ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(27 ފެބްރުއަރީ 2020 އާ ގުޅޭ)

"އައި ނޯ ތީ ޒެލްގެ ބައްޕަގެ ޕްރިންސަސްކަން... އެކަމަކު ކައިވެންޏަށްފަހު... ޔޫ ވިލް ބީ މައި ކުއީން... މައި ބިއުޓިލުން ކުއީން" ދާރިއަންގެ ހިނިތުންވުމުގެ ތެރެއިން ސާފު ހުދު ދަތްތައް ފެންނަން ހުއްޓެވެ. މިފަހަރު ހިނިތުންވާން ހޭޒަލްއަށް ވަގުތު ނެގިއެވެ. އެވަގުތަކީ ދާރިއަންނޫން މީހަކާމެދު ވިސްނައިގެން ނުވާނޭ ވަގުތެއްކަން ހޭޒަލްއަށް އެނގޭއިރު ވެސް ލިއަމްގެ ޚިޔާލުތަކާ ދުރެއް ނުވެވުނެވެ.

އިރުއޮއްސި ނަމާދު ވަގުތު ޖެހެންވީއިރު މަޑުމަޑުން އެންމެން ގޮސް ހާމަފެންޑާއަށް ހިމޭންކަން ވެރިވެއްޖެއެވެ. ހޭޒަލް އަދިވެސް އިނީ ދާރިއަންއާއެކުއެވެ. އެތަނުގައި ތިބީ އެ ދެމީހުން އެކަންޏެވެ. ދާރިއަން ގެއަށް ދާން ނޫޅޭތީ ހޭޒަލްއަށް ވެސް ދާށޭ ބުނަން ނުކެރިފައެވެ. އެކަކުއަނެކަކާ ވާހަކަދެއްކުމުގެ ބަދަލުގައި ދެމެދަށް ވެރިފައި އޮތް ހިމޭންކަން ދެމީހުންނަށް ވެސް ކަމުދާ ކަހަލައެވެ. އަނދިރިވަމުން އަންނަ އުޑުމައްޗަށް ދާރިއަންގެ ނަޒަރު ހުރީ ހުއްޓިފައެވެ. އޭނާގެ ސިކުނޑީގައިވީ ލިއަމްގެ ޚިޔާލުތަކެވެ. ނޭނގޭ ހާސްކަމެއް އޭނާގެ ހިތަށް ލިބެމުންދިޔައެވެ. ލިއަމްއާއި ހޭޒަލް ބައްދަލުވާން އުޅޭތީއެވެ. އެދެމެދުގައި ގާތްކަމެއް ހިނގާފާނެތީ ދާރިއަންގެ ހިތްބިރުގަންނަނީއެވެ. އެހެންނަމަވެސް އޭނާގެ އެ ޚިޔާލުތަކަކީ ހޭޒަލްއާ ޚިއްޞާކުރަން ބޭނުންވާ ޝުޢޫރުތަކެއްނޫނެވެ. ހޭޒަލްއަށް ނުތަނަވަސްކަމެއް ލިބިދާނެތީއެވެ.

ދެ ޒުވާނުންގެ ނަމުން ރިޒްވާނު ގޮވާލިއެވެ. ދާރިއަންއާއި ހޭޒަލް ތެދުވެގެން އެ ދިމާއަށް އައެވެ. މަޣްރިބު ނަމާދަށް ގޮވައިފިކަން ރިޒްވާނު ބުނެލިއެވެ. އެއާއެކު އޭނާގެ ފަހަތުން ދާރިއަންއާއި ހޭޒަލް ހާމަފެންޑާއިން ތިރިއަށް އައެވެ. އެޕާޓްމެންޓަށް ވަނުމުގެ ބަދަލުގައި ދާރިއަން ދަނީކަން ހާމަކޮށްލިއެވެ. ހޭޒަލް ބޯޖަހާލީއެވެ. ދާރިއަންއާއެކު ރިޒްވާނު ވެސް ދިޔައީއެވެ. ހޭޒަލް އެޕާޓްމެންޓުގެ ދޮރުން އެތެރެއަށް ވަންއިރު ސާއިރާ ހުރީ ހަވީރު ލީ ހެދުން ވެސް ބަދަލުކޮށްލައިގެންނެވެ. ދަރިފުޅު ގާތު ނަމާދަށް އަވަސްވެލުމަށް އޭނާ ބުނެލިއެވެ.

* * * * *

މުހުސިނާ ގޮވާލުމާއެކު ލިއަމް ވަގުތުން ނުކާނަމޭ ބުނެލިއެވެ. މަންމަގެ ސުވާލުތައް ގިނަވާން ފެށުމުން ލިއަމް އެނދުމަތިން ތެދުވެގެން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. އިރުކޮޅަކު މަޑުކޮށްލާފައި މުހުސިނާ އެކޮޓަރިން ނުކުތީއެވެ.

"ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިގެން އުޅޭ ދުވަހެއް... ދޭއް ނުޖަހަނީސް މިއަދު ގެއަށް ވެސް އަތުވެއްޖެ، އޭރުއްސުރެ އެ އޮންނަނީ ކޮޓަރީގައި، ހަވީރު ސަޔެއް ވެސް ނުބޮއެ، ޖޫސްތަށްޓެއް ގެންގޮސްދީނަ އެ ބޯލައިގެން ހުރީ" ސޯފާގައި އިން ފިރިމިހާ ސުވާލުގެ ނަޒަރަކުން ބަލާލީމާ މުހުސިނާ ބުންޏެވެ.

"ވަރަށް އަވަސްއަވަހަށް މިހާރު ރުޅިއާދޭ..." ސޯފާއިން ތެދުވަމުން ޝަމާޢިލް ބުނެލިއެވެ. ދެމަފިރިން އެކުގައި ބަދިގެ ފަރާތަށް ދާން ހިނގައިގަތެވެ.

މޫނު ދޮންނަ ތަށީގެ އަރިމަތީ ދެއަތުން ހިފާލުމާއެކު ހަށިގަނޑުގެ ބުރަ ދެއަތަށް ދޫކޮށްލައި ލިއަމް ކުރިއަށް ޖެހިލިއެވެ. ކުރިމަތީ ހުރި ހަތަރެސްކަން ބޮޑު ލޯގަނޑަށް އޭނާ ބަލާލިއެވެ. އަމިއްލަ ސޫރައިގެ ބަދަލުގައި އެ ލޯގަނޑުން އޭނާގެ ޚިޔާލުތައް ފެންނަން ފެށި ކަހަލައެވެ.

"ޒެއްލު ބުރުގާ އެޅިއްޔޭ މަންމަ ބުނީމަ އެހާ ލޯބިވާނެކަމަކަށް ހިޔެއްނުކުރަން..." ލިއަމްގެ ހިތާ އޭނާ ވާހަކަދެއްކިއެވެ.

"އެ ފިރިހެނާއާއެކު ޒެއްލު އުޅޭންވީ ކީއްވެތަ؟... އެއްވެސް ފިރިހެނަކާ ޒެއްލު ގާތްވެގެން ނުވާނެ... ޒެއްލު!... އައި މިސް ޔޫ، ޕްލީޒް... ކަމްބެކް" ލިއަމްއަށް އިސްޖަހާލެވުނެވެ. ޒާތެއްގެ ސިނގުރުޅިއެއް އޭނާގެ ނަފްސު ވަށާލަނީ ހޭޒަލްއަށް ދާރިއަން މުހިންމުވެއްޖެކަމުގެ ޚިޔާލުތައް ސިކުނޑިއަށް ވެރިވާތީއެވެ. ދާރިއަންއާމެދު ކުރިއަކުން ލިއަމްގެ ހިތުގައި ނަފުރަތެއްނުވެއެވެ. އެހެން ފިރިހެނަކަމާމެދު ހަސަދަވާނޭ ފުރުޞަތެއް ވެސް ލިއަމްއަށް ނުލިބެއެވެ. ދިރިއުޅުން "ޕާފެކްޓް"އޭ ބުނާހާ ފުރިހަމައެވެ. އެކަމަކު މިހާރު ދިރިއުޅުން މުސީބަތަކަށް ވެއްޖެއެވެ. ހޭޒަލްނޫން އަންހެނަކާމެދު އޭނާއަށް ނުވިސްނެއެވެ. އެ ޚިޔާލުތަކާ ދުރުވުމަށް ޓަކައި އަންހެނެއްގެ ގާތަށް އޭނާ ދިޔަނަމަވެސް ފާފައަކަށް އަރައިގަނެވޭގޮތެއް ނުވެއެވެ. ހަށިގަނޑުގެ ދިރުން ނެތިގެން ގޮސްފައިވާ ކަހަލައެވެ. އެއްވެސް ބީހިލުމަކަށް އޭނާގެ ހަށިގަނޑު އިޖާބައެއް ނުދެއެވެ.

މޫނާއި ބޮލާއެކު ލިއަމް ފެންއަޅައި ތެތްމާލިއެވެ. ފާރުގައި އަޅުވާފައި ހުރި ކުޑަތުވާލި ކޮޅުގައި ނަގައި މޫނު ފުހެލައި ބޮލުގައި އަޅުވާލައި ދެއަތުން ތުވާލީގެ ކޮޅުގައި ހިފަހައްޓާލައިގެން ހުއްޓެވެ.

"ޔޫ ލުކް ޕެތެޓިކް... އަ ފޫލް..." ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުރެ ލިއަމް ބުނެލިއެވެ. އޭނާގެ ދުލުން އިވިގެން ދިޔައީ އަމިއްލަ ޟަމީރުގެ އަޑު ފަދައެވެ.

"މާދަމާ... ފައިނަލީ މާދަމާ މީޓުވާނެ... އަހަރެން ޒެއްލު ހޯދަނަން... ޒެއްލު ބުނި ކޮންމެކަމެއް އަހަރެން ކުރާނަން... ޒެއްލު އަދިވެސް އަހަރެންދެކެ ލޯބިވާނެ، އޭނާއަށް އެހެންމީހެއްދެކެ ލޯތްބެއް ނުވެވޭނެ... ގޯޑް ޕްލީޒް... ޒެއްލުއަށް އެހެންމީހަކުދެކެ ލޯތްބެއް ނުވެވޭނެ" ހިތްނުތަވަސްކަމާއެކު ލިއަމްއަށް ދެފަރާތަށް ބޯހޫރާލެވުމާއެކު ބުނެލެވުނެވެ.

* * * * *

ތަޙައްޖުދު ނަމާދަށް ތެދުވި ގޮތަށް ހޭޒަލް އިނީ އަޅުކަމުގައެވެ. ލިއަމްގެ ކުރިމަތީ ސާބިތުވެ ހުރުމުގެ ހިތްވަރު އޭނާއަށް ދެއްވުމަށް އެދި ދުޢާކުރިއެވެ. އެނާގެ ނިންމުންމަކީ އެންމެ ރަނގަޅު ނިންމުން ކަމުގައިވުމަށް އެދި ދެންނެވިއެވެ. އަދި އާދައިގެ މަތިން ލިއަމްގެ ފާފަފުއްސަވާ ދެއްވާ އޭނާއަށް ތެދުމަގު ދެއްކެވުމަށް ވެސް ހޭޒަލް ދުޢާކުރިއެވެ. އެހެން ރޭ ރެއަށްވުރެ ގިނައިރު އޭނާ އަޅުކަމުގައި އިނެވެ. ފަތިސް ނަމާދަށް ގޮވީ ވެސް އެހެން އިންދައެވެ. ލިއަމް ކަންތައްކުރި ގޮތުން އޭނާ ދެރަވި ނަމަވެސް ލިއަމްގެ މައްޗަށް ބަދު ބަހެއް އޭނާ ނުބުނެއެވެ. ލިއަމްގެ ދިރިއުޅުން ނަރަކައަކަށްވުމަކަށް ވެސް އޭނާ ނޭދެއެވެ. އޭނާ ބޭނުންވަނީ ލިއަމްއަށް ހެޔޮ ގޮތް ވިސްނި ކުށްތަކަށް ތަޢުބާވުމެވެ.

