ގައުމީ ފުޓްބޯޅް ޓީމް

ރިސޯޓުން ރިލީޒް ހޯދައި ގައުމީ ޓީމު ޕްރެކްޓިހަށް

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާދަމް ނިޒާމް (ކިތުނާ) ވަޒީފާ އަދާ ކުރަމުން އަންނަ ސޮނެވާފުށި ރިސޯޓުން ރިލީޒް ލިބުމުން ގައުމީ ޓީމުގެ ޕްރެކްޓިހަށް ނުކުންނަށް ފަށައިފި އެވެ.

މިއަދު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ގައުމީ ޓީމުގެ ޕްރެކްޓިހުގައި ކިތުނާ ވަނީ ބައިވެރި ވެފަ އެވެ. ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަ ކުރި ސްޕަ ޔުނައިޓަޑް ސްޕޯޓްސް (ސަސްޕަޓީސް) އަށް ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިދިނުމުގައި ކިތުނާ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

ދެ ވަނަ ޑިވިޝަން މުބާރާތުގައި ސަސްޕަޓީސްއަށް ކުޅެން ކިތުނާ އެއްބަސްވީވެސް އޭނާއަށް މެޗަށް އާދެވޭ ދުވަސް ދުވަހު އެކަނި ކުޅެވޭ ގޮތަށެވެ.

ގައުމީ ޓީމަށް ކުޅުމަކީ ކިތުނާ ކުރިން ގެންގުޅުނު ހުވަފެނެކެވެ. އޭނާ ވަނީ 2005 ވަނަ އަހަރު 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޕްރެކްޓިހަށް ނުކުމެފަ އެވެ. އެހެންނަމަވެސް މާލޭގައި ހުރެވޭނެ ގޮތެއް ނެތުމުން އޭރު އެފުރުސަތު ދޫކޮށްލީ އެވެ.

ކިތުނާ ވަނީ، ރިސޯޓްގައި އުޅެމުން ލިބުނު ޗުއްޓީތަކުގައި މާލެ އައިސް 2013 ވަނަ އަހަރު ބައެއް މެޗުތަކުގައި ވިކްޓަރިއަށް ކުޅެފަ އެވެ. އެހެންނަމަވެސް އެ ފުރުސަތު ދޫކޮށްލީވެސް ލިބޭ މުސާރަ އާއި މާލޭގައި ހުރުމަށް ހޭދަވާ ހަރަދުތައް ނުބައްދަލު ވުމުންނެވެ.

އޭނާ ބުނީ އޭރު ގައުމީ ޓީމުގައި ހިމެނުމަށް އުންމީދު ކުރި ނަމަވެސް ފަހުން އެވިސްނުން ދޫކޯށްލީ މާލޭގައި ހުރެގެން ކުޅެވެން ނެތުމުން ކަމަށެވެ.

"މިހާރު ދެން ފުރުސަތު ލިބުނީމަ ވަރަށް ބޮޑު އުންމިދެއް އެއީ ފައިނަލު ސްކޮޑްގައި ހިމެނުން، އިރާދަ ކުރެއްވިއްޔާ އެކަމަށް މަސައްކަތް ކުރާނަން." މިއަދު އަވަސް އާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

ސޮނެވާއިން ރިލީޒް ހޯދައިގެން، ގައުމީ ޓީމުގެ ޕްރެކްޓިހަށް ނުކުންނަށް ފެށީ އޭނާއަށް ލިބެން އޮތް ޕްރަމޯޝަވެސް ކުރިމަތީގައި އޮއްވަ އެވެ. އެހެންނަމަވެސް ސޮނެވާގެ މެނޭޖުމެންޓުން ކިތުނާއަށް ތަނަވަސް ކޮށްދިނީ މާ ރަނަގަޅު ފުރުސަތެކެވެ. ޕްރަމޯޝަންވެސް ދީ އޭނާއަށް ގައުމީ ސްކޮޑާއެކު ޕްރެކްޓިސް ކުރުމުގެ ފުރުސަތުވެސް ތަނަވަސް ކޮށްދިނީ އެވެ.