ހަބަރު

ވޯކްޝޮޕަށް އަމާޒުވި ފާޑުކިޔުމަށް އެމްޑީޕީއިން ރައްދު ދީފި

Feb 29, 2020
11

ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށާއި މުޖްތަމައުގެ އަމަންއަމާންކަން ނަގާލާ މޭރުމުން ވާހަކަދައްކާ ފަރުދުންނާއި، ސޯޝަލް މީޑިޔާގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ސީރިއަސް އަދި އަވަސް މައްސަލަތަކެއްގެ ގޮތުގައި ބެލުމަށް ވެރިކަން ކުރާ ޕާޓީ އެމްޑީޕީން ދިވެހި ފުލުހުންނަށް ގޮވާލައިފި އެވެ.

އެމްޑީޕީން ފުލުހުންނަށް މިކަމަށް ގޮވާލާފައިވަނީ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަ ކުށްވެރިކޮށް އެ ޕާތީން ނެރުނު ނޫސް ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަކީ އެންމެ އަސާސީ އެއް ހައްގު ކަމަށާއި އެހެންނަމަވެސް، އެހައްގުވެސް ބޭނުންކުރުމުގައި އެހެން ހައްގުތަކެކޭ އެއްފަދައިން އެހައްގު ބޭނުން ކުރެވޭނޭ ހުދޫދުތަކެއްވާ ކަމަށެވެ. އެހެން ކަމުން ނަފްރަތާއި ރުޅިވެރިކަން އުފެދޭ މިފަދަ ވާހަކަތަށް ފަތުރާ ފަރާތްތަކާމެދު އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެޕާޓިން ފުލުހުންނަށް ގޮވާލާ ކަމަށެވެ.

ނަފްރަތާއި ރުޅިވެރިކަން އުފެދޭ މިފަދަ ވާހަކަތަކަށް ދައުލަތުން އަޅާނުލެވިއްޖެނަމަ ގައުމުގައި ބައިބައިވުން އިތުރުވެ، ގައުމުގެ އަމަން އަމާންކަމާއި، ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާވާ ދަރަޖައަށް ކަންކަން ދިޔުމުގެ ފުރުސަތު އިންތިހާއަށް އެބައޮތް ކަމަށްވެސް އެ ބަޔާނުގައިވަނީ ބުނެފަ އެވެ.

އެ ޕާޓީން ބުނީ މިފަހަކަށްއައިސް، މުޖުތަމައުގެ އެއްބައެއް އަނެއްބަޔަކާމެދު ރުޅިވެރިކަމާއި ނަފްރަތު އުފައްދައި މުޖްތަމައުގައި ފިތުނަވެރިކަން އުފައްދައި ރައްޔިތުން ބައިބައި ކުރުމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާކަން ފާހަގަވާ ކަމަށާއި އަދި އެކަން ހާސިލުކުރުމަށްޓަކައި އެފަރާތްތަކުން ދެ މައުޟޫއެއްގައި ވާހަކަ ދައްކާކަންވެސް އެ ޕާޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

".....އެގޮތުން އެއް މައުޟޫއަކީ، ފަރުދުންގެ މެދުގައި ދީނީ ގޮތުން ހިޔާލުތަފާތުވާ ވަގުތުތަކުގައި އެފަރާތްތަކާ ހިޔާލު ތަފާތުވާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް އެފަރާތްތަކާމެދު ރައްޔިތުންގެ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތަކެވެ. އެކަންކުރުމުގައި އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގު ހަދަމުންދާ ދިޔުމެވެ. އޭގެ އެއް މިސާލަކީ، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަރކްޝޮޕެއް ބޭއްވުމަށް ރާއްޖެ އައި ފައުންޑޭޝަނެއްގެ މީހަކު ހދ. ހަނިމާދޫގައި ދެއްކި ވާހަކައާ ގުޅުވައިގެން ފަތުރަމުން ދިޔަ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެވެ." ދާދިފަހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިނާ ހިލާފް ވޯކްޝޮޕްތައް ބާއްވަމުންދާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކަތަކަށް ރައްދު ދެމުން އެ ޕާޓީން ބުންޏެވެ.

އެމްޑީޕީގެ ފިކުރަކީ ލާދީނީ ފިކުރެކޭ ބުނާ ފަރާތްތަކަށްވެސް އެ ޕާޓީން ވަނީ ރައްދު ދީފަ އެވެ. އެގޮތުން ދީނީގޮތުން ހިލާފު އުފެދޭ ކަންކަމާއި، މައްސަލަތަކުގައި ތިމާ ގަބޫލުކުރާ ގޮތް ނޫން އެހެން ރައުޔަކަށް ބުރަވާ މީހުންނީ “ލާދީނީ” މީހުންކަމުގައި ލޭބަލްކޮށް އެމީސްމީހުނާމެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކައި މުޖްތަމައު ފިތުނަ ކުރުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫންކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި އޭގެ ސަބަބުން، ރައްޔިތުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުހަނު ބޮޑެތި ގެއްލުންވެ، ފުރާނައަށް ނުރައްކާވާ ދަރަޖައަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި، ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިފައިވާ ދިވެހީންނާއި އެމީސް މީހުންގެ އާއިލާތައް އަނބުރާ މުޖްތަމަޢުތެރެއަށް ގެނައުމުގައި އެމީސްމީހުން ރީހެބިލިޓޭޓް ކުރުމަކީ ސަރުކާރުން ހިންގާންޖެހިފައިވާ މުހިއްމު އަދި އެހާމެ ބޮޑު މަސައްކަތެއް ކަމަށާއި ސަރުކާރުން ކުރާ އެމަސައްކަތަށް ގަސްދުގައި ހުރަސްއަޅައި އެމަސައްކަތް ހިންގިޔަ ނުދީ، އެމަސައްކަތް ފެއިލް ކޮށްލުމަށްޓަކައި އެއްވެސް އަސްލެއް ނެތް ވާހަކަތަކާއި ބުހުތާނު ދޮގުވާހަކަތައް ފަތުރައި މުޖްތަމައު ފިތުނަ ކުރުމަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަން އެ ޕާޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެފަރާތްތަކުން އެކަންކަން ކުރަމުން އެގެންދަނީ ހީލަތްތެރި ވިސްނުމެއްގައި ރޭވުންތެރިކަމާއެކު ސަރުކާރުގެ އެ މަސައްކަތް ފެއިލްކޮށްލުމަށް ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށާއި ދީނީ ހަރުކަށި ވިސްނުމާއި ހަނގުރާމަވެރި ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ހުއްޓުވާލުމަށްވެސް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން މާލެ އާއި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނާ ދެމެދު ރުޅިވެރިކަމާއި، ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކަމުންދާތީ އެއީ ވެސް އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމްޑީޕީން ބުނީ ގާނޫނުއަސާސީން ވަރަށް ގިނަ އަސާސީ ހައްގުތަކެއް ކަށަވަރުކޮށްދީފައިވާ ކަމަށާއި އަދި އެ ހައްގުތަކަކީ އެ ޕާޓީގެ ނުހަނު ބުރަ މަސައްކަތުން ގާނޫނު އަސާސީގައި ހިމެނިފައިވާ ހައްގިތަކެއް ކަމަށެވެ. އަދި، އެ ޕާޓީއަކީ އެހައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް ކެނޑިނޭޅި ވަކާލާތު ކުރާ ޕާޓީއެއް ކަމަށްވެސް ބަޔާނުގައިވަނީ ބުނެފަ އެވެ.