މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ޖަމިއްޔާ ނުވަތަ މާލެ ޓެނަންޓްސް ޔުނިއަން (އެމްޓީޔޫ) އިން އިސްވެގެން ތައްޔާރު ކުރި ކުލި ކޮންޓްރޯލް ކުރަން ގޮވާލައި ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެމްޓީޔޫ އިން ބުނީ ރައްޔިތުންގެ މަޖިލީހަށް އެ ޕެޓިޝަން ހުށަހަޅާފައި ވަނީ 800 މީހުންގެ ސޮޔާ އެކީގަ އެވެ. އަދި މަޖިލީހަށް ހުށަހެޅުމަށްޓަކައި އެ ޕެޓިޝަން ސްޕޮންސާ ކޮށްދެއްވީ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިންނެވެ. އަލީ ހުސައިން ވަނީ ކުލި ކޮންޓްރޯލް ކުރަން ތާއީދު ކުރައްވައި އެތައް ޓްވީޓެއް ވެސް ކުރައްވާފަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހަށް ބިލެއް ނުވަތަ ގަރާރެއް ނުވަތަ ޕެޓިޝަނެއް ވެސް ހުށަހެޅޭނީ މަޖިލީހުގެ މެންބަރަކު މެދުވެރިކޮށެވެ. މި ގޮތުން ސަރުކާރުންނާއި ޖަމިއްޔާ ޖަމާއަތްތަކުން އަދި ވަކިވަކި ފަރުދުން ވެސް މަޖިލީހަށް ޕެޓިޝަން ހުށަހަޅާނަމަ މެންބަރަކު އެ ޕެޓިޝަނެއް ސްޕޮންސާ ކުރަން ޖެހެ އެވެ.
މާލޭގެ ކުލި ބޮޑުވުމުގެ މައްސަލަ ހައްލު ކުރަން ސަރުކާރުގެ ސިޔާސަތަކީ މާލެ ސަރަހައްދަށް ސޯޝަލް ހައުސިން އިތުރުކޮށް ރާއްޖޭގެ އެހެން ސަރަހައްދުތައް ތަރައްގީކޮށް މާލެއަށް އޮންނަ ޑިމާންޑް ކުޑަ ކުރުމެވެ. އެކަމަކު އެ ގޮތަށް ސަރުކާރުން އަމަލު ކުރަމުން ނުދާ ކަމަށް އެމްޓީޔޫއިން މީގެ ކުރިން ބުނެފައިވެ އެވެ.
ކުލި ކޮންޓްރޯލް ކުރަން އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވަނީ، ސަރުކާރުން ކުއްޔާ ބެހޭ ބިލެއް ވެސް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. އެ ބިލުގައި ރަޖިސްޓްރީ ކުރުމެއް ނެތި މާލޭގައި ދިރިއުޅެއް ކުއްޔަށް ދިނުން މަނާ ކޮށްފައިވާއިރު ކުއްޔަށް އުޅޭ މީހުންގެ ބައެއް ހައްގުތައް ވެސް ހިމަނާފައިވެ އެވެ. އެކަމަކު ދިރިއުޅެން ދޫކުރާ ތަންތަނުގެ ކުލި ވަކި އަގުތަކެއްގައި ކޮންޓްރޯލް ކުރަން ހިމަނާފައެއް ނުވެ އެވެ.