ދިޝާ ޕަޓްނީ

"އޭކް ވިލަން" ކުޅޭނެ ފުރުސަތެއް ނުލިބޭ: ދިޝާ

ދިޝާ ޕަޓްނީގެ އެންމެ ފަހުގެ ރިލީޒް "މަލަންގް" އަށް ހީނުކުރާ ވަރުގެ ކާމިޔާބެއް ލިބުމުން އޭނާއަށް ވަނީ ވަރަށް އުފާވެރިކަން ލިބިފަ އެވެ. އަދިތުޔާ ރޯއި ކަޕޫރާއެކު އޭނާ ކުޅުނު މި އެކްޝަން ތުރިލާގައި ދިޝާ އަދާކުރި ނެގެޓިވް ކެރެކްޓާއަށް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ.

އަދި މީގެ ދެ ދުވަސް ކުރިން ރިލީޒްކުރި "ބާޣީ 3" އަށް އޭނާ ކުޅެދީފައިވާ ލަވަ ވެސް ގިނަ ބަޔަކަށް ވަރަށް ކަމުދިއުމުގެ ސަބަބުން ދިޝާގެ ތަރީގެ ވިދުން ވަނީ އިތުރަށް ގަދަވެފަ އެވެ. "ބާޣީ 3" އަކީ ދިޝާގެ ހަގީގީ ލޯބިވެރިޔާ ޓައިގާ ޝްރޮފް އާއި ޝްރައްދާ ކަޕޫރު ލީޑް ރޯލު ކުޅޭ ފިލްމެކެވެ. މީގެ ދެ ވަނަ ބައިގައި ލީޑް ރޯލު ކުޅުނީ ދިޝާ ނަމަވެސް މި ފަހަރުގެ ފިލްމުގައި އޭނާ ކުޅެނީ ހަމައެކަނި މި ލަވަޔެވެ.

"މަލަންގް"ގެ ކާމިޔާބަށްފަހު އެ ފިލްމުގެ ޑައިރެކްޓަރު މޯހިތު ސޫރީ އަލަށް ފަށާ "ވިލަން 2"ގެ ބަތަލާގެ ރޯލު ވެސް ދިޝާ އަށް ލިބިފައިވާ ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައި ވިޔަސް މިއީ އެއްވެސް އަސްލެއް ނެތް ވާޙަކަތަކެއް ކަމަށް ދިޝާ ބުންޏެވެ. އަދިތުޔާ ރޯއި ކަޕޫރާއި ޖޯން އެބްރަހަމް މި ފިލްމު ކުޅެން ސޮއި ކުރި ނަމަވެސް ބަތަލާގެ ރޯލަށް އަދި އެއްވެސް އެކްޓަރެއް ނުނަގާ ކަމަށް ޚުދް މޯހިތު ވެސް ބުނެފައި ވެއެވެ.

ދިޝާ ބުނި ގޮތުގައި އެ ފިލްމުގެ ރޯލު ކުޅެން އޭނާއަށް ހުށަހަޅާފައެއް ވެސް ނުވެ އެވެ. ފިލްމު ކުޅުމާ ގުޅޭ ގޮތުން ވިސްނޭނީ ވެސް އެ ފުރުސަތު ލިބިފައިވާނަމަ ކަމަށް ދިޝާ ބުންޏެވެ.

ސަލްމާން ޚާނާއެކު "ރާދޭ"ގެ ބަތަލާގެ ރޯލު މިހާރު ކުޅެމުންދާ ދިޝާ އިތުރަށް ކުޅެން ސޮއިކޮށްފައި ވަނީ އެކްތާ ކަޕޫރުގެ "ކޭޓީނާ" ކިޔާ ފިލްމެކެވެ. މި ދެ ފިލްމުން އިތުރު އެތައް މިލިއަން ބައެއްގެ ހިތް ފަތަހަކުރަން ދިޝާ ދަނީ ތައްޔާރު ވަމުންނެވެ. ނަމަވެސް "އޭކް ވިލަން 2" ދިޝާ އަށް ދިނުމާ ގުޅޭ ގޮތުން އެ ފިލްމުގެ ޑައިރެކްޓަރު އަދި ވަކި ގޮތެއް ނުނިންމަ އެވެ.