ވިޔަފާރި

ބޮޑުމޮހޮރާގައި ރިސޯޓެއް ހަދަން ޖާބިރުގެ ކުންފުންޏަށް ދީފި

Feb 27, 2020
1

ވ. ބޮޑުމޮހޮރާގައި ރިސޯޓެއް ތަރައްގީ ކުރަން 50 އަހަރަށް، ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރުގެ ކުންފުންޏަކަށް މިއަދު ހަވާލު ކޮށްފި އެވެ.

ބޮޑުމޮހޮރާގައި ރިސޯޓެއް ހަދަން، ޖާބިރާ އެ ރަށް ހަވާލު ކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހު އެވެ.

ބޮޑުމޮހޮރާ އަކީ ރިސޯޓެއް ތަރައްގީ ކުރަން ޖާބިރު އަށް 2012 ވަނަ ދީފައިވާ ރަށެވެ. އޭރު އެރަށް ދީފައިވަނީ ޖާބިރު އާއި އަނބިކަނބަލުންގެ ހިއްސާ އޮންނަ މެރިން ޓެކްނޮލަޖީ މޯލްޑިވްސް އަށެވެ. ނަމަވެސް ކުރީގެ ސަރުކާރުން ވަނީ އެ ރަށް ޖާބިރުގެ އަތުން ނަގާފަ އެވެ. ނަމަވެސް ކޯޓުން އެ ރަށް ދޭން ހުކުމް ކޮށްފައިވީ ނަމަވެސް ރަށް މިހާތަނަށް ހަވާލު ކޮށްފައެއް ނުވެ އެވެ.

ޖާބިރު އަށް މި ރަށް ދޭން 2015 ވަނަ އަހަރު ކުރި ހުކުމާ ގުޅިގެން އޭނާ ވިދާޅުވެފައިވާ ގޮތުގައި ބޮޑުމޮހޮރާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ބޭނުންފުޅު ވަނީ އޭރުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތެރެއިންނެވެ.