ފަޒްނާ އަހުމަދު

މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރަން ފަސްޓްލޭޑީ ގޮވާލައްވައިފި

Mar 1, 2020

މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރުން އިސް ކުރަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ގޮވާ ލައްވައިފި އެވެ.

އެކަމަނާ މިކަމަށް ގޮވައިލައްވާފައި ވަނީ، ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން "ފުރާތަ" އިގެ ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ ހަރަކާތް އިފްތިތާހު ކޮށްދެއްވުމަށް މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަސްޓް ލޭޑީ ވިދާޅުވީ، ފަރުދީ ހެވާއި ލާބަ އައި މަންފާއަކީ މުޅި މުޖުތަމައުގެ ހެވާއި ލާބައާ މަންފާގެ މައްޗަށް ބަރޯސާވެފައިވާ ކަންކަން ކަމަށާއި އެކަން އިހުސާސްވުމާއެކު ކޮންމެ ފަރުދަކަށް ވެސް އިޚްތިޔާރު ކުރެވޭނީ މުޖުތަމައުގެ ލާބައާއި މަންފާ އިސްކޮށް، މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރަން ކަމަށެވެ.

މީގެ އިތުރުން ދަތިކަމަކަށްވިޔަސް އަމިއްލަ ބޭނުންތައް އެކަނި ފުއްދާލައިގެން ފަރުޖެހެން ނެތްކަން ކޮންމެ ފަރުދަކުވެސް ޤަބޫލު ކުރަން ގޮވައިލައްވާ އެކަމަނާ ވިދާޅުވީ ލިބޭ ކޮންމެ މޮޅަކާއި ލާބައެއް މުޖުތަމައުގެ އެހެން މީހުނާ ހިއްސާ ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި، އެކަން އެގޮތަށް ނުކުރާނަމަ، މުޖުތަމަޢު ނިކަމެތިވެ ބަލިކަށިވެދާނެ ކަމަށާއި، ކޮންމެވެސް ދުވަހަކުން ކޮންމެ ފަރުދަކަށް ވެސް އޭގެ އަސަރާ ކުރިމަތިލާން ޖެހިދާނެކަން ގަބޫލު ކުރާން ޖެހޭނެ ކަމަށެވެ.