ހޮލީވުޑް

ލެޖެންޑް: ޓޮމް ހާޑީ އަކީ މިފަހަރު ގޭންގްސްޓާރެއް

Sep 6, 2015

އިނގިރޭސި އެކްޓަރު ޓޮމް ހާޑީގެ ފޭނުންގެ މިފަހުން ވަނީ އިތުރުވެފަ އެވެ. "މޭޑް މެކްސް: ފިއުރީ ރޯޑް" އޭ ކިޔުނު ނިކަން އާދަޔާހިލާފު ވަރުގަދަ ފިލްމެއްގެ ކާމިޔާބީއަކާ ގުޅިގެންނެވެ.

އެއަށް ފަހު ދެން މި އޮތީ ހާޑީގެ އާ ފިލްމު "ލެޖެންޑް" އެވެ. މިއީ ކްރައިމް ތްރިލާ އެކެވެ.

މި ފިލްމަކީ އެއް އިރެއްގައި ލަންޑަނުގައި އަތްގަދަކޮށްލައިގެން އުޅުނު ނިބޫ ދެ ބެއިން ކަމުގައިވާ ރެޖީ ކްރޭއިސް އަދި ރޮނަލްޑް ކްރޭއިސްގެ ހަޔާތުގެ ފެށުމާއި ވެއްޓުމާއި ނިމުން ދައްކުވައިދޭ ފިލްމެކެވެ. "ސްކާފޭސް" އާއި ޑައިރެކްޓަރު މާޓިން ސްކޯސޭސީގެ ކްރައިމް ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް މި ފިލްމު ކަމުގޮސްދާނެ އެވެ.

ނަމަވެސް އެމެރިކާގެ ގޭންގްސްޓާ ފިލްމުތަކާއި ޔޫކޭގެ މިފަދަ ފިލްމުތަކުގެ ފެންވަރު ތަފާތުކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

"ލެޖެންޑް" އުފައްދާފައި ވަނީ ކްރޭއިސް ދެ ބެއިންގެ ހަޔާތުގެ މައްޗަށް ޖޯން ޕިއާސަން ލިޔެފައިވާ ފޮތް "ދަ ޕްރޮފެޝަން އޮފް ވައިލެންސް" ގެ އަސްލަށެވެ. ޕިއާސަން އަކީ ޖޭމްސް ބޮންޑް ކެރެކްޓާ އުފެއްދި ލިޔުންތެރިޔާ އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ބްރަޔަން ހެލްގެލާންޑް އެވެ. އޭނާ އަކީ ޑައިރެކްޓަރަކަށް ވުރެ ބޮޑަށް ސްކްރީންރައިޓަރެއްގެ ގޮތުގައި ކާމިޔާބު އަދި މަޝްހޫރު ފަރާތެކެވެ. އެގޮތުން ފިލްމު "އެލް އޭ ކޮންފިޑެންޝަލް" ގެ ސްކްރިޕްޓަށް 1997 ވަނަ އަހަރު ހާސިލުކުރި އޮސްކާ ފާހަގަކޮށްލެވެ އެވެ.

އަދި 2003 ވަނަ އަހަރުގެ މަޝްހޫރު ފިލްމު "މިސްޓިކް ރިވާ" އަކީ އޭނާގެ މަޝްހޫރު ސްކްރިޕްޓެކެވެ.