ހެނދުނު ހަގަޑި ފަނަރަކަން ހާއިރު މިފަހަކަށް އައިސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދާރިއަން ގުޅައެވެ. މިއަދު އޭނާ ގުޅައިފިއެވެ. ކިޔަވުން ނިންމާލާފައި ހަތިމު ދުރުގައި ބާއްވާލި ހޭޒަލް ފޯނަށް ޖަވާބު ދިނެވެ. ފޯނުގައި ހުރެ ނަމާދު ހެދުން ބަދަލުކޮށް އޭނާ ކޮޓަރިން ނުކުތެވެ. އޭރު ދަރިފުޅުގެ ޚަބަރެއް ނުވެގެން އެ ކޮޓަރިއާ ދިމާއަށް އައި ސާއިރާގެ ފިޔަވަޅު މަޑުޖެހުނެވެ. ދަރިފުޅު ފޯނުގައި ހުރުމުން އަންނާށޭ އަންގާލީ އަތުގެ އިޝާރާތުންނެވެ.

އިއްގެ އެއްގޮތަށް ވެސް ލިއަމްގެ ވާހަކަ ނުދައްކާ ހުރެފައި ދާރިއަން އެ މައުޟޫޢު ނެގިއެވެ. ހޭޒަލް ކަނޑައެޅި ގަޑިއަށް އޭނާ އަންނާނޭކަން ދާރިއަން ބުންޏެވެ. ހޭޒަލް ހުރީ ދާރިއަންގެ ނިންމުމާ ރުހިގެންނެވެ. ލިއަމްއާ ގާތްކަމެއް ބޭއްވުމަކީ ދާރިއަން ގަޔާވާކަމެއްނޫންކަން ހޭޒަލް ދެނެގަތީއެވެ. އެހެންވެ ދާރިއަންގެ ހިތުގައި ވަހުމެއް އުފެދޭން ހޭޒަލް ފުރުޞަތެއް ނުދޭނެއެވެ. އެ ދެމީހުންގެ ކައިވެންޏަށް ޚުދު ހޭޒަލްގެ މަންމައާއި ބައްޕަ ވެސް އުންމީދު ކުރެއެވެ. އެމީހުންގެ އުފާވެރިކަން ދެން ދުވަހަކުވެސް ގެއްލުނަ އޭނާ ނުދޭނެއެވެ.

"ޒެއްލުގެ ބައްޕަ ގުޅި..." ހެނދުނުގެ ނާސްތާކުރަމުން ސާއިރާ ބުނެލިއެވެ. ހޭޒަލްއަށް ބަލާލެވުނީ ރިޒްވާނަށެވެ.

"ބައްޕަ މީނީނު..." ޝަކުވާގެ ހިތަކާއެކު ރިޒްވާނަށް ހޭޒަލްގެ ބޮލުން އިޝާރާތްކުރިއެވެ. އެހިނދު ރިޒްވާނު ހީނލީއެވެ.

"ސީރިއަސްކޮށް ބުނި އެއްޗެކޭ" ރިޒްވާނު ހީނލުމުން ހޭޒަލްއަށް ކަމުނުދިޔައީ ކަހަލައެވެ. ދެން ވެސް ރިޒްވާނު އިނީ ހިނިއައިސްފައެވެ. އޭނާގެ ތަށްޓަށް ސާއިރާ ލައިދިން އޮރެންޖު ކޮޅު ހޭޒަލްއަށް ދިއްކޮށްލިއެވެ.

"މި ބައްޕައެއްނޫނޭ ގުޅީ" ލުއި ހިނިތުންވުމަކާއެކު ރިޒްވާނު ބުންޏެވެ. ހޭޒަލް ބަލާލީ މަންމައަށެވެ.

"ހުޒާމް!... އޭނާ ހުރީ މާލޭގައި... ކައިވެނީގެ ކަންތަކުގައި އޭނާއަށް ގުޅީމަ އެނގުނީ... ޒެއްލު ދެވަނަ ކައިވެންޏެއް ކުރަން އުޅޭކަން އެނގުމުން އެހި ދަރިފުޅު ރަނގަޅުތޯ، މަންމައަށް ހީވަނީ ދަރިފުޅު ދުށުމަށް ބައްޕަ ބޭނުންވާހެން، އިއްޔެ އަންނާށޭ ބުނަން ނުކެރުނީ ދަރިފުޅުގެ ޚިޔާލެއް ނޭނގޭތީ" ސާއިރާ ވާހަކަދެއްކިއެވެ.

"މި ފަސްގަނޑުގައި ބައްޕަ ހުރިއިރު ދަރިފުޅުގެ ކައިވެންޏަށް ދަޢުވަތުދޭންވާނެ" ރިޒްވާނު ބުންޏެވެ. މޭޒުމަތީ އޮތް ދަރިފުޅުގެ އަތުގައި އޭނާ ހިފާލިއެވެ. ހޭޒަލް ހީވަނީ އެ ވާހަކައާ ގަޔާނުވެފައި އިންހެނެވެ.

