ހޮލީވުޑް

ބްލަޑްލައިން: ނެޓްފްލެކްސްގެ އެންމެ މޮޅު ޑްރާމާ

އޮންލައިން ސްޓްރީމިން މީޑިއާއެއްގެ ގޮތުގައި އޮވެ ނެޓްފްލެކްސް އިން އެ ދަނީ ޓީވީ ޝޯތަކުގެ ދުނިޔެ މަޑުމަޑުން ފަތަހަކުރަމުންނެވެ. އެގޮތުން "ހައުސް އޮފް ކާޑްސް" އާއި "އޮރޭންޖު އިޒް ދަ ނިއު ބްލެކް" އަދި "މާވެލްސް ޑެއާޑެވިލް" އާއި އިހަކަށް ދުވަހު ނެރުނު "ނާކޯސް" އަކީ ފާހަގަކޮށްލެވޭ އުފެއްދުންތަކެކެވެ.

ނަމަވެސް އެންމެން ވެސް ބުނަމުން ދަނީ މި އަހަރުގެ މާޗް މަހު ނެޓްފްލިކްސް އިން ގެނެސްދިން ޑްރާމާ "ބްލަޑްލައިން" އަކީ އެމީހުންގެ އޮރިޖިނަލް އުފެއްދުންތަކުގެ ތެރެއިން އެންމެ މޮޅު މަސައްކަތް ކަމަށެވެ. "ބްލަޑްލައިން" މިހާރު ވަނީ ދެ ވަނަ ސީޒަނަކަށް އާކޮށްފަ އެވެ.

މިއީ އެ ޑްރާމާގެ އެކްޓަރުންގެ ހުނަރުވެރިކަމަށާއި އޭގެ ލިޔުންތެރިކަމަށް އަދި ސިނެމެޓޯގްރެފީ އާއި ޑައިރެކްޝަނަށް ތައުރީފު އޮހެމުންދާ ޑްރާމާއެކެވެ.

މި ޑްރާމާގެ ކާމިޔާބީގެ ފަހަތުގައިވާ އެންމެ ބޮޑު ހިއްސާ އަކީ އެފްއެކްސްގެ މަޝްހޫރު ޑްރާމާ "ޑެމޭޖަސް" އުފެއްދުމުގައި އިސްކޮށް އުޅުނު އަދި އެ ޑްރާމާ ލިޔުމުގައި އިސްކޮށް އުޅުނު ޓޮޑް ކެސްލާ އާއި އޭނާގެ އޭނާގެ ބޭބެ ގްލެން ކެސްލާ އާއި އެ ޑްރާމާގައި އެމީހުންނާ އެކު މަސައްކަތްކުރި ޑެނިއަލް ޒެލްމަން އެވެ.

މި ޑްރާމާ ވެސް އުފައްދައި ލިޔެ އެއަށް ގެންނަން ޖެހޭ ކުލައެއް ގެނެސްފައި ވަނީ މި ތިން ލިޔުންތެރިންނެވެ. މި ޑްރާމާގައި އެންމެ ބޮޑަށް ތައުރީފު އޮހެމުން ދަނީ ވެސް މި ތިން މީހުން ގުޅިގެން ލިޔެފައިވާ އެޕިސޯޑްތަކަށެވެ. ވަކިން ހާއްސަކޮށް މި ޑްރާމާ އަށް އެމީހުން ފައްކާކޮށްފައިވާ ނޮން-ލީނިއާ ނެރެޓިވް ސްޓްރަކްޗާ ވެފައި ވަނީ ބެލުންތެރިންގެ ފެވަރިޓަކަށެވެ.

މި ތިން ލިޔުންތެރިން "ޑެމޭޖަސް" އިން ގޯލްޑެން ގްލޯބް ވެސް ހާސިލުކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ. އެހެންވީމަ ކުރިއަށް އޮތް އެވޯޑް ސީޒަނުގައި ވެސް ކާމިޔާބުވުމުގެ ފުރުސަތު ބޮޑެވެ.

"ބްލަޑްލައިން" އަކީ އާއިލާއެއްގެ ތެރޭގައި ހިނގާ ކޯޅުންތަކަކާއި ޖަރީމާތަކެއް ދައްކުވައިދޭ އަސަރުގަދަ އަދި ނޭވާހިފަހައްޓާލަން ޖެހޭހާ މޮޅު ޑްރާމާ އެކެވެ. ތޭރަ އެޕިސޯޑްގެ ފުރަތަމަ ސީޒަނުގެ ތަރިންނަކީ ކައިލް ޗޭންލާ އާއި ބެން މެންޑެލްސަން އަދި ލިންޑާ ކާޑެލީނީ އާއި ސިސީ ސްޕެކް އަދި ނޯބަޓް ލިއޯ އެވެ.

މީގެ ތެރެއިން ސިސީ އާއި ކައިލް އައި ބެން މެންޑެލްސަން މި ޑްރާމާގައި ކުޅެފައިވާ ރޯލުތަކުގެ ވަރުގަދަކަމަކީ ވެސް ޑްރާމާ އަށް ތައުރީފު އޮހެމުންދާ ސަބަބެކެވެ.

މިއަހަރުގެ ޕްރައިމް ޓައިމް އެމީ އެވޯޑްސް އަށް ވާދަކުރާ ފަރާތްތައް އިއުލާނުކޮށްފައިވާއިރު އެންމެ މޮޅު ލީޑް އެކްޓަރުގެ އެވޯޑަށް ކައިލް ޗޭންލާ ވާދަކުރެ އެވެ. އަދި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑަށް ބެން މެންޑެލްސަން ވާދަކުރެ އެވެ.

މި ޑްރާމާގެ އެޕިސޯޑްތައް ޑައިރެކްޓްކޮށްފައިވާ މަޝްހޫރު ނޫން ޑައިރެކްޓަރުންނަށް ވެސް ދަނީ ތައުރީފު އޮހެމުންނެވެ. ފުރަތަމަ ދެ އެޕިސޯޑް ޑައިރެކްޓްކޮށްފައި ވަނީ "ބްރޭކިންބޭޑް" އާއި "ވޯކިން ޑެޑް" ގެ ބައެއް އެޕިސޯޑްތައް ވެސް ޑައިރެކްޓްކުރި ޖޯއެން ރެންކް އެވެ.