މާލެ ސިޓީ ކައުންސިލްގައި ހިމެނޭ އެމްޑީޕީގެ ކައުންސިލަރުން ސިޓީ ކައުންސިލްގެ އެއްވެސް ހުއްދައެއް އަދި އެއްވެސް ލަފައެއް ނެތި ބައެއް ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާ ބައްދަލުކުރައްވާތީ މާލޭގެ މޭޔަރު ޑރ. މުއިއްޒު ކަންބޮޑުވެވަޑައިގެންފި އެވެ.
އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލްގައި ހިމެނޭ އެމްޑީޕީގެ ކައުންސިލަރުން، ބައެއް ވަޒީރުންނާއި އަދި ބައެއް ކުންފުނިތަކުގެ ވެރިންނާ ބައްދަލުކުރައްވާއިރު އެކަން ކުރައްވަނީ އެމަނިކުފާނަށް އެއްވެސް ވަރަކަށް އެނގިވަޑައިނުގެން ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެމްޑީޕީގެ ކައުންސިލަރުން ސަރުކާރުގެ ވަޒީރުންނާ ބައްދަލުކުރައްވަމުން ގެންދަވާ ކަން އެނގިވަޑައިގެންނެވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާ އެކު އެ ބޭފުޅުން ބޭއްވި ބައްދަލުވުމަކަށް ފަހު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އެ މައުލޫމާތު ލިބިވަޑައިގަތުމާ އެކު އެއީ ކޮން ކަހަލަ ބައްދަލުވުންތަކެއްތޯ އާއި އެ ބައްދަލުވުންތަކުގައި ސިޓީ ކައުންސިލާ ގުޅޭ އެއްވެސް ކަމެއްގައި މަޝްވަރާ ކުރެވުނުތޯ އެމްޑީޕީ ކައުންސިލަރުންނާ ސުވާލުކުރެވުނު ކަމުގައިވެސް ވިދާޅުވި އެވެ.
"[ސުވާލުކުރީމާ] ވިދާޅުވީ މިއީ އެހެން ދިޔަ މީޓިންއެއް ނޫނޭ. މިއީ އެމްޑީޕީގެ ސައިޑުން އެމްޑީޕީން، ޕާޓީން އެރޭންޖު ކޮށްދިން މީޓިން އެކޭ ޕާޓީގެ ކައުންސިލަރުންނަށް ޕާޓީގެ މިނިސްޓަރެކޭ ހުރީ. އެހެންވީމާ މިނިސްޓަރާއި ޕާޓީގެ ކައުންސިލަރުންނަށް ޕާޓީ ތެރެއިން އެރޭންޖުވި މީޓިން އެކޭ،" އެމްޑީޕީގެ ކައުންސިލަރުން ދެއްވި ޖަވާބު ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ފިނޭންސް މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ޓްވީޓާގައި އޮތް ނަމަވެސް އެފަދަ ވާހަކައެއް ދެކެވުނު ކަމަށް ކައުންސިލަރުން ވިދާޅުވެފައި ނުވާ ކަމަަށެވެ. އެމްޑީޕީގެ ކައުންސިލަރުން ބާއްވަމުން ގެންދަވާ ބައްދަލުވުންތަކުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ދެންނެވުމުން އެ ބޭފުޅުން އެ މައުލޫމާތު މޭޔަރާ ހިއްސާކުރައްވާފައެއް ވެސް ނުވެ އެވެ.
މުއިއްޒު ވިދާޅުވީ އެމްޑީޕީގެ ކައުންސިލަރުން ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނާ އެކު ބައްދަލުވުންތަކެއް ބާއްވާއިރު މޭޔަރުގެ ހައިސިއްޔަތުން އެމަނިކުފާނާ މަޝްވަރާކުރައްވައިފިނަމަ ސިޓީ ކައުންސިލްގެ ފަރާތުން ބައްދަލުވުމަށް ގެންދެވިދާނެ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ހިއްސާކުރެއްވިދާނެ ލަފައާއި އިރުޝާދުތަކެއް ހުންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ އެމަނިކުފާނަށް އެނގިވަޑައިނުގެން އެމްޑީޕީގެ ކައުންސިލަރުން ބައްދަލުވުންތަކެއް ބާއްވަންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. މާލެ ސިޓީ ކައުންސިލްގެ އެއްވެސް ކައުންސިލަރެއް ތަފާތުކޮށްގެން އެއްވެސް ކަމެއް މޭޔަރެއްގެ ހައިސިއްޔަތުން މިހާތަނަށް ކުރައްވާފައި ނުވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.
