އަމީތާބު

އަމީތާބަށް އެންމެ މަގުބޫލު އެކްޓަރަކީ ރަންބީރު

ރަންބީރު ކަޕޫރާއެކު އަމީތާބް ބައްޗަން ކުޅޭ "ބްރަހްމަޝްތުރާ" ގެ ޝޫޓިން މިހާރު ވަރަށް ބާރަށް ކުރިޔަށް ދާއިރު އަމީތާބު ވަނީ ރަންބީރު އާއި އޭނާ ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. މި ފޮޓޯތަކާއެކު ލިޔެފައިވާ ލިޔުމުގައި އަމީތާބު ބުނެފައިވަނީ ރަންބީރަކީ އޭނާގެ ފޭވަރިޓް އެކްޓަރުންގެ ތެރެއިން އެކްޓަރެއް ކަމަށެވެ.

ރަންބީރު ކަހަލަ ހުނަރުން ފުރިފައިވާ އެކްޓަރަކާއެކު މަސައްކަތް ކުރާއިރު އޭނާ ވެސް ވަރަށް ހުޝިޔާރުވާން ޖެހޭ ކަމަށް ވެސް އަމީތާބު ބުނެފައި ވެއެވެ.

އަމީތާބާއި ރަންބީރުގެ އިތުރުން "ބްރަހްމަޝްތުރާ"ގައި އާލިއާ ބަޓް ބަތަލާގެ ބައި ކުޅެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ފިލްމުގެ ތަރިންނާއި ޑައިރެކްޓަރު އަޔާން މުކަރުޖީ އެކުގައި ނަގާފައިވާ ފޮޓޮއެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. މިއީ ފިލްމު ރިލީޒް ކުރާ ތާރީޚު އިއުލާން ކުރުމުގެ ގޮތުން ޝެއާ ކުރި ފޮޓޯ އެކެވެ.

ބަލްގޭރިޔާ އާއި ނިއުޔޯކް އަދި މުމްބައިގައި ޝޫޓް ކުރާ މި ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

މި ފިލްމުގައި މޯނީ ރޯއީ އާއި ނާގްއަރްޖުނާ ވެސް ވަރަށް މުހިއްމު ރޯލެއް ކުޅެ އެވެ.