ލައިފްސްޓައިލް

ފަލަކަމުން ދޫކޮށްލި ލޯބިވެރިޔާ ރީތި މުބާރާތް ކާމިޔާބުކޮށްފި

މީގެ ތިން އަހަރު ކުރިން ޖެން އެޓްކިން ކައިވެނި ކުރަން އެންގޭޖްވި ލޯބިވެރިޔާ އޭނާ ދޫކޮށްލީ މާ ގިނައިން ޖަންކް ފުޑް ކާތީ މާ ފަލަވެފައިވާ ކަމަށް ބުނެފަ އެވެ.

އޭގެ ފަހުން ތިން އަހަރު ފާއިތުވީއިރު ޖެކް ވަނީ އެހެން މީހަކާ ކައިވެނި ކޮށްފަ އެވެ. އަދި "މިސް ގްރޭޓް ބްރިޓްން"ގެ ފަޚުރުވެރި ތާޖު ހާސިލުކޮށް ކުރީގެ ލޯބިވެރިޔާގެ ކިބައިން ރަނގަޅަށް ބަދަލު ވެސް ހިފާފަ އެވެ.

ޖެން ވަނީ 2018 ގައި މިސް.އިންގްލެންޑްގެ މަގާމަށް ވެސް ވާދަކޮށްފަ އެވެ. އެ މުބާރާތުން އޭނާއަށް ލިބުނީ ރަނައަޕް ކަމަށެވެ. އޭގެ ފަހުން ދުވަސްކޮޅަކު މަޑުކޮށްލާފައި 75 ވަނަ މިސް ގްރޭޓް ބްރިޓްން މުބާރާތުގައި ވާދަކުރީ އެވެ.
މިދިޔަ ހަފުތާގައި ލީސެސްޓާގައި އޮތް މި މުބާރާތުގެ ފައިނަލްގައި ޖެން އަށް ވަރަށް ފުރިހަމައަށް އެއްވަނައެއް ވަނީ ލިބިފަ އެވެ.

ޖެން ބުނީ މުބާރާތް ކާމިޔާބު ކުރެވުނީމަ ލިބުނު ޝޮކް އަދިވެސް ނުފިލާ ކަމަށެވެ. ވީ އުފާ ބަޔާން ކޮށްދޭން ވެސް ނޭނގޭ ކަމަށާއި މިއީ ގަބޫލުކުރަން ވެސް ދަތި ކާމިޔާބެއް ކަމަށް ޖެން ބުންޏެވެ.

ރީތި މުބާރާތްތަކުގައި ބައިވެރިވާން ފެށީ މަޖަލަކަށް ކަމަށާއި މިފަދަ މުބާރާތެއް ކާމިޔާބު ކުރެވިދާނެ ކަމަށް މީގެ ތިން އަހަރު ކުރިން ޚިޔާލަށް ވެސް ނާންނަ ކަމަށް އޭނާ ބުންޏެވެ.

ތިން އަހަރު ކުރިން ލޯބިވެރިޔާ މަލާމާތް ކޮށްފައި ވަކިވެ ދިއުމުން އެ ލިބުނު ހިތާމަ ރީތި މުބާރާތް ކާމިޔާބު ކުރެވުމުން މުޅިން ފިލައިގެން ހިނގައްޖެ ކަމަށް ޖެން ބުންޏެވެ. އަދި މިހާރު އޭނާގެ ހަށިގަނޑުގެ ބައްޓަމާއި ސިފަ ބަދަލުވެފައި ވިޔަސް ޝަހްސިއްޔަތު ބަދަލު ނުވާ ކަމަށް ވެސް ޖެން ބުންޏެވެ.

މީގެ ތިން އަހަރު ކުރީގެ ހަނދާން އާ ކުރަމުން ޖެން ބުނީ އޭރު އޭނާ ކޮންމެ ދުވަހަކުވެސް ބޮޑު ޕިއްޒާއެއްގެ ބޮޑު ބައެއް ކާލާ ކަމަށާއި އަދި ޕާސްތާ އާއި ޗޮކްލެޓް ވެސް ވަރަށް ގިނައިން ކާ ކަމަށެވެ. އަދި ހަފުތާ ބަންދުތަކުގައި އޮންނަނީ ގޭގެ ސޯފާގައި އޮށޯވެލައިގެން އޮވެގެން ކާ އެއްޗެތި އޯޑަރު ކޮށްގެން ގެނެސް ކެއުން ކަމަށް ވެސް ޖެން ބުންޏެވެ.

"އޭނަ ވަކިވެގެން ދިޔަ ދުވަހު އަހަރެން ހީކުރީ އަހަރެންގެ ދުނިޔެ ވެސް ދެން މި ނިމުނީ ކަމަށް. އެތައް ހަފުތާއެއް ވަންދެން އަހަރެން ރުއިން. އަދި އިތުރަށް ކައިގެން ހިތްހަމަޖެހުން ހޯދިން. ނަމަވެސް ލޯބިވެރިޔާ ރުޅިވުން އާޚިރުގައި މިވީ އަހަރެންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށް،" ޖެން ބުންޏެވެ.

އެ ހިތާމަތަކުން އަރައިގަތުމަށް ޖެން މަސައްކަތް ފެށީ ވަރަށް ހިތްވަރުކޮށްފަ އެވެ. އަދި އަމިއްލަ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސް، ކުރީގެ ލޯބިވެރިޔާގެ ކިބައިން ބަދަލު ހިފަން ޖެން ކުރި މަސައްކަތް ވަނީ ކާމިޔާބު ވެފަ އެވެ. ޖެން އިތުރަށް ބުނެފައިވާ ގޮތުގައި ކަންޓްރީ ސިންގަލް އެއް ނެރުމުގެ މަސައްކަތް ވެސް މިހާރު އޭނާ ދަނީ ކުރަމުންނެވެ.