މާލެ ސިޓީ މޭޔަރު ކަމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ކުރައްވައިފި އެވެ.
މުއިއްޒު ހުވާ ކުރައްވާފައި ވަނީ މިއަދު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގަ އެވެ. މާލެ ސިޓީގެ އާ މޭޔަރަށާއި އަލަށް އިންތިހާބުވެ ވަޑައިގެންނެވި ކައުންސިލަރުންނަށް ހުވާ ލައިދެއްވާފައި ވަނީ ހައިކޯޓުގެ ފަނޑިޔާރު ހާތިފް ހިލްމީ އެވެ.
ހުވާ ކުރެއްވުމަށް ފަހު އާ ކައުންސިލަރުންނާ އެކު ފުރަތަމަ ރަސްމީ އާންމު ޖަލްސާ މިހާރު ކުރިއަށް އެބަ ދެއެވެ.
މާލެ ސިޓީ ކައުންސިލުން ޕީޕީއެމްގެ 11 ގޮނޑިއެއް ވަނީ ކާމިޔާބުކޮށްފަ އެވެ. އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ ފަސް ގޮނޑިއެވެ. އަދި ޖުމްހުރީ ޕާޓީން ގޮނޑިއެއް ކާމިޔާބު ކޮށްފައި ވެއެވެ.
މުއިއްޒު މި އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަނަސް އަބްދުއްސައްތާރާ ވާދަކޮށެވެ.
މީގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީ މޭޔަރު ކަމަށް އިންތިހާބުވި މޭޔަރުން މިއަދު ވަނީ ހުވާ ކުރައްވާފަ އެވެ.
ކުޅުދުއްފުށި ސިޓީ މޭޔަރު ކަމަށް ހޮވިވަޑައިގެންފައި ވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި މުހައްމަދު އާތިފް އެވެ. ފުވައްމުލަކު ސިޓީ މޭޔަރު ކަމަށް ހޮވިވަޑައިގެންފައި ވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިސްމާއިލް ރަފީގު (އިއްސެ) އެވެ. އަދި އައްޑޫ ސިޓީ މޭޔަރު ކަމަށް ހޮވިވަޑައިގެންފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޒާރު އެވެ.
ސިޓީތަކުގެ އިތުރުން އަލަށް އިންތިހާބުވި ހުރިހާ ކައިންސިލަރުން މިއަދު ވަނީ ހުވާކޮށްފަ އެވެ.