ދިވެހި ސިނަމާ

ޑާކްރެއިންގެ "ބަޅިނދު" ދައްކާލައިފި

ޑާކް ރެއިން އެންޓަޓައިންމަންޓުން ދެން އެންމެ އަވަހަށް ގެނެސްދޭ، ބިރުވެރި ފިލްމު "ބަޅިނދު" ގެ ލޯގޯ ޓީޒާއެއް ދައްކާލައިފި އެވެ.

30 ސިކުންތުގެ ކުރު ޓީޒާ އެއް ދައްކާލި އިރު ފިލްމުގައި ސިހުރު ހަދަން ގެންގުޅޭ ފޮތްތަކުގައި ހުންނަ އަކުރު ތަކަކާއި ފިލިތަކެއް ހިމަނާފައިވާ ވަށް ބުރެއް ފެނެ އެވެ. އެއާއެކު ފެންނަނީ ފިލްމުގެ ނަމެވެ. އިތުރު ޓީޒާ އަކުން ފިލްމުގެ ރަހަތައް އެނގޭނެ އެވެ.

ފިލްމުގެ ޓީޒާ ޓްވިޓާގައި ރިލީޒް ކޮށްފައި --

މި ފިލްމުގެ ޝޫޓިން މިހާރު ކުރިއަށްދާއިރު މިއީ އަހްމަދު ޝިނާންގެ ޑައިރެކްޝަނުގެ ދަށުން ނެރޭ ދެވަނަ ބިރުވެރި ފިލްމެވެ. ޑައިރެކްޓަރު ފާތުމަތު ނަހުލާ އާއެކު "4426" ގައި ޝިނާން ވަނީ ޑައިރެކްޝަންގައި ބައިވެރިވެފަ އެވެ. "ބަޅިނދު"ގެ ސްކްރީން ޕްލޭ ހަދާފައިވަނީ، ފިލްމީ ދާއިރާ އަށް އާ ޒުވާނެކެވެ.


ޑާކްރެއިންގެ ފަރާތުން ގިނަ ފިލްމުތަކެއްގެ މަސައްކަތް ކުރަމުންދާއިރު، "ބަޅިނދު" ސްކްރީން ކުރާނެ ތާރީހެއް އަދި ނުނިންމަ އެވެ. އެ ސްޓޫޑިއޯ އިން މިހާރު އަންނަނީ ލޯބީގެ ދެ ފިލްމު، "ކައިވެނީގެ އަމާޒު" އަދި "ނޮވެމްބަރު"ގެ މަސައްކަތް ވެސް ކުރަމުންނެވެ. "ނޮވެމްބަރު"ގެ ރިލީޒް ޑޭޓް އިއުލާންކޮށް މިހާރު ކުރިއަށްދަނީ އެ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކަމަށް އެ ސްޓޫޑިއޯ އިން ބުނެ އެވެ.

މީގެ ކާސްޓުންގެ ތެރޭގައި ޖުމައްޔިލް ނިމާލް (ޖުމަލް) އާއި އިސްމާއީލް (ޖުމާ) ޖުމައިހް އާއި މުހައްމަދު ޔުނާން އާއި އައިމިނަތު ރަޝްފާ (އާޝާ) އާއި ޝަރާ އަދި ހުނޭޝާ އާދަމް ލީޑުގައި ހިމެނެ އެވެ.