވަގުތަކީ ދާރިއަންނޫން މީހަކާމެދު ވިސްނައިގެން ނުވާނޭ ވަގުތެއްކަން ހޭޒަލްއަށް އެނގޭއިރު ވެސް ލިއަމްގެ ޚިޔާލުތަކާ ދުރެއް ނުވެވުނެވެ.
(ނުނިމޭ)