ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭނގޭ (ޑީޑީއެލްޖޭ)ގެ ސީކުއަލް އެއްގެ މަސައްކަތް ޝާހްރުކް ޚާން ފަށަން ފެންނަ ކަމަށް އޭނާގެ އަނބިމީހާ ގޯރީ ޚާން ބުނެފި އެވެ. ގޯރީ މިހެން ބުނެފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން އިންޑިޔާއަށް ކުރެއްވި ޒިޔާރަތުގައި މި ފިލްމުގެ ވާހަކަ ދައްކަވާފައި ވަނިކޮށެވެ.
އަހުމަދުއާބާދުގެ މޮޓޭރާ ސްޓޭޑިއަމްގައި ވާހަކަފުޅު ދައްކަމުން ޓްރަމްޕް ވިދާޅުވީ ޑީޑީއެލްޖޭއަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީން ދުނިޔެއަށް ދެއްކި ކްލެސިކް ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެއް ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވުމުން ޝާހްރުކްގެ ފޭނުންތައް ވަރަށް އުފަލުން އުޅެފައި ވެއެވެ.
ޑީޑީއެލްޖޭގެ އާ ފިލްމެއްގެ މަސައްކަތް ޝާޙްރުކް ފަށަން ފެންނަ ކަމަށް ގޯރީ ބުނީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ލީޑަރު ޑީޑީއެލްޖޭގެ ވާހަކަފުޅު ދެއްކެވުމުން ކުރެވުނު އިހްސާސްތަކަކީ ކޮބައިތޯ ނޫސްވެރިއަކު ގޯރީ ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
"ފަހަރެއްގައި ޝާހްރުކް އެ ފިލްމެއްގެ ދެ ވަނަ ބައެއްގެ މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެއް. އެއީ ކަންނޭނގެ އޭނާގެ ދެން އޮތް ޕްލޭނަކީ. އަހަންނަށް ހީވޭ އޭނާ އެކަން ކޮށްފާނެހެން. ޑީޑީއެލްޖޭގެ ޕްރޮޑީއުސަރު-ޑައިރެކްޓަރު އަދިތުޔާ ޗޯޕްޅާ ކައިރީގައި އަހަރެން ހަމަ ގައިމުވެސް ބުނާނަން އޭގެ ދެ ވަނަ ބައެއް އުފައްދަން. އިންޑިޔާއަށް ޒިޔާރަތްކުރާ ކޮންމެ ރައީސަކާއި ކޮންމެ ބޮޑުވަޒީރެއް އެ ފިލްމުގެ ވާހަކަ އޭރުން ދައްކާނެ،" ގޯރީ ބުންޏެވެ.
ގޯރީ އަކީ ވަރަށް ކާމިޔާބު އިންޓީރިއާ ޑިޒައިނަރެކެވެ. ޝާހްރުކްގެ ސިއްރެއް ހާމަކުރަމުން އޭނާގެ އަންހެނުން ބުނީ ފިލްމީ ތަރިއަކަށް ނުވިނަމަ ޝާހްރުކް އަށް އާކިޓެކްޓަކަށް ވެވުނީސް ކަމަށް ހީވާ ކަމަށެވެ.
އޭނާގެ އާކިޓެކްޓް ހުނަރުން ގޯރީ އަށް އަސަރެއް ނުކުރިޔަސް އެއީ ޝާހްރުކް ވަރަށް ކުރާހިތްވާ މަސައްކަތެއް ކަމަށް ވެސް ގޯރީ ބުންޏެވެ.