ހަބަރު

ނ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ފަށައިފި

Feb 27, 2020

ނ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ފަށައިިފި އެވެ. މި ހިދުމަތް ފައްޓަވައިދެއްވީ ހެލްތް މިނިސްތަރު އަބްދުﷲ އަމީނެވެ.

ނ. އަތޮޅު ހޮސްޕިޓަލް ހުންނަ، މަނަދޫއަކީ ގާތްގަނޑަކަށް 2000 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އަތޮޅުގައި 15000 މީހުން ދިރިއުޅެއެވެ.

ހެލްތް މިނިސްޓްރީއިން މިއަދު ބުނި ގޮތުގައި ނ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ފެށިގެން ދިއުމާއެކު، މި ހިދުމަތް ހޯދުމަށް ނ. މަނަދޫގެ އިތުރުން ނ. އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުން މާލެއަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް އަންނާނެއެވެ.

ދަތާއި އަނގައިގެ ބަލިތަކަކީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށް އާންމު ބަލިތަކަކަށް ވީހިނދު ނ. އަތޮޅު ހޮސްޕިޓަލުގައި އަލަށް ގާއިމު ކުރެވިގެންމިދާ ހިދުމަތަކީ ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި ވަރަށް މުހިންމު ހިދުމަތެއް ކަމަށް ހެލްތް މިނިސްޓްރީއިން ފާހަގަކުރި އެވެ.

ހިދުމަތުގެ ސަބަބުން ނ. މަނަދޫގެ ރައްޔިތުންނާއި އަދި މިސަރަހައްދުގެ އެހެން ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެއިރު، ނ. އަތޮޅުގައި ހުރި ރިސޯޓްތަކަށްވެސް ލިބޭނެ ވަރަށް ބޮޑު ލުއި ފަސޭހައެކެވެ.