"އޭރުންނޯ!... އެންމެން ހީކުރާނީ ކީކޭ... ތިއެއްނު އަޅުގަނޑުގެ ބައްޕައަކީ، އޭނާ އައީމަ އެންމެން ހީކުރާނީ އެއީ ކަމަށް ބައްޕައަކީ، އަޅުގަނޑު ކައިރީ ހުންނަންވާނީ ރިޒްވާނުބައްޕަ" އިންތިހާ ކަންބޮޑުވުން ކުއްލިއަކަށް ހޭޒަލްގެ މޫނުން ފާޅުވިއެވެ. ރިޒްވާނަށް އަނގަހުޅުވުނު ގޮތަށް އިނދެވުނީއެވެ. ދުނިޔޭގައި ހުއްޓާ އެފަދަ މާތް ދަރަޖައެއް އޭނާއަށް ހޭޒަލް ދީނީތީ އުފަލުން އެހިތް ރޯލިއެވެ. އިޙްސާސްތައް ނުހިފެއްޓިގެން އޭނާ ގޮނޑިން ތެދުވި ގޮތަށް ދަރިފުޅުގެ ކޯތާފަތުގައި ދެއަތުން ހިފާލުމާއެކު ނިތްކުރީގައި ބޮސްދީފިއެވެ. އެންމެ ފަހަރަކު ނޫނެވެ. ތިން ހަތަރުފަހަރަށެވެ. ހޭޒަލްގެ އަތްތިލަ ނަގައި ރިޒްވާނުގެ މުށުތެރެއަށް ލިއެވެ. އޭނާ ވެސް އެ ދަރިފުޅު އެހެންމީހަކަށް ދޭން ނޭދޭކަހަލައެވެ.

"ޒެއްލު... ދަރިފުޅު ތީ ވިސްނޭ ކުއްޖެއްނު..." ސާއިރާ ގޮވާލުމުން ހޭޒަލް ހިމޭންވިއެވެ. ޝަކުވާތައް ހިތުގައި ފޮރުވާލިއެވެ.

ރިޒްވާނުގެ ނަޞޭޙަތުގައި ހޭޒަލް ހިފާނޭކަން އެ ދެމަފިރިންނަށް ޔަގީންވެއެވެ. ދަރީންގެ މައްޗަށް އޮންނަންޖެހޭ ހައްޤު ބައްޕަ އަދާ ނުކުރި ނަމަވެސް ބައްޕަ ވާނީ ބައްޕައަށްކަން ރިޒްވާނު ބުންޏެވެ. މައިންބަފައިންނާމެދު އިހާނެތިކޮށް ކަންތައްކުރާ ދަރިއަކަށް ހޭޒަލް ނުވުމަށް އޭނާ ނަސޭޙަތްތެރިވިއެވެ. މަޢާފުކުރުމާއެކު ކެތްތެރިވުމުގެ ސިފަ ޚިޔާރުކުރުމަކީ ކާމިޔާބު ލިބިގެންވާ އަޅުންގެ ސިފައެއްކަން ހޭޒަލްއަށް ބުނެދިނެވެ. ހުރިހާކަމަކީ ވެސް ﷲގެ މިންވަރުފުޅެވެ.

ސާއިރާއާއި ރިޒްވާނަށް ފެންނަ ގޮތަކަށް ކަންތައް ކުރުމަށް ހޭޒަލް ބުނެލީ މަޑުމަޑުންނެވެ. ހުޒާމްއަކީ އޭނާ އުފަންވުމަށް މެދުވެރިވި ބައްޕައެވެ. އެކަމުގެ ސަބަބުން ރިޒްވާނަށް ބައްޕާއޭ ގޮވާލުމުގެ ފުރުޞަތު ހޭޒަލްއަށް ލިބިއްޖެއެވެ. ހުޒާމްއަށްވުރެ ބޮޑަށް އޭނާގެ ބައްޕައަކަށްވާން އެދެނީ ރިޒްވާނެވެ.

"ސުވަރުގޭގައި އަޅުގަނޑުވާނީ ބައްޕަގެ ކުއްޖަކަށް، އަޅުގަނޑު ﷲއަށް ދަންނަވާނަން... މަރުވަންދެން ދެންނެވުމުގައި ދެމިހުންނާނަން، އެތަނުގައި ހަމައެކަނި މަންމައާއި ރިޒްވާނުބައްޕަގެ ކުއްޖަކަށްވުމަށް... އިނގޭ!..." ހިމޭނުން ބޮޑު ފިކުރަކަށް ގެއްލިފައި އިނދެފައި ކުއްލިއަކަށް އިސްއުފުލާލައި ހޭޒަލް ވާހަކަދެއްކިއެވެ. ރިޒްވާނާއި ސާއިރާއަށް ހީވީ އެމީހުންގެ ކުރިމަތީ އިނީ ކުޑަކުއްޖަކު ހެންނެވެ. ވާހަކަދެއްކުމުގައި ޅަގޮތް ހުއްޓެއްކަމަކު ދެއްކީ ހަރުދަނާ ވާހަކަތަކެކެވެ. އެމީހުންގެ ހިތްތައް އުފުލިގެން ދާފަދަ ފިނިކަމެއް އެ ދަރިފުޅުގެ ފުށުން ފެންނަމުން ދިޔައެވެ. ހޭޒަލްގެ ދިރިއުޅުމަށް ހުޒާމް އަންނަން އޭނާ އެއްގޮތަކަށް ވެސް ބޭނުންނުވާކަން ސާއިރާއާއި ރިޒްވާނަށް ވެސް ސާފުވިއެވެ.

"ދަރިފުޅާއެކު ބައްޕަ ސުވަރުގެ ވަންނަން އެދެނީ" ހޭޒަލްގެ ބޮލުގައި ބާއްވާލި އަތްތިލައާއެކު ރިޒްވާނު ހިނިތުންވެލިއެވެ.

