ބޮލީވުޑް

"މިސްޓަ އިންޑިއާ" މައްސަލާގައި އަނިލްއާ ބޯނީ ޖެހިއްޖެ

ޒީ ޓެލެފިލްމްސް އިން ދާދިފަހުން އިއުލާން ކުރި އަލީ އައްބާސް ޒަފަރް ޑައިރެކްޓްކުރާ "މިސްޓަ އިންޑިއާ" ފްރެންޗައިސްގެ ސަބަބުން އެކްޓަރު އަނިލް ކަޕޫރާއި އޭނާގެ ޕްރޮޑިއުސަރު ބޭބެ ބޯނީ ކަޕޫރުގެ މެދުގައި ޚިޔާލު ތަފާތު ވަރަށް ބޮޑަށް ގުޅުން ގޯސްވަމުން ދާކަން ހާމަވެއްޖެ އެވެ. "މިސްޓަ އިންޑިއާ" ގެ އޮރިޖިނަލް ފިލްމު އުފައްދާފައި ވަނީ އަނިލް އާއި ބޯނީ ގުޅިގެނެވެ. ފިލްމުގެ ބަތަލުގެ ރޯލު އަނިލް ކުޅެފައިވާއިރު ޕްރޮޑިއުސަރަކީ ބޯނީ އެވެ.

މި ފިލްމު އުފެއްދުމާ ހިތްހަމަ ނުޖެހިފައިވާ މީހުންގެ ތެރެއިން 1987 ގައި ރިލިޒްކުރި "މިސްޓަ އިންޑިއާ"ގެ ޑައިރެކްޓަރު ޝޭކަރް ކަޕޫރު ހިމެނެ އެވެ. ޝޭކަރް ބުނެފައި ވަނީ އޭނާގެ އުފެއްދުމެއް މިފަދަ ގޮތަކަށް އެހެން މީހަކު ލައްވާ އަލުން އުފައްދާނަމަ އޭނާއަށް ވެސް އެނގެން ޖެހޭނެ ކަމަށެވެ.

ޝޭކަރްގެ މި ވާހަކައަށް "މިސްޓަ އިންޑިއާ" ގެ ވާހަކަ ލިޔުނު ޖާވީދު އަޚްތަރު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ ތިމަންނާގެ ޚިޔާލެކޭ ކިޔައިގެން ވާހަކަ ދެއްކުމުގެ ހައްގު ޝޭކަރް އަށް ނޯންނާނެ ކަމަށާއި "މިސްޓަ އިންޑީއާ" އަކީ ޖާވީދުގެ ޚިޔާލެއްގެ މައްޗަށް އުފެއްދި ފިލްމެއް ކަމަށެވެ.

ކޮންމެއަކަސް ޔަގީންވާ ކަމަކީ ވަރަށް ގިނަ ބަޔަކު މި ފިލްމު ފްރެންޗައިސް އަކަށް ހަދާ އަލުން އުފައްދާތީ ހިތްހަމަނުޖެހޭ ކަމެވެ.

ބޮލީވުޑް ރިޕޯޓްތައް ބުނާ ގޮތުގައި "މިސްޓަ އިންޑިއާ" އަލުން އުފެއްދުމުގެ ހުއްދަ ބޯނީ ދީފައި ވަނީ އެއްވެސް ވަރަކަށް މިކަމާ ގުޅޭ ގޮތުން އަނިލް އާ މަޝްވަރާ ކުރުމެއް ނެތި އެވެ.

ޓެކްނިކަލް ގޮތުން ބަލާއިރު ބޯނީ ރަނގަޅެވެ. އޭނާއަކީ މިސްޓަ އިންޑިއާގެ ޕްރޮޑިއުސަރަށް ވާތީ އެ ފިލްމު އުފެއްދުމުގެ ހުއްދަ އެހެން ބަޔަކަށް ދިނުމުގެ ގޮތުން އެހެން އެއްވެސް މީހެއްގެ ހުއްދަ ހޯދާކަށް ހަގީގަތުގައި އޭނާއަކަށް ނުޖެހޭނެ އެވެ. ބޯނީ އާއި ޒީ ނެޓްވޯކާ ވަރަށް ގާތް ގުޅުމެއް މާ ކުރިންސުރެ ވެސް އޮވެ އެވެ. އެހެންވެ އޭނާ އެ ފްރެންޗައިސް ކުރިޔަށް ގެންދިއުމުގެ ހުއްދަ ދިނީ އެވެ.

ނަމަވެސް މި ވާހަކަ އަނިލް އަށް އަޑު އިވުމުން ހިތްހަމަނުޖެހުނީ އެވެ. އެ ފިލްމުގެ ލީޑް އެކްޓަރުގެ އިތުރުން އޭނާއަކީ އެ ފިލްމުގެ ޕްރޮޑިއުސަރުގެ ކޮއްކޮ އެވެ. މި ދެ ހައިސިއްޔަތުން ވެސް އޭނާއަށް މި ފިލްމު އަލުން އުފައްދާނަމަ އެނގެން ޖެހޭނެ ކަމަށް އަނިލް ގަބޫލު ކުރެ އެވެ.

މިކަމާ ގުޅޭގޮތުން އަނިލްގެ ބަދަލުގައި ވާހަކަ ދައްކަނީ ދަރިފުޅު ސޯނަމް ކަޕޫރެވެ. ސޯނަމް ބުނީ އޭނާގެ ބައްޕަގެ އެހާ މޮޅު ފިލްމެއް އަލުން އުފައްދަން ޖެހޭނީ ބައްޕަގެ ރުހުމާއެކު ކަމަށް ގަބޫލު ކުރާ ކަމަށެވެ.

މި ފިލްމު ބަތަލާ އަކީ ބޯނީގެ އަންހެނުން ޝްރީދޭވީ އެވެ. މިއީ ޝްރީދޭވީ ކުޅުނު ފިލްމުތަކުގެ ތެރެއިން އޭނާގެ އެކްޓިން އާދަޔާޚިލާފަށް މޮޅަށް ދައްކުވައިދީފައިވާ ފިލްމެކެވެ. ޝްރީދޭވީ މަރުވިތާ ދެ އަހަރު ފުރިފައިވާއިރު އޭނާ ދުނިޔޭގައި ހުރިއިރު ފިލްމު އަލުން އުފެއްދުމާ ގުޅޭ ވާހަކަ ތަކެއް ދެކެވުނު ކަމަށާއި އެކަމާ ޝްރީދޭވީ ވެސް ވަރަށް ހިތްހަމަނުޖެހުނު ކަމަށް އިންޑީއާގެ ނޫސްތަކުން ބުނެ އެވެ.

ކޮންމެއަކަސް މި ފިލްމު އިއުލާން ކުރުން މިހާރު ވެފައިވަނީ ބޯނީ އާއި އަނިލްގެ މެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވާން މެދުވެރިވީ ކަމަކަށެވެ.