ބޮލީވުޑް

ޕްލާސްޓިކް ސާޖަރީ ހެދިކަމަށް ޝްރޫތީ އެއްބަސްވެއްޖެ

ބޮލީވުޑް ބަތަލާ ޝްރޫތީ ހަސަން ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ޝެއާކުރި ޕޯސްޓެއްގައި ޕްލާސްޓިކް ސާޖަރީ އެއް ހަދައިގެން އުޅޭ ކަމަށް އެއްބަސްވެއްޖެ އެވެ. އަދި އޭނާގެ ސިފައަށް މީހުން މަލާމާތްކުރާ ވާހަކަޔާއި ހޯމޯނަށް ބަދަލުތަކެއް އައިސްގެން ދިމާވެފައިވާ މައްސަލަތަކަކާ ގުޅޭ ވާހަކަ ތަކެއް ވެސް ޝްރޫތީ ދައްކާފައި ވެއެވެ.

އިންސްޓަގްރާމްގައި ޝްރޫތީ ކޮށްފައިވާ ޕޯސްޓުގައި އޭނާގެ ކަޅާއި ހުދުގެ ފޮޓޯތަކެއް ވެސް ހުއްޓެވެ. އޭގެ ދެ ވަނަ ފޮޓޯއަކީ ފުރަތަމަ ފޮޓޯ ނެގިތާ ތިން ދުވަސް ފަހުން ނަގާފައިވާ ފޮޓޮއެއް ކަމަށް ޝްރޫތީ ބުނެފައި ވެއެވެ.

ޝްރޫތީ ބުނާ ގޮތުގައި ހޯމޯނަށް އަންނަ ބަދަލުތަކުގެ ސަބަބުން އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ އުނދަގޫތަކަކާ ވަނީ ކުރިމަތިވެފަ އެވެ. އަދި ޕްލާސްޓިކް ސާޖަރީ ހެދުމުގެ ސަބަބުން އެ އަޅާ ވޭނާއި އެ ދަތުރަކީ އެހާ ފަސޭހަ ދަތުރެއް ނޫން ކަމަށް ޝްރޫތީ އެއްބަސް ވެފައި ވެއެވެ.

"އާނ. އަހަރެން ޕްލާސްޓިކް ސާޖަރީ ހަދައިފިން. އެކަމަށް އެއްބަސްވާކަށް އަހަރެން ލަދެއް ނުގަނޭ. އަހަރެން އެކަން ޕްރޮމޯޓް ކުރަނީތަ މި؟ ނޫން. އަހަރެން އެކަމާ ދެކޮޅުތަ؟ އަހަރެން ހަމައެކަނި އަހަރެން ދިރިއުޅެން ބޭނުންވާ ގޮތް ޚިޔާރުކުރީ،" ޝްރޫތީ ބުނެފައި ވެއެވެ.

ޝްރޫތީ މީގެ ކުރިން ކޮށްފައިވާ ޕޯސްޓަކަށް ބައެއް މީހުން އޭނާއަށް ވަރަށް މަލާމާތްކުރި އެވެ. ވަރަށް މުސްކުޅި އަދި އަނަރޫފަ ސިފަ ޖަހާ ކަމަށާއި ހީވަނީ ބަނޑުހައިވެގެން ހާންތިވެފައި ހުރި މީހެއް ހެން ކަމަށް ބުނެ އެވެ. ފެންނަނީ ވަރަށް ބަލިގޮތަކަށް ކަމަށާއި މޫނުމަތީގައި އެއްވެސް ކަހަލަ އުޖާލާ ކަމެއް ނެތް ކަމަށް ވެސް އެހެން ބައެއް މީހުންގެ ކޮމެންޓްތަކުގައި ވެއެވެ.

ބެލެވޭ ގޮތުގައި ޝްރޫތީ ޕްލާސްޓިކް ސާޖަރީ ހެދީ މީހުން ކުރާ މަލާމާތުގެ ސަބަބުން ހިތްހަމަނުޖެހިގެންނެވެ.

ޝްރޫތީ އަކީ މަޝްހޫރު އެކްޓަރު ކަމަލް ހަސަން އާއި ކުރީގެ މަޝްހޫރު ބަތަލާ ސާރިކާގެ ދަރިއެކެވެ. އޭނާ ބޮލީވުޑަށް ނުކުތީ 2009 ގައި ރިލީޒްކުރި "ލަކް" ކިޔާ ފިލްމަކުންނެވެ. އޭގެ ފަހުން "ގައްބަރް އިޒް ބެކް"، "ވެލްކަމް ބެކް"، "ޑީ-ޑޭ"، "ރޮކީ ހޭންޑްސަމް"، "ރަމަޔާ ވަސްތާވައްޔާ" ފަދަ ފިލްމުތައް ކުޅުނެވެ. އޭނާ އެންމެ ފަހުން ކުޅުނީ "ބެހެން ހޯގީ ތޭރީ" ކިޔާ ފިލްމެކެވެ. މި ފިލްމުގެ ބަތަލަކީ ރާޖް ކުމާރު ރާއޯ އެވެ.