* * * * *

ދާރިއަންއަށް ލިބެމުންދިޔަ ހާސްކަން ފަހަރަކަށްވުރެ ފަހަރެއް އިތުރުވަމުން އައެވެ. ކާރުގެ ހުންގާނުގައި ހިފަހައްޓާލައިގެން އިންއިރު ދެއަތުގެ ބޮޑުވައި އިނގިލިން އެއްވަރަކަށް ހުންގާނުގައި ތަޅާލަތާޅާލާ އިނދެވުނެވެ. ކާރު އައިސް ހޭޒަލްގެ ގޭ ދޮރުމައްޗަށް މަޑުކޮށްލިއިރު ދޮރޯށި ދޮށުގައި ހޭޒަލް ހުއްޓެވެ. ކާރުގެ ދޮރުފަތް ދާރިއަން ހުޅުވާލަން އުޅުނެވެ. އެހެންނަމަވެސް އޭނާއަށްވުރެ ކުރީން ހޭޒަލް ދޮރުފަތް ހުޅުވާލައި ކާރައަށް އަރައިފިއެވެ.

"ޔޯ ޕޭރެންޓްސްއަށް އެނގޭތަ؟" ކާރު ދުއްވާލަމުން ދާރިއަން އަހާލިއެވެ. ބޯޖަހާލާފައި ހޭޒަލް ވާހަކަދެއްކިއެވެ.

"ދާރިއަންއާއެކު ދާތީ ބައްޕަ ހުރީ ހިތްހަމަޖެހިފަ" ހޭޒަލް ބުންޏެވެ.

"އަހަރެމެން ކައިވެނިކުރަން އުޅޭ ވާހަކަ ބުނަންތަ ލިއަމްއާ ބައްދަލުކުރަނީ" ދާރިއަންއަށް ނީނދެވިގެން އަހާލެވުނެވެ.

"ދާރިއަން.... މިހާރު އަހަރެމެންނަކީ ހިލޭ ދެމީހުންނަށް ވިޔަސް، އަހަރެން އޭނާއާއެކު ހަތް އަހަރު އުޅުނިން، އަހަރެން އޭނާގެ ގާތުން ވަރިވީ... އޭނާ ބޭނުންވެގެންނެއްނޫން... އަލުން ދިރިއުޅުމެއް ފަށަން ގަސްދުކުރި މީހަކީ ވެސް އަހަރެން... އަހަންނާ ބައްދަލުކުރާނޭ ފުރުޞަތެއް އޭނާއަކަށް ނުދެން، އަހަރެންގެ މަޖުބޫރުކަން ހިތުން ފިލުވާލަން ބޭނުން، ރީތިގޮތުގައި ދެ މީހުން ދުރުގައި ތިބެން އަހަރެން ގަސްދުކުރަނީ، އެހެންވީމަ ކައިވެނި ކުރުމުގެ ކުރީން ލިއަމްއަށް އޭނާ އެ ބޭނުންވާ ފުރުޞަތު ދޭން އަހަރެން ނިންމީ، އޭނާ ދައްކާ ވާހަކަ އަހަރެން އަޑުއަހާނަން... ކައިވެންޏަށްފަހު މި ފުރުޞަތު އޭނާއަށް ދޭކަށް ނޭދެން، އަހަންނަށް ހުރިހާ ވާހަކައެއް ދާރިއަން ގާތު ޚިއްޞާއެއް ނުކުރެވޭނެ، އެ ސިއްރުތަކަކީ އަހަންނާއި ލިއަމްއާ ދެމެދުގައި އޮތް ސިއްރުތަކެއް، އެ ސިއްރުތަކުން އަހަރެންގެ ނަފްސު މިނިވަންކުރާނަން... ހުރިހާކަމެއް މާޒީއަށް ދޫކޮށްލާނަން، މިއަދަށްފަހު... މިއަދަކީ އަހަރެންގެ ކުރީގެ ފިރިމީހާއާ ބައްދަލުކުރާނޭ އެންމެފަހު ދުވަސް..." ދާރިއަންއަށް ލިބިފައިވާ ނުތަނަވަސްކަން ހޭޒަލް ދެނެގަތެވެ. އޭނާގެ ވާހަކައިން އެ ނުތަނަވަސްކަމަށް ލުޔެއްދޭން ހޭޒަލް އެދޭ ކަހަލައެވެ.

"އައި ޓްރަސްޓް ޔޫ..." ދާރިއަން މަޑުމަޑުން ބުނެލިއެވެ.

* * * * *

ޒަމާނީ ފަރުމާއަކަށް ހަދާފައި ހުރި އެ ރެސްޓޯރެންޓަކީ ލިއަމްއާއެކު އެންމެފަހުން ހޭޒަލް އައިތަނެވެ. މާބޮޑު ތަނެއްނޫންވީމާ މީހުން އެހާ ގިނައެއްނޫނެވެ. ހަވީރުގެ ވަގުތަށް މިއަދު އެތާކު އޭނާނޫން މީހަކު ނެތެވެ. ފަހަރެއްގައި ދުނިޔެމަތި ބަނަކޮށް އޮތީމާކަމަށް ވެދާނެއެވެ. ވިލާމަތިން ވިލާލަމުން ދިޔައިރު ދެންމެދެންމެ ވާރޭ އޮއްސާލަފާނޭހެން ހީވެއެވެ. އޭނާ އިނީ ވެސް ހޭޒަލްއާއެކު އެ ދުވަހު ތިބި މޭޒުގައެވެ. މަގުމަތި ފެންނަ ގޮތަށް ހުރި ބިއްލޫރި ބިތް ކައިރީ ދެ މީހުންނަށް އިށީނދެވޭނޭހެން ހުރި މޭޒުގެ ދޮށުގައެވެ. ޚިޔާލުތަކުގައި އިނދެފައި ލިއަމްގެ ނަޒަރު ބޭރަށް ހުއްޓުނީ ކާރެއް މަޑުކޮށްލިތަން ފެނިގެންނެވެ. ގޮނޑިން ތެދުވިގޮތަށް ހަލުވިކޮށް ދޮރުން ލިއަމް ނުކުތެވެ. ދުވާރުމަތީ މަޑުކޮށްލުމާއެކު އޭނާއަށް ހޭޒަލް ފެނުނެވެ.

