މޫސުމީ ބަދަލާއެކު ރާއްޖެއަށް ރަށް ގިރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު މިހާރު އެންމެ ހިތި ތަޖުރިބާއެއް ކުރަމުންދާ އެއް ރަށަކީ އދ. ކުނބުރުދޫ އެވެ. ކުޑަ އާބާދީއެއް އޮތް، ކުޑަކުޑަ އެ ރަށުގެ ބޮޑު ބައެއް މިހާރު ވެސް ވަނީ ގިރާލާފަ އެވެ.
ކުނބުރުދޫ ގިރަމުންދާ މިންވަރު ފެނި އެކަމާ ކަންބޮޑުވެ ރަށުގެ ޒުވާނުން ދަނީ އެ ވާހަކަތައް ހިއްސާ ކުރަމުންނެވެ. އެމީހުން ބޭނުން ވަނީ އެކަމަށް ސަމާލުކަން ލިބި، އެ ރަށް ގިރުން ހުއްޓުވޭނެ ގޮތެއް ވެގެން ދިއުމަށެވެ.
އަވަސްއާ ވާހަކަ ދެއްކި ކުނބުރުދޫގެ ޒުވާނަކު ބުނި ގޮތުގައި މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކުރިން ރަށް ނުގިރާ ވަރަށް އެ ރަށް ގިރާލާފައިވާ ކަމަށެވެ. ރަށުގެ ހުރިހާ ސަރަހައްދަކުން ގިރަމުންދާކަން ވެސް އޭނާ ފާހަގަކުރި އެވެ.
"މިސްކިތާ ދިމާލުން ވަނީ ވަރަށް ބޮޑަށް ގިރާލާފަ، ބަށި ކޯޓާ ދިމާލުން ވެސް ގިރައިފި، ގަސްތައް ވެއްޓިފައިވޭ، އޮޑި އެހެލާ ސަރަހައްދު ވެސް ގިރާލައި އެ ސަރަހައްދުގެ ބީޗް އެއްކޮށް ވަނީ ގެއްލިފައި،" ކަންބޮޑުވުމާއެކު އެ ޒުވާނާ ބުންޏެވެ.
ކުނބުރުދޫއާ ގުޅިފައި ބޮޑު ތުނޑިއެއް ވެސް އޮވެ އެވެ. އެއީ އެ ރަށަށް ޝަރަފެކެވެ. ނަމަވެސް އެ ތުނޑި އާއި ރަށާ ވަކިނުވެ މިހާރު އޮތީ ކިރިޔާ ކަމަށް ވެސް އެ ޒުވާނާ ބުންޏެވެ. އެ ތަނުން ވެސް ދަނީ ގިރަމުންނެވެ.
ރަށުގެ އެކި ސަރަހައްދުތަކުން ގިރަމުން ގޮސް މިސްކިތާ ހަމައަށް ގިރާލާފައިވީ ނަމަވެސް އަދި އެއްވެސް ގެއަކަށް އޭގެ އަސަރެއް ނުފޯރަ އެވެ. ނަމަވެސް އެ މިންވަރަށް ގިރަމުންދާނަމަ، މީހުން ދިރިއުޅޭ ސަރަހައްދަށް އަސަރު ކުރުމުގެ ބިރު އެބަ އޮތެވެ.
ކުނބުރުދޫ ވަރަށް ބޮޑަށް ގިރަމުންދާއިރު، މިހާތަނަށް އެކަމަށް ހައްލެއް ހޯދައިދީފައެއް ނެތެވެ. ބައެއް ސަރަަހައްދުތަކުގެ ގިރުން މަދުކުރުމަށް ވެލި ބަސްތާތައް ވެސް ޖެހީ ރައްޔިތުން އަމިއްލައަށެވެ. އެ ރަށުގެ ރައްޔިތުން ތިބީ ރަށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއްގެ އިންތިޒާރުގައި ކަމަށް ރަށުގެ ޒުވާނަކު ބުންޏެވެ.