ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސްކޫލްތަކުގެ އިތުރު ހަރަކާތްތައް މެދުކަނޑާލަން އަންގައިފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގެ ސްކޫލުތަކުގައި ހިންގާ އިތުރު ހަރަކާތްތައް މެދުކަނޑާލަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއި ކުރައްވައި ސްކޫލްތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ކޮރޯނާ ވައިރަސް ރާއްޖެއަށް އައުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި މި ދުވަސްވަރު ރާއްޖެއިން ބައެއް ދަރިވަރުން ހިމަ ބިއްސަށް ޕޮޒިޓިވް ވެފައި ވާތީ އެ ކަން ކޮންޓްރޯލް ކުރުމަށް ވެސް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މި ދެ ބަލިން ދަރިވަރުން ރައްކާތެރި ކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ކޮރޯނާ ވައިރަސްއާ ބެހޭ ޓެކްނިކަލް ޓީމާއި ހިމަ ބިއްސާ ބެހޭ ޓެކްނިކަލް ޓީމާ އެކު ކުރި ފަންނީ މަޝްވަރާތަކާއެކު މި ވަގުތަށް ސްކޫލްތަކުގެ އިތުރ ހަރަކާތްތައް މަޑުޖައްސާލަން ހަމަޖައްސާފައިވާ ކަމަށް އެ ސާކިއުލާގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ގެ ޓާސްކް ފޯޖުގެ މަޝްވަރާތަކަށް ރިއާޔަތްކޮށް އެޑިއުކޭޝަން މިނިސްޓްރީން އެޗްޕީއޭގެ ޓެކްނިކަލް ޓީމުގެ ފަންނީ މަޝްވަރާ ގަވާއިދުން ހޯދަމުން ދާނެ ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.

އެ ގޮތުން ކޮރޯނާ ވައިރަސް ފެތުރެމުންދާ މިންވަރާއި ހަލާތަށް ބަލައި އެޗްޕީއޭގެ ޓެކްނިކަލް ޓީމުގެ ފަންނީ ލަފާ ހޯދުމަށް ފަހު ސްކޫލްތައް ބަންދު ކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ކަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގަމުން ގެންދާނެ ކަމަށް ވެސް ސާކިއުލާގައި ބުނެފައިވެ އެވެ.

ޗައިނާގައި ފެތުރެން ފެށި ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން ގޮސް މިހާރު އެ ވައިރަސް ވަނީ 61 ގައުމަކުން ފެނިފަ އެވެ. އެ ބަލީގައި 2،900 މީހުން މަރުވެފައިވާއިރު 85،000 އަށްވުރެ ގިނަ މީހުނަށް އެ ވަައިރަސްއަށް ޕޮޒިޓިވް ވެފައިވެ އެވެ.