އެމްޑީޕީ

ޖަލްސާގައި މީހުން މަދުވިޔަސް އިންތިހާބު ނެގޭނެ: އެމްޑީޕީ

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭން ލޯންޗު ކުރަން މާލޭގައި ބޭއްވި ޖަލްސާއަށް ލިބުނު ތަރުހީބު ކުޑަ ކަމަށް ވިޔަސް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ ގޮނޑިތައް އެމްޑީޕީއަށް ކާމިޔާބުވާނެކަން ޔަގީން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމުން ކެމްޕޭން ލޯންޗު ކުރި ގޮތުން ވެސް ލާމަރުކަޒީ ނިޒާމަކަށް ތާއީދު ކުރަނީ އެމްޑީޕީން ކަން ސާފުވެގެން ގޮސްފައިވާ ކަމަށެވެ.

އަފްޝަން ވިދާޅުވީ، ޕީޕީއެމުން ކެމްޕޭން ލޯންޗު ކުރީ ހުރިހާ ރަށަކުން މީހުން މާލެއަށް ޖަމާކޮށް މާލޭގައި އެކަނި ކަމަށެވެ. ނަމަވެސް އެމްޑީޕީން ކެމްޕޭން ލޯންޗު ކުރުމުގެ ޖަލްސާ ކުރިޔަށް ގެންދިޔައީ 161 ރަށެއްގައި ކަމަށާއި އެ ރަށްރަށަށް މާލޭން ޕާޓީގެ އިސް ބޭފުޅުން ވަޑައިގެންނެވި ކަމަށެވެ.

"އެ ޖަލްސާ [ޕީޕީއެމްގެ ކެމްޕޭން ލޯންޗިން ޖަލްސާ] އަކީ ވަރަށް މަރުކަޒީ ކޮށް ބޭއްވިގެން ދިޔަ ޖަލްސާއެއް. އެ ބޭފުޅުން ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުން އެ ޖަލްސާއަށް މީހުން ގެނައި އިރު އަވަށްޓެރި ގައުމުތަކުން ވެސް އެ ޖަލްސާއަށް ވަނީ މީހުން ގެނެސްފައި، [އެއާހިލާފަށް] އަޅުގަނޑުމެންގެ ލޯންޗިން ފެނިގެން ދިޔައީ ލާމަރުކަޒީކޮށް." އަފްޝަން ވިދާޅުވި އެވެ.

އެމްޑީޕީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭން ލޯންޗު ކުރުމުގެ ޖަލްސާ އެއް ވަގުތެއްގައި ބޭއްވިއިރު، މާލޭގައި ބޭއްވި ޖަލްސާއަަށް ލިބުނު ތަރުހީބު ވަރަށް ކުޑަ އެވެ. އެ ޖަލްސާއަށް މަދު ބަޔަކު ދިޔައިރު ޖަލްސާގައި ހުސް ގޮނޑިތައް ވަރަށް ގިނަ އެވެ. މީގެ ކުރިން މާލޭގައި އެމްޑީޕީން ބާއްވާ ޖަލްސާތަކަށް ގިނަ އަދަދެއްގެ މީހުން ޖަމާވަ އެވެ.

އިންތިހާބުތަކުގެ ނަތީޖާއަށް ބަލާއިރު ވެސް މާލޭގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރަނީ އެމްޑީޕީންނެވެ. މާލޭގައި ބޭއްވި ޖަލްސާއަކީ މާލެއަށް ހާއްސަކޮށް ބޭއްވި ޖަލްސާއަށްވާއިރު އެ ޖަލްސާއަށް ތަރުހީބު ކުޑަވުމުން މާލެއިން އެމްޑީޕީއަށް އޮތް ތާއީދު ގެއްލެމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

