ތިމާވެށި

ކުނީގެ މައްސަލަ ހައްލުވާނީ އެންމެން ނުކުމެގެން: ފަސްޓް ލޭޑީ

މޫދާއި ގޮނޑުދޮށްތަކާއި މަގުތަކަށް ކުނި އެޅުން ހުއްޓުވޭނީ ހުރިހާ އެންމެން ޒިންމާ ނަގައިގެން ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ، ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ބޭއްވި ހުޅުމާލޭގެ ގޮނޑު ދޮށް ސާފު ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ހުޅުމާލޭގެ ދޭއް، ޔޫތު ސިޓީގައި އޮތް އެ އިވެންޓްގައި ފަސްޓް ލޭޑީ ވިދާޅުވީ، ގޮނޑުދޮށްތަކާއި މޫދު ފަދަ ތަންތަން ސާފު ކުރުމަކީ ޕްލާސްޓިކާއި ދެކޮޅު، ވަރަށް ބޮޑު ހަނގުރާމައެއް ކަމަށެވެ.

އެކަމަނާ އަދި ވިދާޅުވީ ސާފު ކުރާ ޕްރޮގްރާމްތަކުން އެކަނި ކުނީގެ މައްސަލަ ހައްލު ނުވާނެ ކަމަށާއި ނަތީޖާ ފެންނާނީ އެންމެން އިސް ނަގައި ކުނި އެޅުން ހުއްޓާލުމުން ކަމަށެވެ. މީގެ އިތުރުން ބާޒާރު ކުރުމާއި އެހެން ބޭނުންތަކުގައި ވެސް ތިމާވެއްޓާ ރައްޓެގި އަތް ދަބަސް ގެންގުޅެން އެކަމަނާ މިއަދު ގޮވާލެއްވި އެވެ.

ކުނި ނައްތާލުމާއި ރިސައިކަލް ކުރުމުގައި ރާއްޖެއަށް ގޮންޖެހުންތަކާއި ކުރިމަތިވާކަން ފާހަގަ ކުރައްވައި ވިދާޅުވީ އެއިން އަރައި ގަނެވޭނީ ވެސް އެންމެން ބައިވެރިވެގެން ކަމަށެވެ.

ހުޅުމާލޭގައި މިއަދު ފެށީ އީޔޫގެ އެހީގައި ސްވިޗް އޭޝިއާ އިން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ޕްލާސްޓިކް މަދު ކުރަން ފެށި ޕްރޮޖެކްޓް، "ޕްރޮމިސް - ޕްރިވެންޝަން އޮފް މެރިން ލިޓާ އިން ލަކްޝަޑްވީޕް ސީ" ޕްރޮގްރާމެވެ. މި ޕްރޮގްރާމް ރާއްޖޭގައި ހިންގަން އިސްވެ އޮންނާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އެވެ.

ކަނޑަށް އަޅާ ޕްލާސްޓިކް މަދުކުރަން ހިންގާ މި ރިސާޗް މަސައްކަތުގައި އިންޑިއާގެ ކެރަލާގެ ވެސްޓް ކޯސްޓް، ސްރީލަންކާގެ ނޯތް ވެސްޓް އަދި ސަދަން ޕްރޮވިންސުން ވެސް ބައިވެރިވެ އެވެ.