ފާނަބަސަންދާއި ރޯގާ ހަލުވި ކަމާއެކު ފެތުރެމުންދާތީ އަމިއްލަ ރައްކަލަށްކައްޓަކައި ބަލި މީހުންގާތަށް ޒިޔާރަތްކުރުން މަދު ކުރުމަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިލްތިމާސްކޮށްފި އެވެ.
އައިޖީއެމްއެޗުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ދުވަސްވަރަކީ ހަލުވި ކަމާއެކު ރޯގާއާއި ފާނަބަސަންދު ފެތުރެމުންދާ ދުވަސް ވަރެއް ކަމަށާއި ހޮސްޕިޓަލުގައި ތިބި ބަލިމީހުން ގާތަށް ޒިޔާރަތްކުރުމުގައި އަމިއްލަ ރައްކާތެރި ކަމަށް ސަމާލުކަން ދިނުމަށެވެ.
އެގޮތުން ކުޑަ ކުދިންނާއި، ދިފާއީ ނިޒާމު ބަލި ކަށި މީހުންނާއި، އުމރުން ދުވަސްވީ މީހުންނާއި، ހުމާއި ރޯގާޖެހި ކެއްސާ ކިނބިހި އަޅާ ފަރާތްތަކުން އެ ހޮސްޕިޓަލުގައި ތިބި ބަލި މީހުންގެ ގާތަށް ޒިޔާރަތްނުކުރުމަށް ވަނީ އެދިފަ އެވެ. އަދި ފާނަ ބަސަންދު އުޅޭ ގެއެއްގެ މީހުންނަކީ (އެއީ މީގެ ކުރިން ފާނަބަސަންދު ޖެހިފައިނުވާ މީހުން އަދި އެ ބަލީގެ ވެކްސިންގެ ދެ ޑޯޒް ނުޖަހާ ތިބި މީހުން) ބަލީގެ އަލާމާތެއް ފެންނަން ނެތަސް ބައްޔަށް ހުށަހެޅިފައިވާ މީހުން ކަމަށާއި އެހެން ކަމުން މިފަދަ މީހުންގެ ފަރާތުން ބަލި ފެތުރުދާނެތީ ހޮސްޕިޓަލުގައި ތިބި ބަލި މީހުންނަށް ޒިޔާރަތް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން ބަލިތަކުން ސަލާމަތްވުމަށާއި ރައްކާތެރިވުމަށް ފިޔަވަޅުއެޅުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގައި ފާނަބަސަންދާއި ރޯގާ ހަލުވި ކަމާއެކު ފެތުރެމުންދާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ، ޗައިނާގެ ވޫހާން ސިޓީއިން އުފެދުނު ކޮރޯނާ ވައިރަސްގެ ބިރުވެރިކަން ފެތުރިފަ އެވެ. މި ބަލީގައި މިހާރު 2700 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.