ބޮލީވުޑްގައި މިހާރު އެންމެ ބާރަށް ވިދާ އެއް ތަރިއަކީ ކާރްތިކް އާރްޔަން އެވެ. ކާރްތިކްގެ ފިލްމީ ކެރިއަރުގައި މިހާތަނަށް ކުޅުނު ފިލްމުތަކަށް ރަނގަޅު ކާމިޔާބެއް ލިބެމުން ދިޔަ ނަމަވެސް އޭނާގެ އެންމެ ފަހުން ރިލީޒްވި "ލަވް އާޖް ކަލް" ވަނީ ފްލޮޕް ވެފަ އެވެ. އެއާއެކު ވަރަށް ބާރަށް ކުރިއަރަމުންދިޔަ ކާރްތިކްގެ ފިލްމީ ކެރިއަރަށް ކޮންމެވެސް ވަރެއްގެ ލޮޅުމެއް ވަނީ އަރާފަ އެވެ. ނަމަވެސް ފިލްމު ފްލޮޕްވުމަކީ ކާރްތިކް އެކަމާ ކަންބޮޑުވެ ހިތާމަކުރާ ކަމަކަށް ނުވެ އެވެ.
އޭނާ މިދުވަސްވަރު ވަރަށް ބިޒީކޮށް އުޅެމުންދަނީ ޑައިރެކްޓަރު އަނީސް ބަޒްމީގެ "ބޫލް ބުލައްޔާ 2" ގެ ޝޫޓިންގް ގައެވެ. ޑައިރެކްޓަރު ބުނާ ގޮތުގައި "ބޫލް ބުލައްޔާ" ގައި އަކްޝޭ ކުޅުނު ރޯލު އޭނާއަށް ފިޓްވި ގޮތަށް މިފަހަރުގެ ފިލްމުގައި ކާރްތިކް ކުޅޭ ރޯލު ވަރަށް ބޮޑަށް ކާރްތިކް އަށް ފިޓްވެ އެވެ.
ފިލްމު ފްލޮޕްވީ ކާރްތިކްގެ ކުށަކުން ނޫންކަން އެންމެން ވެސް ގަބޫލު ކުރެ އެވެ. އެހެންވީމާ އޭނާ މާ ބޮޑަށް އެކަމާ ވިސްނާ ކަންބޮޑު ވެގެން ނޫޅެނީ އެވެ. އަނެއްކޮޅުން "ލަވް އާޖް ކަލް"ގެ ޑައިރެކްޓަރު ދިނޭޝް ވިޖަން ދެން އުފައްދާ ފިލްމުގެ ބަތަލުގެ ބައި ވެސް ކާރްތިކްއަށް މިހާރު ވަނީ ލިބިފަ އެވެ. މިއީ ކާރްތިކް އާ މެދު ޕްރޮޑިއުސަރު ހިތްހަމަޖެހިފައި ހުރި ކަން ޔަގީންވާ ކަމެކެވެ. ނަމަވެސް އަލަށް ފަށާ ފިލްމު ޑައިރެކްޓްކުރާނީ "ލަވް އާޖް ކަލް"ގެ ޑައިރެކްޓަރު އިމްތިޔާޒު އަލީ އެއް ނޫނެވެ.
ކަރަން ޖޯހަރްގެ "ދޯސްތާނާ 2"ގެ މަސައްކަތް ވެސް ކާރްތިކް ދަނީ ކުރަމުންނެވެ. އެހެންކަމުން އެންމެ ފިލްމެއްގެ ނާކާމިޔާބުން އަދި އޭނާއަށް މާ ބޮޑު އަސަރެއް ނުކުރަނީ ކަމަށް ބެލެވެ އެވެ.
"ލަވް އާޖް ކަލް" ފްލޮޕްވުމުގެ ޒިންމާ ގިނަ ބަޔަކު އަޅުވަނީ އެ ފިލްމުގެ ޑައިރެކްޓަރު އިމްތިޔާޒުގެ ބޮލުގަ އެވެ. އެ ފިލްމުގެ ކުރިން އިމްތިޔާޒު އުފެއްދި ޝާހްރުކް ޚާނާއި އަނުޝްކާ ޝަރުމާގެ "ޖަބް ހެރީ މެޓް ސޭޖަލް" ވެސް ފްލޮޕްވެފައި ވުމާއެކު އިމްތިޔާޒުގެ ކުރީގެ ފިލްމުތަކުން އޭނާ ދެއްކި ޖާދޫ ފަހުގެ ފިލްމުތަކުން އެއްގޮތަކަށް ވެސް ނުދެއްކޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑު ކިޔަމުންނެވެ.
ޝާހިދު ކަޕޫރާއި ކަރީނާ ކަޕޫރުގެ "ޖަބް ވީ މެޓް" އާއި ރަންބީރު ކަޕޫރުގެ "ރޮކްސްޓާ" ފަދަ ރީތި ފިލްމުތަކަކީ މީގެ ކުރިން އިމްތިޔާޒު ޑައިރެކްޓްކުރި ފިލްމުތަކެވެ. ނަމަވެސް މި ފަހަކަށް އައިސް އޭނާއަށް މިފަދަ ރީތި ފިލްމުތައް އުފެއްދޭ ގޮތެއް ނުވެ އެވެ. އެހެންކަމުން "ލަވް އާޖް ކަލް" ފްލޮޕްވުމުން ކާރްތިކް އަށް ވުރެ ބޮޑަށް އިމްތިޔާޒުގެ ފިލްމީ މުސްތަގްބަލާ މެދު ވަނީ ސުވާލު އުފެދި އެވެ.