"އޭނާ ކީއްކުރަން އައީ... ހަމައެކަނި ޒެއްލުއާ އަހަރެން މީޓުކުރަން މިއައީ" ނުރުހުމާއެކު ލިއަމްއަށް ބުނެވުނެވެ.

"ނިމުނީމަ ގުޅާނަން" ފަސްއެނބުރި ދާރިއަންއަށް ބަލާލާފައި ހޭޒަލް ބުންޏެވެ. ދާރިއަން ބޯޖަހާލައި ކާރު ދުއްވާލީއެވެ.

"އޭނާއާއެއްކޮށް ކީއްވެތަ ތިއައީ؟" ލިއަމްއަށް ޝަކުވާކޮށްލެވުނެވެ. ހޭޒަލް އަނގައިން ބުނުމެއްނެތި ރެސްޓޯރެންޓަށް ވަނުމަށް އައެވެ. ލިއަމް ދުވެލާފައި އައިސް އަވަހަށް ދޮރުހުޅުވާލަ ދިނެވެ.

"ހިއާ... އަހަރެމެންގެ މޭޒު..." ލިއަމް މޭޒަށް އިޝާރާތްކޮށްލިއެވެ. ހޭޒަލްއާ ދެމީހުން އެކަކުއަނެކަކަށް ކުރިމަތިވާނޭހެން މޭޒުދޮށުގައި އިށީނދެއްޖެއެވެ.

"ހިތަށް އުނދަގޫވީތަ؟... އޭނާއާއެއްކޮށް ފެނުނީމަ؟" ލިއަމްއާ ނަޒަރު ސީދާކޮށްލުމާއެކު ހޭޒަލް އަހާލިއެވެ. ވަގުތުން ލިއަމް މޫނު ހަދާލިއެވެ.

"އާން!... އުނދަގޫވޭ، ވަރަށް ބޮޑަށް އުނދަގޫވޭ.... ޒެއްލުއަކީ ހަމައެކަނި އަހަރެންގެ މީހެއް" ލިއަމް ނިކަން އަވަހަށް ބުންޏެވެ. ހޭޒަލް ސުކޫތުކޮޅަކަށް ލިއަމްއަށް ނަޒަރު ހުއްޓާލި ގޮތަށް އިނެވެ. އެކަން ލިއަމްއަށް ފާހަގަވިއެވެ. ނިކަން އަވަހަށް އޭނާގެ މޫނުން ފޫހިކަން ފިލައި ހިނިތުންވެލިއެވެ. ލޯބިވެތި ބެލުމަކުން ހޭޒަލްއަށް ބަލަންފެށިއެވެ.

"އެ ދުވަހު އަހަންނަށް އިޙްސާސްވާނީ ކިހިނެއްކަން މިހާރު އެނގިއްޖެއެއްނު... ދާރިއަންއާއެކު އަހަރެން ގޯސް ޢަމަލެއް ހިންގަނިކޮށް ލިއަމްއަށް ފެނުނުނަމަ އަދި ކޮބާވާނޭގޮތަކީ... ދުނިޔޭގެ ކޮންމެބިތެއްގައި އަހަރެންވަރުގެ ގޮތެއްފޮތެއްނެތް ވިޔާނުދާ އަންހެނަކު ނެތޭ ގޮވަމުން ދުވާނީތަ؟... އެފަދަ ހާލަތެއްގައި ވަގުތުން އަހަރެން ވަރިއެއް ނުކުރާނަންތަ؟... މަޢާފުކޮށްފައި އެއްވެސް ކަމެއްނުވާކަމަށް ހަދާލައިގެން އުޅޭނީތަ؟ ލިއަމްއަށް ޔަގީންކަން އޮންނާނެތަ އެހެންވެއްޖެނަމަ ދެން ވެސް އަހަރެން އެފަދަ ޢަމަލެއް ނުހިންގާނޭކަން..." ހޭޒަލްގެ ވާހަކަ އިވުމާއެކު ލިއަމްގެ މޫނު ހުދުވިއެވެ.

"ޒެއްލޫ..." މަޑުމަޑުން ލިއަމްއަށް ހޭޒަލްއަށް ގޮވާލެވުނެވެ.

"އެންމެފަހަރަކުނޫން... ކިތައް ކަންތައް... ތިމާގެ ޟަމީރު ގޯސްވާހަކައެއް ނުބުނާނެ... އަހަންނަށް ކަންކަން ފާހަގަވާން ފެށީ އެކަމެއްގައި ލިއަމް އުޅޭތާ ކިހާ ދުވަހެއްފަހުންކަމެއް ނޭނގެ... އެކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ... ތީ ހެއްދިފަރާތްދެކެ ވެސް ބިރުގަންނަ މީހެއްނޫން، އެކަލާނގެ ލަޢުނަތްލެއްވި ގޮތްގޮތަށް އުޅެމުންދިޔައިރު ކޮންމެފަދަ ކޯފާއެއް ވެސް ފޮނުވާފާނޭކަމުގެ އެއްވެސް ބިރެއް ތިހިތަކުނެތް... އެފަދަ މީހަކު އިންސާނަކަށްވާނެތަ؟... ދެދުނިޔެ ގެއްލޭވަރު އަހަންނަށް ކުރީ ލިއަމް... އެނގޭތަ ކީއްވެކަން.... އަހަރެން މަރުވާން ބޭނުންވީމަ... ކިތަންމެ ފަހަރަކު ހިތަށް އެރި މަރުވާނެނަމައޭ... އަހަންނަކަށް ކެތެއްނުވާނޭ..." ހޭޒަލްގެ ދެ ލޯ ފެންކަޅިވިއެވެ. އެހެންނަމަވެސް އޭނާ ނުރޮއެވެ. ކަރުނަތައް ދިރުވާލީއެވެ. އިސާހިތަކު ލޮލުގައިވި ކަރުނައިގެ ތެތްކަން ހިނދިއްޖެއެވެ.