އަފްޝަން ވިދާޅުވީ، މާލޭގެ މީހުންގެ ތެރެއިން 15،000 އެއްހާ މީހުން އެމްޑީޕީގެ މެންބާޝިޕްގައިވާ ކަމަށާއި އޭގެ އިތުރަށް ވެސް އެތައް ހާސް މާލެ މީހުން އެމްޑީޕީއަށް ތާއީދުކޮށް ވޯޓުދީފައިވާ ކަމަށެވެ. އެހެންވީއިރު މާލޭގައި ބޭއްވި ޖަލްސާއަށް ލިބުނު ތަރުހީބު ކުޑަ ކަމަށާއި އަދަދު މަދު ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އޭގެ ސަބަބު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ސާފު ކޮށްދެއްވާފައިވާ ކަމަށް އަފްޝަން ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، ޖަލްސާއަށް މީހުން މަދުވީ އެމްޑީޕީގެ ސަރުކާރަށް ވެސް އަދި މާލެ މީހުންގެ އުއްމީދުތައް ފުރިހަމަކޮށް ނުދެވޭތީ އެވެ.

އަފްޝަން ވިދާޅުވީ، މާލޭގެ ރައްޔިތުންގެ އެތައް ކަންބޮޑުވުންތަކެއް ހުރިއިރު މާލޭގައި ތިބި އެތައް ހާސް އެމްޑީޕީގެ އާންމު މެންބަރުންގެ ކަންބޮޑުވުންތަކެއް ވެސް އެބަ އޮތް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެ ކަންކަމަށް ހައްލެއް ގެނެވޭނެ ބަޔަކީ ވެސް އެމްޑީޕީ ކަމަށް އަފްޝަން ވިދާޅުވި އެވެ.

އެހެން ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީން މާލެ ސިޓީ ކައުންސިލްގެ ބާރު ނަގައި ކައުންސިލަށް ކުރިމަތި ކުރި ފިއްތުންތައް ވެސް މާލެ ރައްޔިތުންނަށް ސާފުވާނެ ކަމަށް އަފްޝަން ވިދާޅުވި އެވެ. އެ ގޮތަށް ބާރުތައް ނެގުމަށް ފަހުގައި ވެސް ހައުސިން މިނިސްޓްރީއަށް ކުރެވުނު ކަމެއް ނެތް ކަމަށް ވިދާޅވި އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވަނީ އޭރު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އެ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރެވެ.

އެހެން ކަމުން، މާލޭގެ މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީން ކަން މާ ބޮޑަށް ވެސް އެބަ އޮތް ކަމަށް އަފްޝަން ވިދާޅުވި އެވެ. މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ގޮންޖަހާލެވޭނެ ވަރުގެ ކެންޑިޑޭޓެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ޖަލްސާގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ އެތައް މައްސަލައެެއްގެ ވާހަކަ ދެއްކި ކަން ފާހަގަ ކުރައްވައި އަފްޝަން ވިދާޅުވީ އެ މައްސަލަތަކަކީ މީގެ ކުރިން ވެސް އޮތް މައްސަލަތަކެއް ކަމަށާއި ފަސް އަހަރުގެ ސަރުކާރުގައި އެ މައްސަލަތައް ހައްލު ކުރަން ކުރެވުނު ކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި ރައްޔިތުންނަށް ކަންކަން ކޮށްދޭ ކަން ދެއްކުމުގެ ގޮތުން ބޮޑެތި ރަސްމިއްޔާތުތައް ބާއްވައި ދައުލަތުގެ ބަޖެޓުން އެތައް ފައިސާއެއް ބޭކާރު ގޮތުގައި ހޭދަކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން އެ ކަން ނުކުރިޔަސް ރަށްރަށުގައި އެތައް މަޝްރޫއެއް ކުރިއަށް ހިނގަމުންދާ ކަމަށެވެ.

މީގެ އިތުރަށް އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ގަބޫލު ކުރާ ހަމައެކަނި ސިޔާސީ ޕާޓީއަކީ އެމްޑީޕީ ކަމަށާއި އެ ނިޒާމު ފުރިހަމަ ކުރުމަށް މަސައްކަތް ކުރަނީ ވެސް އެމްޑީޕީން ކަމަށެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދަން ތައްޔާރަށް ތިބީ ވެސް އެމްޑީޕީން ކަމަށާއި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.