ވިޔަފާރި

މިނިމަމް ވޭޖު ކަނޑައެޅުން މަޖިލީހުގެ ލަފައަށް!

Mar 1, 2020
4

މިދިޔަ މަހުގެ ނިޔަލަށް މިނިމަން ވޭޖް ކަނޑައަޅާނެ ކަމަށް ބުނިނަމަވެސް، އެކަން ނުވީ މަޖިލީހުގެ ލަފަޔެއް ނުލިބިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ކުރިން ބުނެފައި އޮތީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަން ވޭޖް ކަނޑައަޅާނެ ކަމަށެވެ. ނަމަވެސް އެ ތާރީހު ފާއިތު ވެގެން ދިޔައިރު ވެސް އެކަން ނުވުމުން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ފާޑު ކިޔުންތަކާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މިނިމަން ވޭޖް ކަނޑައަޅަން ބުނި ތާރީހަށް އެކަން ނުވުމުން އެކަމަަށްޓަކައި މައާފަށް އެދޭ ކަމަށެވެ.

ސަރުކާރުން ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު މިނިމަން ވޭޖް ކަނޑައަޅަން ލަފައެއް ހޯދުމަށް ރައްޔިތުން މަޖިލީހަށް ފޮނުވާފަ އެވެ. ސަރުކާރުން ފޮނުވި ރިޕޯޓުގައި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުން ދިރާސާކޮށް އިކޮނޮމިކް މިނިސްޓްރީއަށް މިނިމަމް ވޭޖާ ގުޅޭ ގޮތުހން ހުށަހަޅާފައިވާ ރިޕޯޓާއި، ސްޓޭކް ހޯލްޑަރުންނާ އެކު މިނިސްޓްރީން ބޭއްވި ބައްދަލުވުންތަކުގެ ރިޕޯޓެއް ހިމެނެ އެވެ.

ސަރުކާރުން މިނިމަމް ވޭޖް ކަނޑައެޅުމުގެ ގޮތުން ބިލެއް ވެސް މަޖިލީހަށް ފޮނުވާފައިވެ އެވެ. މި ބިލްގައިވާ ގޮތުން ރާއްޖޭގައިވާ ހަތް ސިނާއަތެއްގައި މަސައްކަތް ކުރާ މީހުނަށް މިނިމަމް ވޭޖުގެ އަދަދެއް ކަނޑައަޅަން ޖެހެ އެވެ. އަދި އެ އަދަދުތައް ކަނޑައެޅުމުގެ ބާރު ބިލުން ދީފައި ވަނީ އިކޮނޮމިކް މިނިސްޓަރަށެވެ. މިނިމަމް ވޭޖަށް ދޭނެ ވަކި އަދަދުތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ބިލަކު ނެތެވެ.

ކޮންމެ ދެ އަހަރަކުން އެއް ފަހަރު މިނިމަމް ވޭޖްގެ އަދަދު މިނިސްޓްރީގައި އެކުލަވާފައިވާ ބޯޑުން މުތާލިއާކޮށް މިނިސްޓަރަށް ލަފާ ދޭން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އިގްތިސާދަށް އަންނަ ކުއްލި ބަދަލަކާ ގުޅިގެން އޭގެ ކުރިން ވެސް އެ އަދަދުތައް މުތާލިއާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.

މިނިމަމް ވޭޖަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅު ފުއްދުމަށްޓަކައި އެ އިކޮނޮމިކް މިނިސްޓްރީގައި އެ ކަމަށް ދިރާސާ ކުރުމުގެ ގޮތުން އެކުލަވާލި ރިޕޯޓް މަޖިލީހަށް ފޮނުވިއިރު، މަޖިލީހުގެ އިންތިހާބުގައި ވެސް އެމްޑީޕީން ވަނީ އެ ކަން ލާޒިމުކޮށް ގާނޫނަށް އިސްލާހު ގެންނާނެ ކަމަށް ވައުދުވެފަ އެވެ.