މާލެ ސިޓީ ކައުންސިލްގައި ހިމެނޭ 19 ކައުންސިލަރުންގެ ތެރެއިން 13 ކައުންސިލަރުންނަކީ ޕީޕީއެމް ބޭފުޅުންނެވެ. އަނެއް ހަ ކައުންސިލަރުންނަކީ އެމްޑީޕީ ބޭފުޅުންނެވެ. މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ހަ ކޮމިޓީ އަކަށް ބަހާލައިގެންނެވެ. ހަ ކޮމިޓީގެ ތެރެއިން ދެ ކޮމިޓީއެއްގެ ޗެއާ ކަމާއި ވައިސް ޗެއާ ކަން ދީފައިވަނީ ވެސް އެމްޑީޕީގެ ކައުންސިލަރުންނަށެވެ. އަދި އެ ދެ މަގާމަށް ހަމަޖައްސާފައިވަނީ ވެސް އެމްޑީޕީގެ ކައުންސިލަރުން އެދިވަޑައިގެންނެވި ބޭފުޅުން ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.
"ހުރިހާ ކަމެއް މި ގެންދަނީ އެ ބޭފުޅުންނާ އެކީގައި އެއް ޓީމެއްގެ ގޮތުގައި ތަފާތުކުރުމެއް ނެތި ވަރަށް އެކީގައި. އެހެންވީމާ އަޅުގަނޑު އެގޮތަށް ވަކި ގޮތަކަށް ޕާޓީ ލައިނެއް މީގެތެރެއަކަށް ނުގެންނަމޭ. އެއްކޮށް މި ކުރިއަށް ގެންދަނީ. އެހެންނަމަވެސް ހިތާމަ އަކީ އެބޭފުޅުންގެ ފަރާތުން ކޮންމެވެސް ވަރަކަށް މި ފެންނަނީ އެ ޕާޓީ ލައިން އަންނަ ތަން،" އެމްޑީޕީގެ ކައުންސިލަރުންގެ އަމަލުތަކާ މެދު ކަންބޮޑުވެވަޑައިގެން މުއިއްޒު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ކައުންސިލަށް އިންތިހާބު ވުމަށްފަހު ކޮންމެ ކައުންސިލަރަކު ވެސް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. މަސައްކަތުގެ މާހައުލުގައި ޕާޓީގެ ވިސްނުން ދޫކޮށް، ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ހިދުމަތް ކުރެއްވުމަށް ކައުންސިލަރުންނަށް މިހާރު އިލްތިމާސް ކުރައްވާފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ [އެމްޑީޕީގެ ކައުންސިލަރުން ވެސް] އެކީގައި މަސައްކަތް ކުރައްވާނެ ކަމަށް. އަޅުގަނޑުގެ ފަރާތުން އަދި ޕީޕީއެމްގެ ފަރާތުން ތިބި ހުރިހާ ކައުންސިލަރުން ވެސް އެންމެން އެކީގައި މިމަސައްކަތް ކުރަނީ އެމްޑީޕީ ކައުންސިލަރުންނާ އެކީގައި. އުއްމީދުކުރަން މިބަދަލު ގެނެސްދޭނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.
މޭޔަރު އިތުރަށް ވިދާޅުވީ އެމަނިކުފާނު މިވަގުތަށް ބައްދަލުކުރެއްވުމަށް އެދިވަޑައިގެންފައިވާ ހުރިހާ ވަޒީރުންނާއި ކުންފުނި ތަކުގެ އިސްވެރިންނާއި އަދި ރައީސުލްޖުމްހޫރިއްޔާއާ ވެސް ބައްދަލުވުންތައް ބޭއްވިފައިވާ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ކައުންސިލަރުން ވަކިވަކިން ބާއްވާ ބައްދަލުވުންތަކުގެ ބޭނުމެއް އެނގިވަޑައިނުގަންނަވާ ކަމުގައި ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.