އަބްދުއްރަހީމް އަބްދުﷲ

ވައުދުތައް ބިލާހަކަށްވެ ރައްޔިތުން މާޔޫސްވެއްޖެ: އަދުރޭ

ވެރިކަމަށް އައުމަށްޓަކައި މި ސަރުކާރުން ވެފައިވާ ވައުދުތައް ހަގީގަތަކަށް ނުވެ ބިލާހަކަށް ވެފައިވާ ކަމަށާއި އޭގެ ސަބަބުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތިބީ މާޔޫސްވެފައި ކަމަށް އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

"މިއީ މަގޭ ރާއްޖެ" ޝިއާރުގެ ދަށުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ޖަލްސާއަށް އެތައް ބަޔަކު ޖަމާވެ ފޯރި ތަރުހީބު ދެމުން ދިޔަ ނަމަވެސް ފޯރިއާއެކު ވާހަކަ ދައްކާނެ ހިތްވަރު އޭނާގެ ނެތް ކަމަށެވެ. ވިދާޅުވީ ގައުމަށް ތަރައްގީ ގެނެސްދެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުހައްގުން ޖަލުގައި އޮންނެވިއިރު ގައުމުގެ ތަރައްގީ ހުއްޓި ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށެވެ.

އަދުރޭ ވިދާޅުވީ 2018 ވަނަ އަހަރު ދިވެހި ރައްޔިތުން ވެރިކަން ބަދަލު ކުރީ ވަރަށް ފޮނި އުއްމީދެއްގައި ކަމަށެވެ. ނަމަވެސް އެ އުއްމީދުތައް ސަރުކާރަށް ފުރިހަމަ ކޮށްނުދެވި ރައްޔިތުން މާޔޫސް ވެގެން ގޮސްފައިވާ ކަމަށާއި ސަރުކާރުގެ ވައުދުތައް ބިލާހަކަށް ވެގެން ގޮސްފައިވާ ކަމަށެވެ.

"އެމްޑީޕީން ރައްޔިތުންނަށް ދެއްކި ވައުދުތައް ހަގީގަތަކަށް ނުހެދުނު. ރައްޔިތުންނަށް ހުށަހެޅި ތަސްވީރުގައި ކުލައެއް ނުޖެއްސުން، އެ ވަރު ނުވި ތަނުގައި ރައްޔިތުން ބިކަވެއްޖެ. މާޔޫސްވެއްޖެ، އިގްތިސޯދު އެތައް ތަނަކުން ދަށްވެއްޖެ، ރައްޔިތުންގެ އަތްމަތި ދަތިވެ ބިކަވެއްޖެ." އަދުރޭ ވިދާޅުވި އެވެ.

އެމްޑީޕީގެ މި ސަރުކާރަށް އަހަރަކަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރު ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށް ނުދެވޭ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ. އަދި ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓިފައިވާއިރު އާ މަޝްރޫއެއް ކުރިއަށްދާ ތަނެއް ވެސް ނުފެންނަ ކަމަށާއި ހަޒާނާގައިވާ ފައިސާއަށް "ވީނުވީ ނޭނގި" ހުސްވަމުންދާ ކަމަށެވެ.

އަދުރޭ ވިދާޅުވީ ސަރުކާރުގެ ކަންކަން ހުރި ގޮތުން އެމްޑީޕީގެ އާންމު މެންބަރުން ވެސް މާޔޫސްވެފައިވާ ކަމަށެވެ. އެމްޑީޕީ ވެރިކަމަށް ގެނައުމަށްޓަކައި ރެއާއި ދުވާލު މަސައްކަތް ކުރި އެ ޕާޓީގެ ސަޕޯޓަރުން ވެސް ތިބީ ވަޒީފާގެ ފުރުސަތުތައް ނުލިބި އާމްދަނީ ލިބޭނެ ގޮތެއް ނެތި، ބިކަވެގެން ގޮސްފައި ކަމަށެވެ.

"މާ ދުރުން ބަޔަކު އައިސް ސަރުކާރުގެ ތެރެއަށް ވަދެ އަތްގަދަކޮށް ދައުލަތުގެ ހާޒާނާ ކާހުސްކޮށްލަނީއޭ [އެމްޑީޕީގެ ސަޕޯޓަރުން] ބުނަނީ. ތިމަންނަމެން މިއަދު ބޭނުން ވަނީ މި ސަރުކާރު ބަދަލު ކުރާށޭ. ތިމަންނަމެނަށް ރައީސް ޔާމީންގެ ސަރުކާރު މާ ރަނގަޅޭ. އޭރު ވަޒީފާ އޮތޭ. އޭރު މަގުމަތިވެ ބިތްޖެހިފައެއް ނެތޭ." އަދުރޭ ވިދާޅުވި އެވެ.

މީގެ އިތުރަށް އޭނާ ވިދާޅުވީ ރައްޔިތުން ތިބި ގޮތް ރޭ ގެ ޖަލްސާއިން ސާފުވެގެންދާ ކަމަށާއި ސަރުކާރުން ބޭނުން ކަމެއް ކުރަން ރައްޔިތުން ދޫކޮށްގެން ނުތިބޭނެ ކަމަށެވެ.

"ބޭނުންހާ އެއްޗެއް ހަދަން ދެން ދިވެހި ރައްޔިތުންނަށް މަޑަކުން ނުތިބޭނެ، ދިވެހި ރައްޔިތުންނަކީ ދިވެހި ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ގައުމު އިސްކޮށްގެން ނުކުންނަން ތައްޔާރަށް ތިބި ބަޔެއް. ރައްޔިތުން ބުނަން އެބަ ޖެހޭ ބަދަލެއް ބޭނުންވާ ކަން، އެ ފުރުސަތަކީ މި ކައުންސިލް އިންތިހާބު،" އަދުރޭ ވިދާލވި އެވެ.

އަދުރޭ ވިދާޅުވީ، ރެއަށް ފަހުގައި ދިވެހި ރައްޔިތުންނަށް އިތުރަށް ސަރުކާރުން ދަތި ކުރާނެ ކަމަށެވެ. ވަޒީފާގެ ބިރު ދައްކާނެ ކަމަށެވެ. ސަރުކާރާ ދެކޮޅުވާ ކޮންމެ މީހަކަށް ދަތިތައް ދޭނެ ކަމަށެވެ. އެކަމަކު ގައުމުގެ ހާލަތު ގޯސްވެގެން ދިއުމުން ޕީޕީއެމްއަށް އަންނަ އިންތިހާބު ކާމިޔާބު ކޮށްދޭން ރައްޔިތުން ތިބި ގޮތަށް ތިބުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.