"އަހަރެން... މިހާރު އެހެންނޫޅެމޭ... ޕްލީޒް ޒެއްލު... އަހަންނަށް ހެދުނު ވަރަށް ބޮޑު ގޯހެއް އެއީ... ޕްލީޒް ބިލީވް މީ... އަހަރެން ދެން ދުވަހަކުވެސް އެހެނެއްނޫޅޭނަން... ގޯޑް ޕްރޮމިސް، އައި އޭމް ރިއަލީ ސޮރީ... އެތައްހާސް ފަހަރު ސޮރީއޭ ބުންޏަސް ނުފުދޭނެކަން އެނގޭ... އަހަރެން އަދިވެސް ލޯބިވަނީ ޒެއްލުދެކެ، އަލުން ކައިވެނިކުރަން ބޭނުން، އައި ސްވެއާ... އަހަރެން ޒެއްލުއަށް ވަފާތެރިވާނަން، ދުވަހަކުވެސް ދެން އެކަހަލަ ވިޔާނުދާކަމެއްނުކުރާނަން، ޕްލީޒް ޒެއްލު... ހަމައެންމެ ފަހަރަކު އަޅެ ޤަބޫލުކޮށްބަލަ... އަހަރެން ހާދަ ލޯބިވެޔޭ ޒެއްލުދެކެ" ލިއަމްގެ އަޑުގައި ގަދަކޮށްލުމެއް މިފަހަރު ނެތެވެ. އޭނާ އާދޭސްކުރަނީއެވެ.

"އިތުބާރު އޮތްނަމައެއްނު އަލުން ގެއްލޭނީ... ތިބުނާ ދަރަޖައަށް ލިއަމް އަހަރެންދެކެ ލޯބިވާނަމަ މި ދުވަހެއް ނައީސް، އަހަރެން ހުރީ ލިއަމްގެ މީހަކަށްވެފައި، ލިއަމް އެނބުރިގޮތަކަށް އެނބުރެމުންއައީ... ބުނި ކޮންމެ އެއްޗެއް ޤަބޫލުކުރީން... ހިތަށްކުޅަދާނަނުވިޔަސް ފިރިމީހާގެ މައްޗަށް ޝައްކުކުރާކަށްނުވާނޭ އަމިއްލަ ނަފްސަށް ވިސްނައިދިން، ޝައްކުކުރާނަމަ ދެ މީހުން ވަކިވާންޖެހިދާނޭ ހީވާތީ އެކަމާ އަހަރެން ބިރުން ހުންނަނީ... ލިއަމްއާ ވަކިވާން އަހަރެން ބޭނުންނުވާވަރު މިބުނީ... އެކަމަކު ލިއަމްއަށް އަހަރެން މިލްކުވީމާ ވެސް ނުފުދުނު... ކީއްވެ؟... އަހަންނަށް ލިއަމް އެދޭ ފަދަ ހަރާންކުރެއްވި ގޮތުގައި އުފާކޮށް ނުދެވޭތީތަ؟"

ލިއަމް ކުއްލިއަކަށް ދެއަތްތިލަ ޖޯޑުކޮށްލައި މޭޒުމަތީ ދަމާލިއެވެ. ހޭޒަލްއާ ކައިރިއަށް އެ ދެއަތް ފޯރުކޮށްލުމަށެވެ. އޭނާ އާދޭސްކޮށްލިއެވެ. ދެފަރާތަށް މެދުކެނޑުމެއްނެތި ބޯހޫރިއެވެ. އެ ވާހަކަތައް ނުދައްކާށޭ ލިއަމް ބުނާކަހަލައެވެ.

"އަހަރެންގެ ލައިފްގަ އެންމެ ލޯބިވިމީހަކީ ތީ... އަހަރެން މިސްޓޭކް ހެދީ، އަހަރެން ޤަބޫލުކުރަމޭ... ޒެއްލު ޕްލީޒް... ޒެއްލު ބުނެބަލަ އަހަރެން ހަދަންވީ ގޮތެއް... ޒެއްލު ބުނި ކޮންމެ ގޮތެއް ހެދިގެން އަހަރެން އުޅޭނަން... ޕްލީޒް... ބުނެބަލަ... ކީއްކުރިއްޔާ ޒެއްލު އަހަރެން ގާތަށް އަންނާނީ... އަލުން ކައިވެނިކުރާނީ... ޒެއްލު އައި ނީޑް ޔޫ... ޕްލީޒް... މެރީ މީ" ލިއަމް ބޯތިރިކޮށް އިސްޖެހިއެވެ.

"ލިއަމް ބުނެބަލަ ކީއްވެކަން އެހެން އުޅެންޖެހުނީ" ހޭޒަލް އެނގެން ބޭނުންވެފައި އޮތް ސުވާލު އަނެއްކާ ވެސް ކުރިއެވެ. ލިއަމްގެ ޢަމަލުތަކުން ފަސްޖެހުން ފާޅުވެއެވެ. އޭނާ ތުންފިއްތާ ގޮތުން އެ ވާހަކަތައް ހާމަކުރަން ބޭނުންނުވާވަރު ހޭޒަލް ދެނެގަތެވެ.

"ޒެއްލޫ..." ބުނަން ނުކެރިގެން ލިއަމް މަޑުމަޑުން ގޮވާލިއެވެ.

"ކޮންމެވެސް ކަމެއްގެންތާ އަހަރެންގެ ފިރިމީހާ ޒިނޭކުރަން ޖެހޭނީ" ހޭޒަލްގެ ވާހަކަތަކުގައި ހުންނަ ސީދާގޮތުން ލިއަމްއަށް އުނދަގޫވިއެވެ.

