ވިޔަފާރި

މިދިޔަ މަހު ރިޒާވަށް ތިން ޕަސެންޓުގެ އިތުރުވުމެއް

Feb 28, 2020
7

މިދިޔަ މަހު ރާއްޖޭގެ ރަސްމީ ރިޒާވް، ތިން ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުގެ އިކޮނޮމިކް އަޕްޑޭޓުގައިވާ ގޮތުން މިދިޔަ ޑިސެމްބަރު މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 753 މިލިއަން ޑޮލަރެވެ. ނަމަވެސް ޖެނުއަރީ މަސް ނިމުނުއިރު މި އަދަދު ވަނީ 776.6 އަށް އިތުރުވެފަ އެވެ. މިއީ ތިން ޕަސެންޓުގެ އިތުރުވުމެކެވެ.

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި ވަގުތުން ވަގުތަށް ބޭނުން ކުރަން ހުންނަ ޔޫޒަބްލް ރިޒާވް މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ވަނީ ބޮޑު ތަނުން އިތުރުވެފަ އެވެ. ޑިސެމްބަރު މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 316 މިލިއަން ޑޮލަރުގަ އެވެ. މި އަދަދަކީ 2018 ގެ ޑިސެމްބަރު މަހު ރިޒާވްގައި ހުރި 236 މިލިއަން ޑޮލަރާ އަޅާ ބަލާއިރު 12 ޕަސެންޓުގެ އިތުރު ވުމެކެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައިވާ ގޮތުން 2020 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ 818.8 މިލިއަން އެމެރިކާ ޑޮލަރެވެ.