ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލް އިންތިހާބަށް 2،400 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފި

Mar 1, 2020

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން 2،400 އަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާފައި ވަނީ 2،435 މީހުން ކަމަށެވެ. އެ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލީ އެމްޑީޕީ އާއި ޕީޕީއެމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުން

  • އެމްޑީޕީ: 876
  • ޕީޕީއެމް: 679
  • ޖުމްހޫރީ ޕާޓީ: 127
  • އަދާލަތު: 30
  • އެމްޑީއޭ: 22
  • އެމްއާރުއެމް: 16
  • ލޭބާ ޕާޓީ: 4
  • ޑީއާރުޕީ: 1
  • އަމިއްލަ: 680

މީގެ އިތުރުން އިންތިހާބުގައި 12 ރަށެއްގެ 15 ގޮނޑިއަކަށް މީހުން ކުރިމަތިލާފައި ވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށް ކަމަށް ޝަރީފު ވިދާޅުވި އެވެ. އެހެންކަމުން އިންތިހާބަކަށް ނުގޮސް އެ ގޮނޑިތަކަށް އިންތިހާބުވި މެންބަރުން ކަނޑައެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރެއިން 13 ގޮނޑިއެއް ކަށަވަރު ކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އަނެއް ދެ ގޮނޑި ކަށަވަރު ކުރީ އަމިއްލަ ގޮތުން ކުރިމަތިލި ދެ ކެންޑިޑޭޓެކެވެ. އޭގެ ތެރޭގައި މާލެ ސިޓީ އާއި އައްޑޫ ސިޓީގެ ގޮނޑިތަކެއް ވެސް އުޅޭ ކަމަށް ޝަރީފު ވިދާޅުވި އެވެ. އެކަމަކު އެއީ ކޮން ގޮނޑިތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ފަހުން އެ ގޮނޑިތަކުގެ ތަފުސީލު ދެއްވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގައި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބު ވެސް ބާއްވާނެ އެވެ. އެ އިންތިހާބަށް 1،817 މީހުން ކުރިމަތިލާފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ. އޭގެ ތެރެއިން 22 ރަށަކަށް ކުރިމަތިލާފައި ވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށް ކަމުން އިންތިހާބަކާ ނުލައި އެ މީހުން ވަނީ އިންތިހާބުވެފަ އެވެ.

މީގެ އިތުރަށް ތިން ރަށެއްގެ އަންހެނުންގެ ކޮމިޓީ އަށް އިންތިހާބު ކުރަންޖެހޭ އަދަދަށް ވުރެ މަދުން މީހުން ކުރިމަތިލާފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި އެހެން ދެ ރަށެއްގައި އެއްވެސް މީހަކު އެ ކޮމިޓީ އަށް ކުރިމަތިލާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ރަށްތަކުގެ ކޮމިޓީތަކަށް ކުރިމަތިލާން އަލުން ހުޅުވާލާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.