"އެއްވެސް ކަމެއްވެގެންނެއްނޫން... ޓްރައިކޮށްލަން ހިތަށް އެރީމަ ކުރެވުނީ... އޮފީހުގެ ސަބަބުން ފަސޭހަކަމާއެކު އެކަމަށް މަގުފަހިވެފައި އޮތީމަ އެކަމުގައި އުޅޭ މީހުންގެ ވާހަކަތަކަށް ޝައުގުވެރިވެވުނީ..." ލިއަމްގެ އަޑު ނަމަވެސް ހޭޒަލްއަށް އިވުނެވެ. ހިނދުކޮޅަކަށް ހޭޒަލްގެ ހިތް ހުއްޓުނު ކަހަލައެވެ.

"ދެން ވެސް ޓްރައިކޮށްލަން ހިތަށް އަރާއިރަށް އެކަން އޮންނާނީ ކުރެވިފައި" ހިތްފުނޑުފުނޑުވަމުން ދިޔައިރު އެ އަސަރުތައް ފޮރުވާލައިގެން އިން ހޭޒަލް ބުންޏެވެ.

"ނޫން... ދެން ނުވާނެ... ދުވަހަކުވެސް ދެން ނުވާނެ... އެކަހަލަކަމެއް އަހަރެން ނުކުރާނަން، އައި ޑޯންޓް ވޯންޓް ޓު ލޫސް ޔޫ، ޒެއްލު އެދެފިނަމަ އަހަރެން ޖޮބް ވެސް ދޫކޮށްލަފާނަން، ޒެއްލުގެ އިތުބާރު ހޯދަން އަހަރެން ކޮންމެކަމެއް ވެސް ކޮށްފާނަން" ލިއަމް ބުނެލިއެވެ.

"އަހަންނަކަށް ލިއަމްއަކާ ގުޅެވޭކަށްނެތް؟..." ހޭޒަލް މަޑުމަޑުން ބުނެލިއެވެ. އޭނާގެ ނަޒަރު ލިއަމްއާ ވަކިވެ މޭޒުމައްޗަށް ހުއްޓުނެވެ.

"ނޯ... ޕްލީޒް ޑޯންޓް ސޭ... ދާރިއަންއާ ރައްޓެހިވީމަތަ އަހަންނަށް ފުރުޞަތެއްނެތީ؟... އޭނާ އެއުޅެނީ ޒެއްލުއަށް ރަނގަޅަކަށްނޫން، އޭނާގެ ކަންތައް މާމައްޗަށް އެދަނީ... އެވަރުކުރާއިރު ވެސް..." ލިއަމްއަށް ބުނެވުނު އެއްޗަކާމެދު އޭނާއަށް ވިސްނާލެވުނީ ހޭޒަލްގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރިތަން ފެނިއެވެ.

"އޭނާގެ ކާރުގައި މީހުންގެ އަނބިން ކައިރިއަށްވަންނީއޭ ޖެހީމަ ލިއަމް ބޭނުންވާގޮތްވާނެތަ؟" ހޭޒަލް ބުނެލީ ޔަގީންކަމާއެކުއެވެ. ލިއަމްގެ މޫނުން ފާޅުވި އަސަރުތަކުން ހޭޒަލްއަށް ޔަގީންވީ ހާމަކުރެވުނީ ތެދުކަމެވެ.

"އޭނާ ބުނީ ދޯ... މާ ރަނގަޅުވާންވެގެން... އަހަރެން އޭނާދެކެ ރުޅިއަންނަންޖެހުނީ ކީއްވެކަން ޒެއްލުއަށް އެނގެއްނު" ލިއަމް ބުނެލިއެވެ.

"އޭނާ އަހަރެން ގާތު ލިއަމްގެ އެއްވެސް ވާހަކައެއް ނުދައްކާ، ވަރިވީ ކީއްވެތޯ ވެސް ނާހާ... އޭނާއަކީ ބޭކާރު ކަންކަން ކުރާމީހެއްނޫން... އޭނާ އަހަރެންގެ ގާތުގައި ރައްޓެހިވާކަށް ނާހާ... އޭނާ ބޭނުންވަނީ އަހަންނާ އިންނަން... ލިއަމްއާ އޭނާއާ ހުރި ފަރަގު އެނގޭނަމަ އަނގަ ވެސް ހުޅުވާލަން ނުކުރުނީސް... ކުރެވުނު ކުށް ޤަބޫލުކުރެވޭއިރު އެއްފަހަރު ވެސް ސަޖިދައަށް ތިރިވިންތަ؟... އަހަރެން އެނބުރި އާދޭތޯ ﷲއަށް އާދޭސް ދެންނެވިންތަ؟... އަހަރެން ހިތް ބަދަލުނުވޭތޯ ދުޢާކުރީންތަ؟ އަހަރެންގެ ހަޔާތަށް އެހެން ފިރިހެނަކު ނާދޭތޯ ސަޖިދައިގައި ކިތައްރޭ އޮތިން.... ތަޢުބާވެ ކުށަށް އިޢުތިރާފުވާ މީހަކު ފަރާތުން ފެންނާނޭ އެއްވެސް ސިފައެއް އަދިވެސް ލިއަމްގެ ފުށުން ނުފެނޭ" ހޭޒަލްއަށް ބުނެވުނެވެ. އޭނާގެ ހިތުގެ ރިހުން ގަދަވެ އަޑުގައި މަޑުތުރުތުރެއްވިއެވެ.

"އަހަރެން ތިހެން އުޅޭނަމޭ... ޒެއްލު އޭނާއާ ނުގުޅޭތި، އަހަރެން ޒެއްލު ބޭނުންވާހެން އުޅޭނަން" ލިއަމް ބުންޏެވެ.

"އަހަރެން އޭނާއާ އިންނަން ރަންކިޔައިފިން..." ވަގުތުކޮޅަކަށް ހިމޭނުން އިނދެފައި ހޭޒަލް ބުންޏެވެ.

(ނުނިމޭ)